ނުވަ ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ސަރުކާރުން މިއަދު ތިން ކުންފުންޏަކާއި ހަވާލުކޮށްފި އެވެ.ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތްތައް ހަވާލުކޮށްފައިވަނީ މޯހަން މުތާ އެކްސްޕޯޓްސް ޕްރައިވެޓް ލިމިޓެޑާއި ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑް ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާއަކާއި، އަޒްރޯވާ ޕްރައިވެޓް ލިމިޓެޑާއި ވޯޓާ އިންޖިނިއަރިން ސާވިސަސް އެފް ޒެޑް އީ ގުޅިގެން އުފައްދާފައިވާ ކުންފުންޏަކާ އެވެ. އަދި 3 ވަނަ ކުއްފުންޏަކީ ސްޓެޓިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑެވެ.
އެ ތިން މަސައްކަތްތަކުގެ ޖުމްލަ އަގަކީ 212.4 މިލިޔަން ރުފިޔާ އެވެ.
މިއަދު މަސައްކަތް ހަވާލުކުރި ތިން ކުންފުނީގެ ތެރެއިން މޯހަން މުތާއެކްސްޕޯޓްސް ޕްރައިވެޓް ލިމިޓެޑާއި ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑް ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާއާ ހަވާލުކުރީ ބ.ހިތާދޫ، ރ.ރަސްގެތީމް، ށ. ފޯކައިދޫ، ށ. ކަނޑިތީމު އަދި ތ. ވަންދޫގެ ފެނާ ނަރުދަމާ އެޅުމުގެ މަސަައްކަތެވެ. އެ ރަށްތަކުގެ މަސަައްކަތް ހަަވާލުކުރީ އަމިއްލައަށް ޑިޒައިންކޮށް ކުރިއަށް ގެންދާ ގޮތަށް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
އަޒްރޯވާ ޕްރައިވެޓް ލިމިޓެޑާއި ވޯޓާ އިންޖިނިއަރިން ސާވިސަސް އެފް ޒެޑް އީ ގުޅިގެން އުފައްދާފައިވާ ކުންފުންޏާ ހަވާލުކުރީ ރ. ވާދޫ، ށ.ކޮމަންޑޫ، ށ. ކޮމަންޑޫ އަދި ތ. ކަނޑޫދޫގެ ފެނާއި ނަރުދަމާގެ މަސައްކަތެވެ.
ސްޓެޓިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ށ. މަރޮށީގެ ފެނާއި ނަރުދަމާގެ މަސައްކަތް ހަވާލުކުރީ 35.3 މިލިޔަން ރުފިޔާ އަށެވެ. އެ މަސައްކަތުގެ އެއްބަސްވުމުގައި ސްޓެޓިކް ކޮމްޕެނީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަ ޕްރޮޖެކްޓް އެންޑް އަކުއާރީފް އިބްރާހީމް ޝަހުދެވެ
މޯހަން މުތާއެކްސްޕޯޓްސް ޕްރައިވެޓް ލިމިޓެޑާއި ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑް ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާއާ ހަވާލުކުރި ރަށްތަކުގެ ތެރެއިން ބ. ހިތާދޫގެ ޕްރޮޖެކްޓުގެ އަގަކީ 35.3 މިލިޔަން ރުފިޔާ އެވެ. ރ. ރަސްގެތީމު ޕްރޮޖެކްޓުގެ އަގަކީ 24.2 މިލިޔަން ރުފިޔާ އެވެ. ށ.ފޯކައިދޫ ޕްރޮޖެކްޓުގެ އަގަކީ 16.9 މިލިޔަން ރުފިޔާ އެވެ. ށ. ކަނޑިތީމަށް 17.9 މިލިޔަން ރުފިޔާ އަދި ތ. ވަންދޫގެ ފެނާއި ނަރުދަމާގެ މަސައްކަތްކަތުގެ އަގަކީ 20.8 މިލިޔަން ރުފިޔާ އެވެ.
އަޒްރޯވާ ޕްރައިވެޓް ލިމިޓެޑާއި ވޯޓާ އިންޖިނިއަރިން ސާވިސަސް އެފް ޒެޑް އީ ގުޅިގެން އުފައްދާފައިވާ ކުންފުންޏާ ހަވާލުކުރި ރަށްތަކުގެ ތެރެއިން ރ. ވާދޫގެ ފެނާއި ނަރުދަމާގެ މަސައްކަތުގެ އަގަކީ 19.2 މިލިޔަން ރުފިޔާ އެވެ. ށ. ކޮމަންޑޫގެ މަސައްކަތުގެ އަގަކީ 23.5 މިލިއަން ރުފިޔާ އަދި ތ. ކަނޑޫދޫގެ މަސައްކަތުގެ އަގަކީ 19.2 މިލިޔަން ރުފިޔާ އެވެ.