ރާއްޖެއާ ދުރުން އަރަބި ކަނޑުގައި އުފެދުނު ބާރުގަދަ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެފައިވާކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފިއެވެ.
މެޓް އޮފީހުން ހާމަކުރިގޮތިގައި ރާއްޖެއާ ދުރުން އަރަބި ކަނޑުގައި އުފެދުނު ބާރުގަދަ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެފައިވާ ކަމަށާއި އެ ތޫފާނަށް ދީފައިވާ ނަމަކީ “ވާއްޔު” ކަމަށެވެ.
އެ އިދާރާއިން ބުނި ގޮތުގައި ތޫފާން " ވާއްޔު " ކުރިއަށް އޮތް 12 ގަޑިއިރުގެ ތެރޭގައި ބާރުގަދަ ތޫފާނަކަށް ބަދަލުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އިންޑިއާގެ ގުޖުރާތަށް މި ތޫފާނުގެ އަސަރު ބުރާސްފަތި ދުވަހު ކުރާނެ ކަމަށް ބެލެވޭތީވެ އެ ސަރަހައްދުގެ ސްކޫލުތައް މިހާރުވަނީ ބަންދުކުރާ ގޮތަށް ހަމަޖައްސާފައެވެ.
މީހާރު ރާއްޖޭގެ މޫސުމަށް ބަލާއިރު ރާއްޖޭގެ އުތުރާއި މެދުތެރޭގެ އެކިހިސާބަށް ވިއްސާރަ ކުރާނެ އަދި ގުގުރުން އެކަށީގެންވާ ކަމަށާއި ދެކުނުގެ ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ މެޓް އޮފީހުން މައުލޫމާތު ދެއެވެ.
ވައި ޖެހޭނީ ދެކުނާއި ހުޅަނގު ދެކުނުން މެދުތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާ 20 މޭލާދެމެދުގެ ބާރުމިނުގައި އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 03 މޭލާ 13 މޭލާދެމެދުގެ ބާރުމިނުގައެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށެވެ.
އުތުރާއި މެދުތެރޭގެ ކަނޑުތައް ގަދަވާނެ އަދި ދެކުނުގެ ކަނޑުތައް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެއެވެ.
އުތުރާއި މެދުތެރޭގެ ބައެއް ރަށްތަކަށް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރުމަކީވެސް އެކަށީގެންވާ ކަމެއްކެވެ.
ހުރިހާ ފަރާތްތަކުން، ވަކިން ހާއްސަކޮށް ކަނޑު ދަތުރުފަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް މެޓް އޮފާީހުން އިލްތިމާސްކުރެއެވެ.