ކުޅުދުއްފުއްޓަށް އިއްޔެ ކުރި ވިއްސާރާގައި ގިނަ ގެތަކަށް ފެންވަދެ ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. ގެތަކަށް ފެން ވަންނަށް ފެށުމުން ވެލި ބަސްތާ ޖެހުމުގައި ގިނަ މުވައްސަސާތަކެއް މުވައްޒަފުން ހަރަކާތެރިވި އެވެ. އޭގެ ތެރެއިން އެންމެ އަޅަގަތީ އެމަސައްކަތުގައި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު މުހައްމަދު ހަރަކާތްތެރިވާތަން ފެނުމުންނެވެ.
މަޖިލީހުގެ މެމްބަރުން އެފަދަ މަސައްކަތުގައި ހަރަކާތެރިވާ މަންޒަރު މީގެ ކުރިން ކުޅުދުއްފުއްޓަކުން ފެނިފައެއް ނުވެ އެވެ. ނަމަވެސް އިއްޔެ ކުރި ވިއްސާރާގައި މެމްބަރު ޖަމްޝީދުގެ ފަރާތުން ފެނިގެންދިޔައީ ތަފާތު މަންޒަރެކެވެ. ފަޓުލޫނު އޮޅާލައިގެން ބޯވިއްސާރާގައި ޖަމްޝީދު ބައެއް ގޭތަކުގައި ދޮރުމަތީގައި ވެލި ބަސްތާ ޖެހި އެވެ. އަދި ވިއްސާރާގައި އެންމެ ބޮޑަށް ފެންބޮޑުވެފައިވާ ސަރަހައްދުތަކަށް ޒިޔާރާތްކޮށް ގެތަކުގެ ހާލަތު ބައްލަވައި ރައްޔިތުންނަށް ހިތްވަރުދެއްވި އެވެ.
ޖަމްޝީދުއާއެކު އިއްޔެ ބައެއް ގެތަކަށް ޒިޔާރާތްކުރި އޭނާ ގާތް މީހަކު ކޭއޯއަށް މައުލޫމާތުދެއްވަމުން ބުނީ، ފެންބޮޑުވި ސަރަހައްދުތަކަށް ޖަމްޝީދު ވަޑައިގެން އެތަންތަން ބައްލަވާލެއްވި ކަމަށެވެ. އަދި އަމަލީގޮތުން ގޭތަކުގައި ވެލި ބަސްތާ ޖެހުމުގައި އުޅުއްވި ކަމަށެވެ. އޭގެ ތެރެއިން ބައެއް ފޮޓޯތައް ޝޯސަލް މީޑިއާގައި މިހާރު ދަނީ ގިނަ ބަޔެއްގެ ސަމާލުކަން ހޯދަމުންނެވެ.
އޭނާ ވިދާޅުވީ މިހާވަރަށް ފެންބޮޑުވެ ގެތަކަށް ގެއްލުންވުމުން މެމްބަރު ޖަމްޝީދު ހުންނެވީ ވަރަށް ކަންބޮޑުވެލައްވާފަކަމަށެވެ. އަދި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ވާހަކަތައް އިއްޔެ ދެއްކެވިކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މެމްބަރު ޖަމްޝީދު ބައެއް ގެތަކަށް ޒިޔާރާތްކޮށްފައިވާއިރު ކުޅުދުއްފުށީ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަލްއުސްތާޒް މުހައްމަދު ނަޝީދުވެސް ވަނީ އިއްޔެ އާއި މިއަދު ވިއްސާރާގައި ގެއްލުންވި ބައެއް ގެތަކަށް ޒިޔާރާތްކޮށް ހާލަތު ބައްލަވާލައްވާފަ އެވެ.