ކުރިއަށް އޮތް ދެއަހަރު ފިރިހެން ސީނިއަރ ގައުމީ ޓީމާއި އަންހެން ސީނިއަރ ޓީމްގެ އިތުރުން ޒުވާން ޓީމްތަކުގެ ރަސްމީ ސްޕޮންސަރުގެ ގޮތުގައި ބީއެމްއެލް ހަމަޖެހިއްޖެ އެވެ.
މި ގޮތަށް ހަމަޖެހިގެން ދިޔައީ ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުތަކުގެ ރަސްމީ ސްޕޮންސަރުގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް އާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއެކު ވެފައިވާ އެއްބަސްވުންް 2 އަހަރުގެ މުއްދަތަކަށް އިތުރު ކުރުމާއި ގުޅިގެނެވެ. އިއްޔެ ހެނދުނު ބެންކް އޮފް މޯލްޑިވްސްގެ ހެޑް އޮފީހުގައި ބީއެމްއެލް އަދި އެފްއޭއެމް އާއެކު ވަނީ މި އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މިގޮތުން މި ޓީމުތަކުން ކުޅޭ މެޗްތަކުގައާއި ތަމްރީންތަކުގައި އަދި ޓްރެވަލް ކިޓްގައި ބީއެމްއެލްގެ ބްރޭންޑިންގ ހިމެނިގެންދާނެއެވެ.
މިއަދު ވެވުނު އެއްބަސްވުމުގައި ބީއެމްއެލްގެ ފަރާތުން ސޮއި ކުރެެއްވީ ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި ޑިރެކްޓަރ އޮފް އޮޕަރޭޝަންސް މުހައްމަދު ޝަރީފްއެވެ. އެފްއޭއެމްގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އާދީލް ޖަލީލްއެވެ. މިރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނުޓީ އެމްޕަވަރމަންޓް އަހުމަދު މަހުލޫފް ބައިވެރި ވަޑައިގެންނެވިއެވެ.
މި ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ ހާމަކުރެއްވި ގޮތުގައި ބޭންކާއި އެފްއޭއެމާއި ދެމެދު އޮތް ހާއްސަ ގުޅުން ދެމިގެންދިއުން މިއީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމުގައެވެ. ގައުމީ ޓީމުތަކުން ގިނަގުނަ ކާމިޔާބުތަކެއް ހޯދުމަކީ ހުރިހާ ދިވެހިންވެސް ކުޅިވަރުގެ މައިދާނުގައި އެންމެ ބޮޑަށް ދެކެން ބޭނުންވާ އެއްކަންތައް ކަމަށާއި އަދި ބައިނަލްއަގްވާމީ ފެންވަރުގެ ކާމިޔާބީތައް ހޯދައިދިނުމަށް ބީއެމްއެލްއަށް އަދާކުރެވޭނެ ދައުރު އެންމެ ފުރިހަމައަށް އަދާކޮށްދިނުމަށް މި ބޭންކުން ބޭނުންވާކަމަށެވެ.
މުޅި ރާއްޖެ ހިމެނޭ ގޮތަށް ހުނަރުވެރި އަންހެން އަދި ފިރިހެން ފުޓުބޯޅަ ކުޅުންތެރިންތަކެއް އުފެއްދުމަށް އެހީތެރިކަންފޯރުކޮށްދިނުމަކީވެސް މުހިންމު އެއް ބޭނުން ކަމުގައެވެ.