މުށިމަސްގަނޑު ވަދެ އޮއްވާ ދޯންޏަކުން ކުޅުދުއްފުށީ ފަޅުތެރެއަށް ރޭ ތެޔޮ އަޅައިފި އެވެ. ކުޅުދުއްފުއްޓަށް ނިސްބަތްވާ އެ ދޯނިން ފަޅުތެރެއަށް ތެޔޮ އެޅީ އިއްޔެ އިރުއޮއްސުނު ފަހުން ކަމަށް މަންޒަރު ދުއް މީހަކު ބުންޏެވެ.
މުދާ އުފުލާ ގޮތަށް ހަދާފައިވާ އެ ދޯނިން ގިނަ އަދަދެއްގެ ތެޔޮ ފަޅުތެރެއަށް އަޅާފައިވާއިރު ފަޅުތެރޭގައި ބޮޑު ސަރަހައްދަކަށް އޮތީ ތެލުގެ އަސަރުކޮށްފަ އެވެ. އެ ދޯނިން ދޫކޮށްލާފައިވާ ހޮޅިއަކުން ފަޅުތެރެއަށް ތެޔޮ ފައިބަމުންދިޔަ މަންޒަރުން ގިނަ ބަޔަކަށް ވަނީ ފެނިފަ އެވެ.
" ބޮޑަށް ބެލެވެނީ ދޯނީގެ ތެރެއަށް އެޅިފަ ހުރި ތެޔޮކަމަށް. ޑީސަލް ފަދަ ތެޔޮ ހުންނާނީ. ހޮޅި ބޭރަށް ދޫކޮށް ހިއްކަން ދޫކޮށްލާފަ އެ އޮތީ." ބަނދަރަށް ދިޔަ ކޭއޯގެ ނޫސްވެރިޔަކަށް އެމަންޒަރު ދައްކަމުން އެތަނުގައި ހުރި މީހަކު ބުންޏެވެ.
ފަޅުތެރެއަށް ތެޔޮ އަޅާފައިމިވަނީ ގިނަ އަދަދެއްގެ މުށިމަސް ފަޅުތެރެއަށް ވަދެފައިވާ ދުވަސްވަރެއްގައި އެވެ. އަދި ކޮންމެ ދުވަހަކުވެސް ގިނަ ބަޔަކު މަސްބޭނުމަށް ބަނދަރަށް ޖަމާވެ، މުށިމަސް ބާނަމުންދާ ދުވަސްވަރެއްގަ އެވެ. ކަޅުތެޔޮ އެޅުމުގެ ސަބަބުން ބައެއް މަސްތައް މަރުވެފައިވާ ހުއްޓާވެސް ވަނީ ފެނިފަ އެވެ.
އެތަނުގައި މަސްބާނަށް ތިބި ބައެއް މީހުން ތިބީ އެކަމާ ވަރަށް ހިތްހަމަނުޖެހިފަ އެވެ. ބައެއް މީހުން ބުނީ އެއީ ގަސްތުގައި މުށިމަސްގަނޑު ފަޅުތެރެއިން ނެރެންވެގެން ކޮށްފައިވާ އަމަލެއް ކަމަށެވެ. އެކަމާ ފިޔަވަޅު އަޅަން ޖެހޭނެ ކަމަށްވެސް އެމީހުން ބުނެ އެވެ. މައުލޫމާތުދިން ބައެއް ފަރާތްތަކުން ބުނީ ފުދޭވަރަކަށް ގިނައިން ދޯނިން ކަޅުތެޔޮ ފޭބިކަމަށާއި ފަޅުތެރެ ގަދަވުމުގެ ސަބަބުން އެކަމުގެ އަސަރު ފިލިލެއް އަވަހީކަމަށެވެ.
ކައުންސިލުން ބުނީ ދޯންޏަކުން ފަޅުތެރެއަށް ތެޔޮ އެޅި މައްސަލައެއްގެ ޝަކުވާ ކައުންސިލަށް ލިބިފައިވާ ކަމަށާއި އެމައްސަލަ ބަލަމުންދާ ކަމަށެވެ. މީގެ ކުރީގެ ބައެއް ފަހަރުތަކުގައިވެސް މަސްއައިންތައް ފަޅުތެރެއަށް ވައްދާލުމުން ބައެއް މީހުން އަޑީތެޔޮ އަޅައި އެސޮރުމެން ބޭރުކުރެ އެވެ. އެކަން އޭރު ކުރާކަމުގެ ތުހުމަތު ގިނައިން އެޅިފައި އޮންނަނީ މަސްވެރިންގެ ބޮލުގަ އެވެ.
ހިއްކުމުގެ މަގުސަދުގައިވެސް ފަޅުތެރެއަށް އޮޑިދޯނިފަހަރުގެ ތެޔޮގަނޑު ދޫކޮށްލުމަކީ ގާނޫނީގޮތުން މަނާކަމެކެވެ.