އުތުރުގެ މައި ހޮސްޕިޓަލް، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި މިވަގުތު އެޑްމިޓްކޮށްގެން ބަލިމީހުންނަށް ފަރުވާދެވޭނެގޮތެއްނެތްކަމަށާއި ހުރިހާ އެނދުތަކެއް ފުލްވެފައިވާކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ޖާގައިގެ ދަތިކަން ބޮޑުވެގެން މިދިޔައީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހޮސްޕިޓާ ހިންގުމަށް ހަވާލުކުރެވުން އިންޑިޔާގެ ނިމްސްއިން ސީޓީ މެޝިން ބެހެއްޓުމަށް ބަލިމީހުން އެޑްމިޓްކޮށްގެން ފަރުވާ ދެމުންދިޔަ ވޯޑެއް ތަޅާލުމުންނެވެ.
މިކަމާ ގުޅޭގޮތުން ކޭއޯއިން ސުވާލުކުރުމުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިދުވަސް ކޮޅު ހުމާއި އެހެނިހެން ތަފާތު ބަލިތަކުގައި ހޮސްޕިޓަލްގައި ފަރުވާ ހޯދަމުންދާ މީހުން ގިނަވެ އެޑްމިޓްކޮށްގެން ބަލިމީހުންނަށް ފަރުވާ ދެވޭނެ ގޮތެއްނެތް ކަމަށެވެ.
"ހޮސްޕިޓަލްގައި ބެޑްތައް ފުލްވެ ބަލިމީހުން އެޑްމިޓް ކޮށްގެން ފަރުވާދެވޭނެގޮތެއްނެތް. އެޑްމިޓް ކުރަންޖެހޭ ޕޭޝަންޓުން ވެސް ތިބީ އޯބީއާރުގައި ބެޑް ނެތިގެން." މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ބަލިމީހުންނަށް ފަރުވާ ދިނުމަށް އައިސީޔޫ އާއި އަވަސްފަރުވާދޭ ބަޔާއެކު ހުންނަނީ ސާޅީސް ދެ އެނދެވެ.
ނަން ހާމަކުރަން ބޭނުންނުވާ ރައްޔިތަކު މިނޫހާއި މައުލޫމާތު ހިއްސާކުރަމުން ބުނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ އުތުރުގެ މައި ހޮސްޕިޓަލަށްވީ އިރު ބަލިމީހުންނަށް އެޑްމިޓްކޮށްގެން ފަރުވާދެވޭނެ ގޮތް ނެތި ބަލިމީހުން ގެއަށް ފޮނުވާލައި ހިސާބަށް ހޮސްޕިޓަލްގެ ކަންކަން ދިއުމަކީ ބަލައިގަންނަ ދަތި ކަމެއް ކަމަށާއި އަދި ރާއްޖޭގެ ސިއްހަތާ ބެހޭ ވަޒީރު މީޑިއާތަކުގެ ކުރިމައްޗަށް އަރައި ދައްކަވާ ވާހަކަފުޅުގެ އެއްވެސް އޮއްޓަރެއް ނެތްކަން މިދަނީ ހާމަވަމުން ކަމަށެވެ.
"އަބަދުވެސް ކޮންމެ ސަރުކާރަކުންވެސް ގެންދަވަނީ ޓާޝަރީއަށް ބަދަލުކުރަން ޕްލޭންތައް ހަދަމުން. އެ ހަދައި ހަދަމުންދާ ޕްލޭނެއްގެ ކުރިއެރުމެއް މި ހޮސްޕިޓަލަށް ގޮސްވަނީމަކާ ނުފެނޭ." އެމީހާ ހިތް ހަމަނުޖެހި ހުރެ ބުންޏެވެ.