twitterviber whatsapp telegramfacebookyoutube instagram
26th April 2024

މަސްޖިދުލް ޙަޟާރަތުގައި އީދު ނަމާދުކުރީ ފަރުވާކުޑަކޮށް، ގިނަ ބަޔަކު ހިތްހަމަނުޖެހިފަ

- އިމާމު ނަމާދުކުރީ އަވަސް އަރުވާލާފަ
- ގިނަ ބަޔަކަށް ނަމާދު ފުރިހަމަ ކުރާނެ ވަގުތުވެސް ނުލިބުނު

އަބްދުލް ވާހިދު ޙަސަން
Jun 5, 2019
12

ކުޅުދުއްފުށީ މަސްޖިދުލް ޙަޟާރަތު (ހުކުރު މިސްކިތް)ގައި އިއްޔެ ފިތުރު އީދު ނަމާދުކުރި ގޮތާމެދު ގިނަ ބަޔަކު ނުރުހުންފާޅުކޮށް ކަންބޮޑުވެއްޖެ އެވެ. މިރަށުގައި އެންމެ ބޮޑު ޖަމާއަތް އޮންނަ ޙަޟާރަތުގައި އިއްޔެ އިމާމުވެ ފިތުރު އީދު ނަމާދުކުރެއްވީ ހުސެއިން މުހައްމަދެވެ.

އެމިސްކިތުގައި ފިތުރު އީދު ނަމާދުގެ ޖަމާއަތުގައި ބައިވެރިވި ބައެއް މީހުން ކޭއޯއަށް މައުލޫމާތުދެމުން ބުނީ އިމާމު ނަމާދަށް ގޮވާލުމާއެކު ނަމާދުކުރަން ފެށި ކަމަށާއި އެ ދޭތެރޭ ސަފު ހަދަން އެއްވެސް ވަރަކަށް ވަގުތު ނުދީ، އިމާމު އަވަސް އަރުވާލާފައި ނަމާދުކުރަން ފެށި ކަމަށެވެ.

" އާއްމުގޮތެއްގައި ސަފަށް ގޮވާފަ. ޖަމާއަތަށް ސަފު ހެދޭނެ އެކަށީގެންވާ ވަގުތު އިމާމުން ދޭ. އަދި ސަފަށް ގޮވާ. ސަފުތައް އެއްވަރުކުރަންވެސް ގޮވާނެ. މިއިން އެއްވެސް ކަމެއް އިއްޔެގެ އީދު ނަމާދުގައި އިމާމުގެ ފަރާތުން ފެނިގެންގޮސްފައިނުވޭ." ޖަމާއަތުގައި ބައިވެރިވި ކުރީގެ ކައުންސިލަރަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެކަމުގައި އިމާމްމެދު ފިޔަވަޅު އަޅަން ޖެހޭ ކަމަށާއި އެ ބޮޑު ޖަމާއަތުގައި ބައިވެރިވި ގިނަ ބަޔަކަށް ނަމާދުގެ ފުރަތަމަ ރަކުއަތް ލިބުނުކަމާ މެދުވެސް ސުވާލު އުފެދޭ ކަމަށެވެ.

ޖަމާއަތުގައި ބައިވެރިވި އެހެން ބަޔަކު ބުނީ ނަމާދު އަވަސް އަރުވާލާފައިކުރި ވަރުން ތަކްބީރުތައް ކިޔަން ވަގުތު ނުލިބި، ބައެއް ތަކުބީރުތައް އޮޅުނު ކަމަށެވެ. ޖަމާއަތުގައި ގިނަ އަދަދެއްގެ ދުވަސްވީ މީހުންވެސް ބައިވެރިވި އިރު ގިނަ ބަޔަކަށް ނަމާދު ފުރިހަމަ ނުކުރެވުނުކަމަށް ކޭއޯއަށް ވާހަކަދެއްކި ގިނަ ބަޔަކު ބުންޏެވެ.

" ނަމާދުކުރީ މުޅިން ނުބައިކޮށް. ސަފަށް ގޮވުމާއެކު ދެން އިވުނީ ނަމާދުކުރަން ފެށިތައް. އަވަސް އަރުވާލާފައި ކުރިވަރުން ވީއެއް ނުވީއެއް ނޭނގުނު." އަންހެނަކުން ބުންޏެވެ.

އެހެން މީހަކު ބުނީ ދެވަނަ ރަކުއަތުގައި ތަކުބީރު ކިޔާފައިނުވާ ކަމަށާއި ސަފުތަކުގެ އެއްވަރުވެސް ނުވާ ކަމަށެވެ. ގިނަ ސަފުތައް ފުރިހަމަނުވާއިރު މިއީ ވަރަށް ބޮޑު މައްސަލައެއްކަމަށް އެމީހާ ބުންޏެވެ. އެފަދަ ބޮޑު ޖަމާއަތަކަށް ލާން ޖެހޭނީ ގާބިލު އިމާމުންކަން އެމީހާ ފާހަގަކުރި އެވެ.

ނަމާދުކޮށް ނިމުމާއެކު ބައެއް މީހުން އިމާމު ކައިރިއަށްގޮސް ނަމާދުކުރި ގޮތާމެދު ހިތްހަމަނުޖެހުންފާޅުކޮށް ހެދި ކަމަށް މަންޒަރު ފެނުނު ބައެއް މީހުން ބުންޏެވެ.

މިކަމާގުޅިގެން ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން ވިދާޅުވީ، މަސްޖިދުލް ޙަޟާރަތުގައި ނަމާދުކުރި ގޮތާމެދު ހިތްހަމަނުހުންފާޅުކޮށް އެކަމުގެ ޝަކުވާ ކައުންސިލަށް ލިބިފައިވާ ކަމަށެވެ. އެމައްސަލަ ބަލާނީ ބަންދަށްފަހު އޮފީސް ހުޅުވުމުން ކަމަށް އޭނާ ވިދާޅުވި އެވެ. މައްސަލަ ބަލައި އިމާމާމެދު ފިޔަވަޅެއް އަޅަން ޖެހިއްޖެނަމަ އުސޫލުތަކުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމަށެވެ.

ފިތުރު އީދު ނަމާދު ކުޅުދުއްފުށީގައި 5 މިސްކިތެއްގައި ސްޓޭޑިއަމްގައި ކޮށްފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355