ޑައިވް ކުރުމުގެ ތެރޭގައި ޑިކޯވާ މީހުންނަށް ފަރުވާދޭން ހާއްސަ ދެ ޗެމްބަރާ އެކު، އޭޑީކޭ ހޮސްޕިޓަލުގައި ހައިޕާބެރިކް ޓްރީޓްމެންޓް ޔުނިޓެއް ގާއިމްކޮށްފި އެވެ. މިއީ، ރާއްޖޭގައި ހޮސްޕިޓަލެއްގައި އެ ހިދުމަތް ދޭން ފެށި ފުރަތަމަ ފަހަރެވެ.
އޭޑީކޭގައި އިއްޔެ ހަވީރު ބޭއްވި ހަފުލާގައި އެ ޔުނިޓް ހުޅުވައިދެއްވީ ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމްއެވެ.
އޭޑީކޭގެ ޗީފް މެޑިކަލް އޮފިސަރު ޑރ. އަބްދުﷲ ނިޔާފް ވިދާޅުވީ، ރާއްޖޭގެ ހޮސްޕިޓަލެއްގައި މިފަދަ ވަސީލަތެއް ގާއިމް ކުރަން ޖެހެނީ ޑައިވް ކުރުމުގައި ޑީކޮމްޕްރެޝަން ހާދިސާތައް ހިނގާ މިންވަރު އިތުރުވެގެން ނޫން ކަމަށާއި ނަމަވެސް ހޮސްޕިޓަލެއްގައި އެފަދަ ހިދުމަތެއް ލިބެން ނުހުންނަ ނަމަ، ޑައިވިންގައި ޑީކޮމްޕްރެޝަން ހާދިސާތަކާ ދިމާވާ މީހުންނަށް ފަރުވާދޭން ގޮންޖެހުންތައް ކުރިމަތިވާ ކަމަށެވެ.
އެގޮތުން އެމީހެއްގެ ހާލު ދެރަ ނަމަ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާ ދޭން ޖެހޭ ކަމަށާއި ރައްކާތެރި ނޫން ދިގު ދަތުރެއްކޮށް ޗެމްބަރު ހުންނަ ތަނަކަށް އެމީހަކު އުފުލަން ޖެހޭ ކަމަށް ޑރ. ނިޔާފު ވިދާޅުވި އެވެ.
ޑީކޯ ޗެމްބަރުގައި ގިނައިން ފަރުވާ ދެނީ ފީނަން ގޮސް އުޅޭ ވަގުތު ބައެއް ފަހަރު އަވަހަށް މައްޗަށް އަރަން އުޅޭ ވަގުތު ޑީކޯ ވެގެންނެވެ. ނަމަވެސް އެ ކަންކަމުގެ އިތުރުން ވެސް ޗެމްބަރުގައި ފަރުވާ ދޭނެ އެވެ.
ޑޮކްޓަރު ވިދާޅުވި ގޮތުގައި ފަސޭހަ ނުވެ، ގިނަ ދުވަސްވެފައި ހުންނަ ފާރުތަކާއި ފިހިފައި ހުންނަ ތަންތަން ފަސޭހަކުރުމަށް ވެސް ޑީކޯ ޗެމްބަރުތައް ބޭނުންކުރާނެ ކަމަށެވެ.
މީގެ ކުރިންވެސް ޑީކޯގެ މައްސަލަތައް ކުރިމަތިވެގެން ހަމައެކަނި އެކަމަށް ފަރުވާދެވެން ހުރީ ކ. ބަނޑޮސް އައިލެންޑް ރިސޯޓުގައި އެކަންޏެވެ.