• ބަނދަރު ހެދެމުންދާއިރު ރައްޔިތުންގެ ކަންބޮޑުވުންތަކަށް ބަދަލެއްނާދޭ
• އެކިފަހަރުމަތީން ލިޔެކިއުމުން ހިއްސާކޮށްފިން ޖަވާބެއް ނުލިބޭ
• ރައްޔިތުން ބަނދަރަށް ގެންނަން ބޭނުންވާ ބަދަލުތައް ސަރުކާރަށް
ކުޅުދުއްފުށީގައި މިހާރު ސަރުކާރުން ހަދަމުންދާ ލޯކަލް ބަނދަރުގެ މަސައްކަތްތައް ކުރިއަށް ދަނީ އޮޑިވެރީންނާއި ރައްޔިތުން ބޭނުންވާ ބަދަލުތަކެއް ގެނެސްގެން ނޫން ކަމަށާއި އެކަންބޮޑުވުންތައް މިހާރު ރައިސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހްއާ ހިއްސާ ކޮށްފައިވާކަމަށް ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުލްލަތީފް ހަސަން ވިދާޅުވެއްޖެ އެވެ.
ކުޅުދުއްފުށީ ބަނދަރަކީ މާލެއިން އުތުރުގެ އެންމެ ކާރުބާރުބޮޑު ބަނދަރެވެ. ދުވާލަކު އެތައް ސަތޭކަ ބަޔަކު މިބަނދަރުގެ ބޭނުންދަނީ ކުރަމުންނެވެ. މިހާރު ބޭނުން ކުރަމުންދާ ބަނދަރު ކުޑަވެ ސަރުކާރުން މިކަމަށް ހައްލެ ގެނެސްދިނުމަށް މިވަނީ މިރަށުގައި އިތުރު ލޯކަލް ބަނދަރެއް ހެދުމުގެ މަސައްކަތް ފަށައިފަ އެވެ. އެހެން ނަމަވެސް މިއަދު ސަރުކާރުން ކުޅުދުއްފުށީގައި ހަދަމުންދާ ބަނދަރަށް އޮޑިވެރީން ރައްޔިތުން ބޭނުންވާ އެއްވެސް ބަދަލެއް ނުގެނެވި ބަނދަރުގެ މަސައްކަތް ނިމެމުންދާތީ އޮޑިވެރިންނާއި އޮޑިދޯނިފަހަރު ގެންގުޅޭ ފަރާތްތަކުން ދަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ.
ކޭއޯއަށް މަޢުލޫމާތު ދެއްވަމުން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުއްލަތީފް ހަސަން ވިދާޅުވީ ކުޅުދުއްފުށީގައި މިހާރު ހަދަމުންދާ ލޯކަލް ބަނދަރުގެ ރައްޔިތުންނާއި އޮޑިވެރިންގެ ކަންބޮޑުވުންތައް އަބަދުވެސް މިދަނީ ސަރުކާރާއި ހިއްސާކުރަމުންކަމަށާއި އެހެންނަމަވެސް މިއަދާއި ހަމައަށްވެސް އެކަންބޮޑުވުންތަކަށް އެއްވެސް ބަދަލެއް އައިސްފައިނުވާކަމަށެވެ.
" ބަނދަރުގައި ރައްޔިތުން ބޭނުންވާ ކަންކަން ހިމެނިފައިނުވާތީ ކަންބޮޑުވުން އެބަހުރި. އެކަންބޮޑުވުންތައް ކުރީގެ ސަރުކާރާއިވެސް ހިއްސާކުރިން އަދި މިސަރުކާރުން އަމަލީ މަސައްކަތް ފަށައިގެން ކުރިއަށްގެންދާއިރު އެކިފަހަރުމަތިން ލިޔެކިޔުމުންވާނީ ރައްޔިތުންގެ ކަންބޮޑުވުން މިސަރުކާރާއި ހިއްސާކޮށްފަ. އެއްވެސް ބަދަލެއް ނާދޭ ބަނދަރުގެ މަސައްކަތް ދަނީ ކުރިއަށް." ކައުންސިލް ރައީސް އަބްދުއްލަތީފް ވިދާޅުވި އެވެ.
އިތުރަށް އަބްދުއްލަތީފް ވިދާޅުވީ ބަނދަރުގެ އަމަލީ މަސައްކަތް މިހާރު ފެށިގެން ކުރިއަށްދާއިރު ރައްޔިތުންނާއި އޮޑިވެރިންގެ ހުށައެޅުންތަކާއި މީގެކުރިން ޕްލޭނިން މިނިސްޓްރީއަށް ބަނދަރުގެ ހުރި ކަންބޮޑުވުންތަކާއި ގުޅިގެން ފޮނުވާފައި ހުރި ލިޔެކިއުންތަކާއެކު ސީދާ ރައީސުލް ޖުމްހުރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހަށް އެޑްރެސް ކުރައްވާ ރައީސް އޮފީހަށް ހުށައެޅުންތައް ފޮނުވާފައިވާ ކަމަށެވެ.
"ރައްޔިތުންނާއި އޮޑިވެރިންގެ ހުށައެޅުންތައްވާނީ ރައީސް އޮފީހަށް ފޮނުވާފައި. ސަރުކާރުން އެއަށް ބަދަލުގެންނަން އަންގާނީ އަޅުގަނޑު ގަބޫލުކުރާގޮތުގައި މިފެށޭ ހަފްތާތެރޭގައި ކޮންމެވެސް ޖަވާބެއް އެއަށް ލިބިގެންދާނެކަމަށް." އަބްދުއްލަތީފް ވިދާޅުވި އެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މިމަޝްރޫއު ގާތްގަނޑަކަށް ފަސް މަސް ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ. 126 މިލިއަން ރުފިޔާގެ މިމަޝްރޫއަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މަޝްރޫއު އެކެވެ.
މި ބަނދަރަކީ 1100 ފޫޓް ދިގު 500 ފޫޓް ފުޅާ ބަނދަރެކެވެ. މިމަޝްރޫއުގެ ދަށުން މި މަޝްރޫއުގައި މުދާ އުފުލުމާއި ދަތުރުވެރިންނަށް ހާއްސަ ބަނދަރެއް ހަދާ އާ ނެރެއް ކެނޑުން ހިމެނޭއިރު، ކުދި އުޅަނދު ފަހަރަށް ޖެޓީތަކެއް ހެދުމާއި މުދާ އުފުލާ ބޭލުމަށް ރޭމްޕެއް ހެދުންވެސް ހިމެނެއެވެ. އަދި ބަނދަރު ބޭރު ތޮށީގައި އޮޑި ދޯނި ފަހަރު އެޅޭއިރު ބަނދަރުގެ އަރިމަތީ ތޮށީގައިވެސް ޖެޓީތަކެއް ލެވިފައި ހުންނާނެ އެވެ.
ފެރީ ޓާމިނަލް އިމާރާތަކާއި ފެރީ އޮޕަރޭޓްކުރާ ފަރާތްތަކަށް ޓިކެޓް ކައުންޓަރުތައް ހެދުމާއި، އޮފީސްތަކާއި ރީޓެއިން ފިހާރައެއްގެ އިތުރުން ކޮންވޭނިއަންސް ސްޓޯރު ކެފޭއާއި މައިންނަށް ހާއްސަ ސަރަހައްދެއް ތަރައްޤީ މި މަޝްރޫއުގެ ތެރެއިން ކުރެވިގެންދާނެ އެވެ.