twitterviber whatsapp telegramfacebookyoutube instagram
6th May 2024

ހިތަދޫގެ ނިކަމެތި އާއިލާއެއްގެ ދިރިއުޅުން އޭޑީކޭއިން ބަދަލުކޮށްލައިފި

Jun 1, 2019

ހާލުގައި ޖެހި އަސާސީ ހިދުމަތްތަކުން މަހުރޫމުވެ، ނިކަމެތިކަމުގައި ދިރިއުޅެމުންދިޔަ ލ. ހިތަދޫގެ އާއިލާއަކަށް އޭޑީކޭ ހޮސްޕިޓަލް ހިންގާ އޭޑީކޭ ޓްރޭޑުން އެހީތެރިކަން ފޯރުކޮށްދީ، އާއިލާއަށް އުފާވެރިކަން ގެނެސްދީފި އެވެ.

ލ. ހިތަދޫ، އާރާސްތުގެ އޭޑީކޭ ޓީމަށް ފާހަގަވީ އެ ފަދަ ނިކަމެތި އާއިލާއެއް ހޯދުމަށް އެ މީހުން ރާއްޖޭގެ އެކި ރަށްރަށަށް ދަތުރުކުރަނިކޮށް އަތްފުނާ އަޅަނިކޮށްނެވެ. ބައްޕަގެ އެހީތެރިކަމާ ނުލައި މަންމަ ފަސް ކުދިން ގެންގުޅެމުންދާއިރު އެންމެ އަސާސީ ބޭނުންތައް ވެސް ނުފުދި ދިރިއުޅުން ވަނީ ބޮއްސުންލާފަ އެވެ. ސްކޫލަށް ބޭނުންވާ ސާމާނު ނުގަނެވޭތީ ކުދިން ސްކޫލަކަށް ނުދެ އެވެ. ގޭގައި ފާހާނާއެއްވެސް ނުހުންނައިރު އާމްދަނީ ލިބޭނެ ގޮތެއް ނެތެވެ.

މަންމައާ އެކު 18 އަހަރު ނުފުރޭ ފަސް ކުދިން އުޅެމުންދާއިރު އާމްދަނީ ހޯދުމަށް ދޮށީ ދެ ފިރިހެން ކުދިން ދަނީ މަހަށެވެ. އެކަނިވެރި މައިންނަށް ދައުލަތުން ދޭ އިނާޔަތް، މަންމަ އައިމިނަތު މުހައްމަދަށް ލިބުނު ނަމަވެސް އެއިން ދިރިއުޅުމުގެ ހަރަދުތައް ދެކޮޅެއް ނުޖެހެ އެވެ. އާއިލާގެެ ނިކަމެތިކަމުން މީހުން މަލާމާތް ކުރާތީ ދެން ހުރި 13 އަހަރުގެ ފިރިހެން ކުއްޖާ ސްކޫލަކަށް ނުދެ އެވެ. އޭޑީއޭއިން އާންމުކޮށްފައިވާ ވީޑީއޯ އިން ފެންނަގޮތުގައި އެ އާއިލާ ދިރިއުޅެމުންދާ ގޭޔަކީ ހާލަތު ވަރަށް ދަށް ގެޔެކެވެ. އެގޮތުން ކުދިން ނިންދަވަނީ ވަރަށް ބައުވެފައިވާ އެންމެ ގޮދަނޑިއެއްގައެވެ.

ކަރަންޓްވެސް ނުހުންނައިރު ކުދިން ނިންދަވާފައި ތިބޭއިރު ހިނި ފަދަ ސޫފި ކުދިންގެ ގަޔަށް އަރާ މަންޒަރުވެސް ވީޑިއޯއިން ފެނެ އެވެ. އެހާވެސް ހާލުގައި އެވެ. ފާހާނާ ނުހުންނާތީ ދޭހާ އަތްވެގަ އާއި ވާރޭގައި ކުދިން ފާހާނާ ކުރަންދާ ޖެހެނީ އަތިރިމައްޗަށެވެ. ކުދިންގެ މަންމަ، އައިމިނަތު ބުނާގޮތުގައި އޭނާއަށް ގޯސްތަކެއްވެސް ހެދިފައިވާ ކަމަށާއި އެ ގޯސްތައް ހެދެނީވެސް މަޖުބޫރުވެގެންކަމަށާއި އެކަމާ ހިތާމަކުރާ ކަމަށެވެ. ނިކަމެތިވުމުން އެކަމުގެ ފައިދާ ބައެއް މީހުން ނަގާކަމާއި މިހާރުވެސް ނިކަމެތިކަމުގެ ނާޖާއިޒު ފައިދާ ބައެއް މީހުން ނަގާކަމަށް އޭނާ ވީޑިއޯގައި ބުނެފައިވެ އެވެ.

އޭޑީކޭގެ ސީއެސްއާރު ޕްރޮގްރާމްގެ ދަށުން އެ އާއިލާއަށް ވަނީ އުފާވެރިކަމާއި ހިތްހަމަޖެހުން ގެނުވާފަ އެވެ. އެންމެ 10 ދުވަސްތެރޭގައި އެ ޖިފުޑިގަނޑު މަރާމާރުކޮށްދީ، ފާހާނާ އާއި ބަދިގެ އާއި ސިޓިންރޫމު ޒަމާނީ ފެންވަރަށް ވަނީ ބަދަލުކޮށްލައި ނަލަކޮށްލާފަ އެވެ. ރޯދަމަސް ފެށެން މަދު ދުވަސްކޮޅަށްވެފައިވަނިކޮށް ވިއްސަރާއާއެކު ގެ މަރާމާތުކުރުމުގެ މަސައްކަތް އޭޑީކޭއިން ކުރިއަށްގެންދިޔައީ ވަރަށްވެސް ބާރު ސްޕީޑްގަ އެވެ.

ފާހާނާއަކާއި ސިޓިންރޫމެއް ގެއަށް އިތުރު ކުރި މުޅި ގޭގައި ސިމެންތި ޖަހައި ކުލަ ލައި އަދި ތަށިމުށި ޖެހި އެވެ. ކޮޓަރިތަކުގައި އެންމެ މިޒަމާނުގެ ފަރުނީޗަރު ބެހެއްޓިއިރު ބަދިގޭގައި ވެސް ކަބަޑު ސެޓު ބަހައްޓައި މުޅިން އާ ކުރި އެވެ.

ނިކަމެތި އާއިލާ އަށް އުފާވެރިކަން ގެނުވި މި ވީޑިއޯ އާއްމު ކުރުމާއެކު ގިނަ ބަޔަކުވަނީ ވީޑިއޯ ޝެއާރކޮށް، އޭޑީކޭއަށް ތައުރީޕާއި ޝުކުރު އޮއްސާލާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355