• ޕޯސްޓްގެ ހިދުމަތް މިހާރު ވަރަށް ފުރިހަމައަށް ލިބެމުންދޭ
• އެތައް ދުވަހަކު ނުލިބި ހުރި ތަކެތިވެސް މިހާރު ދަނީ ލިބެމުން
• ޕޯސްޓް އޮފީހަށް ގެނައި ބަދަލުތަކުގެ ސަބަބުން ހިދުމަތް ވަނީ އަވަސްވެފަ
ކުޅުދުއްފުށީ ޕޯސްޓް އޮފީހަށް ކުއްލިއަކަށް މިހާ ބޮޑު ބަދަލުތަކެއް ގެނެސް އެހިދުމަތް ރައްޔިތުންނަށް އަވަހަށް ފޯރުކޮށްދެއްވުމަށް ކުރައްވާ މަސައްކަތްތަކާއި މެދު ޒުވާނުން ހިތްހަމަޖެހުން ފާޅުކޮށް މޯލްޑިވްސް ޕޯސްޓު އޮފީހަށް ޝުކުރު އަދާކުރާކަމަށް އެހިދުމަތް ހޯއްދަވާ ފަރާތްތަކުން ބުނެފި އެވެ.
ޕޯސްޓްގެ ހިދުމަތް ހޯދަމުންގެންދާ ޒުވާނެއް ކޭއޯއަށް މަޢުލޫމާތު ހިއްސާ ކުރަމުން ބުނީ މޯލްޑިވްސް ޕޯސްޓުން މިހާ އަވަހަށް ޒުވާނުންގެ ކަންބޮޑުވުންތަކަށް ހައްލު ގެނެސްދިނުމަށް ރެއާ ދުވާލު ކުޅުދުއްފުށީ ޕޯސްޓް އޮފީހުގައި ކުރައްވާ މަސައްކަތާ މެދު ހިތްހަމަޖެހޭކަމަށެވެ.
"މިއަދު މިޕޯސްޓުން ތަކެތިވެސް ފަސޭހަކަމާއެކު ލިބެމުންދޭ. އަދި އެތައް ދުވަހެއް ނުލިބި ރިފަންޑަށްޖަހާފައިވާ ތަކެތިވެސް ވަނީ ލިބިފައި. މިހިދުމަތް ހޯއްދަވާ ހުރިހާ ފަރާތްތަކުން ދަނީ މިހިދުމަތަށް ލިބުނު ކުރިއެރުމަށްޓަކާ ތިބީ އުފަލުން." އެޒުވާނާ ބުންޏެވެ.
އިތުރަށް ޒުވާނާ ބުނީ ކުޅުދުއްފުށީ ޕޯސްޓް އޮފީހުގެ އެތެރެއަށްވެސް ބޮޑު ބަދަލުތަކެއްގެނެސް އެތަނުން ހިދުމަތްދެވޭ ވަގުތުތައް އިތުރުކޮށް، ކުރިން ހިދުމަތްތައް ފޯރުކޮށްދެމުންދިޔަ ގޮތްތަކަށް ބަދަލުގެނެސްފައިވާ ކަމަށެވެ.
ޕޯސްޓްގެ ހިދުމަތާއިދޭތެރޭ މީގެ ކުރީން ގެއްލިފައިވާ އިތުބާރު މިހާރުމިވަނީ އަލުން އުފެދެންފަށާފައިވާ ކަމަށް އެހިދުމަތް ހޯއްދަވާ ޒުވާނުންދަނީ ބުނަމުންނެވެ.
މޯލްޑިވްސް ޕޯސްޓްގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ކޮންމެ އަހަރަކުވެސް އަތޮޅުތެރޭގައި ގާއިމުކޮށްފައިވާ ޕޯސްޓްގެ ހިދުމަތްދޭ ތަންތަނަށް ޕޯސްޓް އޮފީހުގެ ބިޒްނަސް ޓީމުން ޒިޔާރަތްކޮށް އެތަންތަން ހަރުދަނާ ކުރަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.
"އެގޮތުގެ މަތީން ކުޅުދުއްފުށީ ޕޯސްޓްގެ ހިދުމަތް ހަރުދަނާ ކުރުމަށް ގެންނަޖެހޭ ބަދަލުތައް އަޅުގަނޑުމެންގެ ޓީމުން ބަލާ އެކަންކަން ކުރަމުން އެދަނީ." ޕޯސްޓްގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
މީގެ ކުރީން ވަނީ ކުޅުދުއްފުށީ ޕޯސްޓުން ހިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ލިބެމުންނުދާތީ ޒުވާނުންނާއި އެހިދުމަތް ހޯއްދަވާ ފަރާތްތަކުން ދިޔައީ ޕޯސްޓް އޮފީހަށް ހިތްހަމަނުޖެހުމާއި ފާޑުކިއުންތައް ދިޔައީ އަމާޒުވަމުންނެވެ. އެހެންނަމަވެސް މިއަދު މިއޮތީ މަންޒަރު ބަދަލުވެ ކުޅުދުއްފުށީ ޕޯސްޓުގެ ހިދުމަތްތައް އަވަސްވެ އެކަށީގެންވާ ގޮތުގައި ލިބެމުންދާކަމަށް އެހިދުމަތް ހޯއްދަވާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.