އެމްއެންޑީއެފާއި ގުޅިގެން ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ގިނަ އަދަދެއްގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދީފި އެވެ. ގިނަ އަދަދެއްގެ ފަތަން ނޭނގޭ ދަރިވަރުން ބައިވެރިކޮށްގެން ގެންދިޔަ މި ޕްރޮގުރާމް ކާމިޔާބުކަމާއެކު ނިންމާ މިދިޔަ ހޮނިހިރު ދުވަހުވަނީ ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު ބާއްވާފަ އެވެ.
ޖޫން 20 އިން 11 ޖުލައިއަށް ކުރިއަށްގެންދިޔަ ފަތަން ދަސްކޮށް ދިނުމުގެ ޕްރޮގުރާމުގައި ގުރޭޑް 3،4،7 އަދި ކަބުސް ކައުޓް، ލިޓިލް މެއިޑްގެ އިތުރުން ސްކައުޓް ދަރިވަރުން އެކުލެވޭގޮތަށް 454 ދަރިވަރުން ބައިވެރިވެފަ އެވެ. އޭގެ ތެރެއިން 358 ދަރިވަރަކު ވަނީ ފާސްވެ ސެޓްފިކެޓް ހާސިލުކޮށްފަ އެވެ. ޕްރޮގުރާމުން ފެއިލްވީ އެންމެ 19 އިންސަތަ ދަރިވަރުންނެވެ.
މި ޕްރޮގުރާމް ނިންމުމަށް މިދިޔަ ހޮނިހިރު ދުވަހު އެސްކޫލުގައި ބޭއްވި ރަސްމިއްޔާ ޝަރަފްވެރިކޮށްދެއްވީ ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފް އަހުމަދު އަބުދުﷲ އެވެ. އެމްއެންޑީއެފުން އިންސްޓްރަކްޓަރުން ފޮނުވައިގެން އެ ފަރާތުގެ ބޮޑު އެއްބާރުލުމާއެކު ކުރިއަށްގެންދިޔަ މި ހަރަކާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި އެމްއެންޑީއެފްގެ ގިނަ އަދަދެއްގެ އިސް ބޭފުޅުން ބައިވެރިވި އެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހދ އޭއީސީގެ ޕްރިންސިޕަލް ޝަހީދާ އަލީ ވިދާޅުވީ މި ހަރަކާތުގެ ތެރެއިން ގިނަ ދަރިވަރުން ފަތަށް ދަސްކޮށްފައިވާއިރު މޫދަށް ބިރު ގަންނަށް އެއްގޮތަކަށްވެސް ފަތަން ނޭނގޭ ދަރިވަރުންވެސް މި ޕްރޮގުރާމުގެ ތެރެއިން ފަތަން ދަސްކޮށް ކާމިޔާބުކަމާއެކު ޕްރޮގުރާމް ނިންމާލިކަމަށެވެ.
އަދި ކުރިއަށްއޮތް ތަނުގައިވެސް މިފަދަ ޕްރޮގުރާމެއް ކުރިއަށްގެންދިޔުމަށް އެމްއެންޑީއެފްގައި އެދޭނެކަމަށް ޝަހީދާ ވިދާޅުވި އެވެ. ޝަހީދާ ވިދާޅުވީ މި ހަރަކާތް ކުރިއަށްދިޔައީ އެމްއެންޑީއެފްގެ އިތުރުން ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއެކު ކަމަށެވެ. އެގޮތުން ބެލެނިވެރިންނާއި ކޭއާރުއެޗާއި ކައުންސިލް އަދި ރެޑްކުރެސެންޓް ހިމެނެ އެވެ. އެފަރާތްތަކަށް އޭނާ ވަނީ ޝުކުރުއަދާކުރައްވާފަ އެވެ.
މި ޕްރޮގުރާމް ކުރިއަށްގެންދިޔައީ އާޓިފިޝިއަލް ބީޗް ސަރަހައްދުގައި އާއި އުތުރު ބަނދަރު ސަރަހައްދުގަ އެވެ. ފުރަތަމަ މި ޕްރޮގުރާމްގައި ބައިވެރިކުރުވަން ސިފައިން ބޭނުންވީ 270 ދަރިވަރުންނެވެ. އެކަމަކު ސްކޫލުގެ ޕްރިންސިޕަލް އެދުމުގެ މަތިން ދަރިވަރުން އިތުރުކޮށްދީނީ އެވެ.
މި ޕްރޮގުރާމްގައި ކިޔަވާދީފައިވަނީ ހަރަކާތެއް ނުކޮށް އުއްޑުންނާއި ބަންޑުން އޮންނާނެ ގޮތާއި ފުރޮންޓް ކޯލް ފަތާނެ ގޮތާއި އެއް މީޓަރު މަތިން އެއްވެސް ޖެހިލުމެއް ނެތި ފުންތާކަށް ފުއްމާލުންމަށެވެ. އަދި މީގެ އިތުރުން ސްކައުންޓް ދަރިވަރުންނަށް ފްރޮންޓްކޯލަރ، ބެކްސްޓްރޯކާއި ފުރަންޓްސްޓޯކާއި ފަދަ ފެތުމުގެ ހަރަކާތްތައް ކިޔަވައިދީފައިވެ އެވެ.
ފަތަން ދަސްކުރުމުގެ މި ޕްރޮގުރާމު ނިންމުނުއިރު 25 މީޓަރަށް 167 ދަރިވަރަކު ފަތާފައިވާއިރު 50 މީޓަރަށް 108 ދަރިވަރަކު ފެތި އެވެ. އަދި 23 ދަރިވަރަކު ވަނީ 100 މީޓަރަށް ފަތާފަ އެވެ. 150 މީޓަރަށް ދެ ދަރިވަރަކު ފަތާފައިވާއިރު 200 މީޓަރަށް ވަނީ 62 ދަރިވަރަކު ފަތާފަ އެވެ. އެއްވެސް ޖެހިލުމެއްނެތި އެއް މީޓަރު މަތިން ފުންމާލުމަށް ހުރިހާ ކުދިންނަށް ވަނީ ދަސްކޮށްދީފަ އެވެ.
ސްކައުޓް ދަރިވަރުން ހޯދި ކުރިއެރުމަށް ބަލާއިރު 19 ދަރިވަރަކު ވަނީ 150 މީޓަރު ފުރަންޓްކޯލް ފެތިއިރު 100 މީޓަރު ބެކްސްޓްރޯކްއަށް ފަތާފައިވެ އެވެ. އަދި 50 މީޓަރު ބްރޮކްސްޓޯކް ފެތި އެވެ. ހަތަރު މީޓަރު އަޑިން އެއްޗެހި ނެގުމާއި ހަތަރު މީޓަރު ހުންނަތަނެއްގައި ހުރެގެން ޓީޝާޓް ބަލާފަ ދޯންޏަކަށް އެއްލުމަށްވަނީ ދަސްކޮށްދީފަ އެވެ. މީގެ އިތުރުން ސްކައުޓްގެ 14 ދަރިވަރަކު ވަނީ 150 މީޓަރު ފްރަންޓްކޯލަރ 50 މީޓަރު ބެކްސްޓްރޯކާއި 50 މީޓަރު ފްރޮންޓްކޯލަރއަށް ވަނީ ފާތަފަ އެވެ. އެއީ އެކުދިން ސްކައުޓް ބެޖްތަކެއް ހާސިލުކުރުމަށެވެ.
މި ޕްރޮގުރާމަކީ ހދ އޭއީސީގައި ތިބި ފަތަން ނޭނގޭ ކުދިންނަށް ފަތަން ދަސްކޮށްދިނުމާއި އެ ކުދިން މޫދަށް އަހުލުވެރިކުރުވުމާއި ފަތަން އެނގޭ ކުދިންގެ ހުނަރު އިތުރުކޮށް ތަރައްގީކުރުމެވެ.