twitterviber whatsapp telegramfacebookyoutube instagram
6th June 2025

ގާނޫނާ އެއްގޮތަށް އެއްބަސްވުން ހަދަން އިންކާރުކުރާތީ ފެނަކައާ ދެކޮޅަށް ދައުވާކުރަން ސިޓީ ކައުންސިލުން ނިންމައިފި

އަބްދުލް ވާހިދު ޙަސަން
Jun 4, 2025
3

ކުޅުދުއްފުށީގައި ކަރަންޓްގެ ހިދުމަތް ދިނުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް، ކުޅުދުއްފުށީ ސިޓީ ކައުންސިލާއެކު އެއްބަސްވުމަކަށް އައުމަށް ފެނަކައިން ދެކޮޅު ހަދާތީ އެމައްސަލަ ޝަރީއަތަށް ހުށައަޅައިގެން ކުރިއަށް ގެންދިއުމަށް ސިޓީ ކައުންސިލުން ނިންމައިފި އެވެ.

ސިޓީ ކައުންސިލްގެ މިއަދު ބައްދަލުވުމުގައި ހާޒިރުވި މެންބަރުންގެ އިއްތިފާގުން ފެނަކައާ ދެކޮޅަށް ދައުވާކުރަން ވަނީ ފާސްކޮށްފަ އެވެ.

ގާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 69-1 ވަނަ މާއްދާގައި، އެ ސިޓީއެއްގެ ރައްޔިތުންނަށް ކަރަންޓްގެ ހިދުމަތް ކައުންސިލުން ފޯރުކޮށްްދޭންވާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ. އަދި އެ ފަދައިން އެސިޓީއެއްގައި އެ ހިދުމަތް ފޯރުކޮށްދެނީ ތިންވަނަ ފަރާތަކުން ކަމުގައިވާ ހާލަތުގައި، އެ ތިންވަނަ ފަރާތާއި ކައުންސިލާ ދެމެދު އެ ހިދުމަތް ފޯރުކޮށްދިނުމާ ގުޅޭ ގޮތުން ލިޔުމުން ވެވޭ އެއްބަސްވުމެއް އޮންނަންވާނެ ކަމަށް އެ ގާނޫނުގެ 69-2 ވަނަ މާއްދާގައި އޮވެ އެވެ.

ނަމަވެސް، ކުޅުދުއްފުށި ސިޓީގައި ކަރަންޓްގެ ހިދުމަތް ފޯރުކޮށްދޭ ފެނަކައާއެކު އެއްބަސްވުމަކަށް އައުމަށް އެކި ފަހަރު މަތިން ލިޔުމުން ދެންނެވުމުން ވެސް ފެނަކައިގެ ފަރާތުން އެ ކަމަށް އެއްބާރުލުން ލިބިފައެއް ނުވެއެވެ. އަދި އެ ފަދަ އެއްބަސްވުމަކަށް އައުމަށް ފެނަކައިން ލިޔުމުން އިންކާރުކޮށްފައިވެއެވެ.

އެ ގޮތުން:

1- 13 ޖުލައި 2021 ގައި، ލާމަރުކަޒީ ޤާނޫނުގެ ދަށުން ފެނާއި ކަރަންޓާއި ނަރުދަމާގެ ހިދުމަތް އެ ރަށެއްގެ ކައުންސިލުން ފޯރުކޮށްދޭންޖެހޭނެ ކަމަށާއި އަދި އެ ރަށެއްގައި އެ ހިދުމަތްތައް ފޯރުކޮށްދެނީ ތިންވަނަ ފަރާތަކުން ކަމުގައިވާނަމަ، އެ ތިންވަނަ ފަރާތާ ކައުންސިލާ ދެމެދު އެއްބަސްވުމެއް އޮންނަންވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމާއި، އެހެން ކަމުން އެ ރަށެއްގައި އެ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކުގެ މައުލޫމާތާއި އަދި އެއްވެސް ކައުންސިލަކުން އެ ފަދަ އެއްބަސްވުމެއް ހަދާފައިވާނަމަ އެ ކަން އެލްޖީއޭއަށް އަންގަން އެދި އެލްޖީއޭއިން ހުރިހާ ކައުންސިލްތަކަށް އެންގި އެވެ.

2- 03 ޖޫން 2024 ގައި، ކައުންސިލަކީ ވަކި ޤާނޫނީ ޝަޚްސެއްކަމާއި ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމަކީ ކައުންސިލްގެ ޒިންމާއެއް ކަމާއި ލާމަރުކަޒީ ގާނޫނުން ލާޒިމުކުރާ އެއްބަސްވުން އެކުލަވާލުމަށް ކައުންސިލުން ބޭނުންވާ ކަމުގައި ބުނެ ކައުންސިލުން ފެނަކައަށް ސިޓީ ފޮނުވި އެވެ.

3- 27 ޖޫން 2024 ގައި، ތިންވަނަ ފަރާތަކުން ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތްދޭނަމަ ކައުންސިލާއެކު އެއްބަސްވުމެއް ހެދުމަށް ލާމަރުކަޒީ ގާނޫނުގައި ބަޔާންކޮށްފައިވީ ނަމަވެސް ފެނަކައަކީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އުފައްދާފައިވާ ކުންފުންޏަކަށްވާތީ، ތިންވަނަ ފަރާތެއްގެ ގޮތުގައި ފެނަކަ ނުބެލެވޭނެ ކަމަށް ބުނެ ފެނަކައިގެ ސިޓީ ކައުންސިލަށް ސިޓީ ފޮނުވި އެވެ.

4- 09 ޖުލައި 2024 ގައި ލާމަރުކަޒީ ޤާނޫނުގައި ބަޔާންކުރާ ތިންވަނަ ފަރާތެއްގެ ގޮތުގައި ފެނަކަ ވެސް ހިމެނޭނެ ކަމަށާއި އެހެން ކައުންސިލަކާއެކު އެއްބަސްވުން ހެދިފައިނުވުމަކީ މި ކައުންސިލާއެކު އެއްބަސްވުން ނުހެދޭނެ ސަބަބެއް ނޫން ކަމުގައި ބުނެ ކައުންސިލުން ފެނަކައަށް ސިޓީ ފޮނުވިއެވެ. ނަމަވެސް މިއަދާހަމައަށްވެސް މިސިޓީގެ ޖަވާބެއް ފެނަކައިން ދެއްވާފައެއްނުވެއެވެ.

ވީމާ، ކުޅުދުއްފުށި ސިޓީގެ ކަރަންޓުގެ ހިދުމަތާ ގުޅިގެން ސިޓީ ކައުންސިލާއެކު އެއްބަސްވުމެއްގައި ސޮއިކުރުމަށް ފެނަކައިން އިންކާރުކޮށްފައިވާތީ، ލާމަރުކަޒީ ގާނޫނުގެ ދަށުން، ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މައްޗަށް ލާޒިމުކޮށްފައިވާ ގާނޫނީ ވާޖިބު އަދާކޮށް، ކުޅުދުއްފުށީ ރައްޔިތުންނަށް ކަރަންޓްގެ ހިދުމަތް ފޯރުކޮށްދެވޭކަން ކައުންސިލުން ކަށަވަރުކުރުމަށްޓަކައި، އެ ކުންފުންޏާ ދެކޮޅަށް ޝަރީއަތަށް މައްސަލަ ހުށަހެޅުމަށް ކައުންސިލުން ވަނީ ފާސްކޮށްފައެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒު އެކި ފޯރަމުތަކުގައި ލާމަރުކަޒީ ނިޒާމާ ދެކޮޅަށް، ދައްކަމުންގެންދަވާ ވާހަކަތައްވެސް މި ބައްދަލުވުމުގައި މެންބަރުން ކުށްވެރިކުރެއްވި އެވެ. އަލުން މަރުކަޒީކޮށް އަތޮޅުތެރޭގެ ތަރައްގީއަށް ހުރަސް އަޅުއްވާ މޭރުމުން ރައީސް އަންނަނީ ދާދިފަހުން ވާހަކަފުޅު ދައްކަވަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355