twitterviber whatsapp telegramfacebookyoutube instagram
29th March 2024

ބޮޑު ތަފާތަކުން ކޮރަލްސް ބަލިކޮށް ކްލަބު ތިލަދުންމަތި ސެމީއަށް

ޚަދީޖާ އާދަމް
Jul 14, 2019

ޕެންޓަގްރާމް ހިރަފުސް ކަޕުގައި މިއަދު ޓީމު ކޮރަލްސް އަދި ކްލަބު ތިލަދުންމަތި ބައްދަލުކުރި މެޗު ކްލަބު ތިލަދުންމަތި ބޮޑު ތަފާތަކުން ކާމިޔާބުކޮށް ސެމީގެ ޖާގަ ކަށަވަރުކޮށްފި އެވެ.

ގިނަ ބަޔަކު ފޯރި ގަދަ ވާނެ ކަމަށް ބެލި މި މެޗު ފަށައިގެން ފެނިގެން ދިޔައީވެސް ވަރަށް ވަރުގަދަ ކޮށެވެ.

މި މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުންވެސް ރަނގަޅަށް ކުޅެ އިދިކޮޅު ގޯލަށް ނުރައްކާ ކުރަންވަނީ މަސައްކަތް ކޮށްފައެވެ. މިގޮތުން ކޮރަލްސްއިން ވަނީ ގިނަ ހަމަލާ އުފައްދާ ކްލަބު ތިލަދުންމަތި ކޮޅަށް ނުރައްކާ ކޮށްފަ އެވެ.

މެޗުގެ އޮއިވަރު ބަދަލުވެގެން ދިޔައީ ޓީމު ކޮރަލްސްގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހިގެން ލިބުނު ޕެނަލްޓީ ކްލަބު ތިލަދުންމަތިން ކާމިޔާބު ކުރި ހިސާބުންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ހުސެއިން މުހައްމަދެވެ. 35 ވަނަ މިނެޓުގައި ކާމިޔާބުުކުރި މި ލަނޑާއެކު ޖެހިގެން އައި މިނެޓުގައި މާއްދު އަދުނާން އިތުރު ގޯލެއް ޖަހާ ލީޑު ފުޅާ ކުރިއެވެ. މި ލަނޑު ޖެހީ ގޯލުގެ އަރިމަތިން ދުރުން ޖެހި ބޯޅައަކުންނެވެ.

ފުރަތަމަ ހާފު ނިމިގެން ދިޔައީ ކްލަބު ތިލަދުންމަތީގެ ހުސެެއިން މުހައްމަދު ޖެހި އިތުރު ލަނޑަކާއި އެކު 3-0 ގެ ނަތީޖާ އަކުންނެވެ.

ފަހު ހާފު ފަށައިގެން ޓީމު ކޮރަލްސްއިން ކުޅެ ލަނޑެއް ކާމިޔާބު ކުރެވޭތޯ މަސައްކަތް ކުރިނަމަވެސް ބޮޑު ލީޑަކާއިއެކު ބޯޅަ ހިފަހައްޓައިގެން ކުޅެމުން ދިޔަ ކްލަބު ތިލަދުންމަތީގެ މައްޗަށް ކާމިޔާބު ހޯދޭގޮތް ވަނީ ނުވެފަ އެވެ.

މެޗުގެ 76 އަދި 81 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުތް އަހުމަދު ރަޝީދު ވަނީ ލަނޑު ޖަހާ ކްލަބު ތިލަދުންމައްޗަށް 5-0 ގެ ބޮޑު ލީޑެއް ހޯދައިދީފަ އެވެ. މެޗުގައި ދެ ޓީމު ދެ ކުުޅުންތެރިން ދެމެދު ހިނގި ހަމަނުޖެހުމެއްގައި ޓީމު ކޮރަލްސްގެ އަމްޖަދު ހަސަންއަށް ރެފްރީ ވަނީ މެޗުގެ އިތުރު ވަގުތުގައި ރަތް ކަޑު ދައްކާފަ އެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކްލަބު ތިލަދުންމަތީގެ ޖާރޒީ ނަންބަރު 21 ހުސެއިން މުހައްމަދެވެ.

މި މެޗުން މޮޅުވެގެން ޓީމު ކޮރަލްސްއަށް ސެމީއަށް ދެވެން އޮތްއިރު ކްލަބު ތިލަދުންމައްޗަށް މެޗުން އެއްވަރުކޮށްލައިގެންވެސް ސެމީގެ ޖާގައެއް ހޯދޭނެ އެވެ.

މި ނަތީޖާއާއެކު ގްރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގައި މިއަދު ސެމީގެ ޖާގަ ހޯދި ކްލަބު ތިލަދުންމަތި ދެން ބައްދަކުރަން ޖެހޭނީ ގްރޫޕް ބީގެ އެވަނައިގެ ގޮތުގައި ސެމީއަށް ދިޔަ ހަނިމާދޫގެ ސާއްބައާއެވެ. ސެމީގެ ދެވަނަ މެޗުގައި މި ދެ ޓީމު ކުޅޭނީ 18 ވާ ބުރާސްފަތި ދުވަހުއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355