twitterviber whatsapp telegramfacebookyoutube instagram
28th March 2024

މިނިވަންކަން ދެމެހެއްޓުމަށް އެންމެ ބޮޑު އިސްކަމެއްދޭނީ ރައްޔިތުން ބާރުވެރިކުރުވާ އަޑުއުފުލުމަށް: ރައީސް

އިބްރާހިމް ހަމީދު
Jul 26, 2019

ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި މިސަރުކާރުން އެންމެބޮޑު އިސްކަމެއް ދެނީ ރައްޔިތުންބާރުވެރިކުރުވައި ރައްޔިތުންގެ އަޑުއުފުލައިދިނުމަށް ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައިސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރަމުން ދިވެހިރާއްޖޭގެ 54 ވަނަ މިނިވަންދުވާހާއި ގުޅިގެން ދިވެހި ޤައުމާ މުހާތަބުކޮށް ދެއްވި ހިތާބުގަ އެވެ.

ރައީސް ވިދާޅުވީ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުތަކާއި އެ ޙައްޤުތަކާ ގުޅިފައިވާ މިނިވަންކަމުން ރައްޔިތުން މަޙްރޫމުވާ އެންމެ ހިނދުކޮޅެއްވެސް މި ޤައުމަށް ކުރިމަތިވެގެންވާނެ ކަމަކަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

މިނިވަންކަމަކީ ކޮންމެ މީހެއްގެވެސް، އިންސާނީވަންތަކަން ރަމްޒުކޮށްދޭ، އެންމެ މަތިވެރި ސިފަކަމަށާއި، އެއީ އިންސާނީ ޙައްޤުތަކުގެ ތެރެއިން އެންމެ މަތީ ދަރަޖައިގެ ޙައްޤުކަމުގައި ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖެ ތަރައްޤީކުރަން ކިތަންމެ ބޭނުންވިޔަސް، ވަގުތީ މަންފާއަކަށްޓަކައި، މި ލޮބުވެތި ފަސްގަނޑުގެ ކިތަންމެ ކުޑަ ތަންކޮޅެއްގެ މިލްކުވެރިކަންވެސް، ބޭރު ބަޔަކަށް ދޫކޮށްލުމަކީ މި ސަރުކާރުން ކުރާނެ ކަމެއް ނޫންކަމަށާއި މުދަލާއި ފައިސާއިން އަގުކުރެވޭ ވަރަށް ވުރެ، މި ޖަޒީރާތަކުގެ ޤަދަރާއި ކަރާމާތް، ދިވެހިންގެ ކުރިމަތީގައި މާ މަތިވެރިކަމުގައި ވިދާޅުވިއެވެ.

"މިނިވަންކަމަކީ ކޮންމެ މީހަކު އުފަންވާ ހިނދުން ފެށިގެން ކޮންމެ މީހަކާ އެކުގައިވާ އަދި އެއްވެސް މީހެއްގެ ކިބައިން ހިނދުކޮޅަކަށް ވެސް ނިގުޅައިގަނެވިގެން ނުވާނެ އިންސާނީ ޝަރަފެއް ކަމަށާއި ޤައުމެއްގެ ކީރިތިކަމާއި މޫރިތިކަން ބިނާވެފައިވަނީ އެ ޤައުމެއްގެ ވަކިވަކި ފަރުދުންނަށް މިނިވަންކަން އިޙްސާސްކުރެވޭ މިންވަރެއްގެ މައްޗަށްކަމުގައި." ރައީސް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިނިވަން ދުވަހުގެ އުފާވެރި އިޙްސާސްތަކާ ބައްދަލުކުރާ އިރު އިއްޔެ އަޅުގަނޑުމެންނަށް މިނިވަންކަން ލިބިފައި އޮތް މިންވަރާއި، މިއަދު އެ މިނިވަންކަމުގެ ބޭނުން ހިފަމުންދާ ގޮތާއި މާދަމާ އެ މިނިވަންކަން އޮންނާން އެދޭ ގޮތާ މެދު ވިސްނައިލުމަކީ ވަރަށް މުހިންމު ކަމެއް ކަމުގަ އެވެ.

"ފުރިހަމަ މިނިވަންކަމެއް އިޙްސާސް ކުރެވޭނީ، އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާއާއި، ދިވެހިރާއްޖޭގެ ޤާނޫނުތަކުގެ ހިޔާވަހިކަމުގެ ދަށުގައި ތިބެ، ހާސިލްކުރަން އެދޭ ކޮންމެ ކަމެއް ހަގީގަތަކަށް ހެދޭނެ ކަމުގެ ޔަގީންކަން ލިބިގެންވާ މާހައުލެއް، މިރާއްޖޭގައި އުފެދިގެން އެފަދަ މާހައުލެއް އުފެއްދުމަކީ އެންމެންގެ މަސްއޫލިއްޔަތެއް ކޮންމެ މީހެއްގެ ފަރުދީ ޒިންމާއެއް ކަމަށް." ރައީސް ވިދާޅުވި އެވެ.

ރައިސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ޤައުމުގެ މަޞްލަޙަތުގައި މަސައްކަތްކުރާ، ރާއްޖޭގެ ނޫސްވެރިންނާއި، ޖަމިއްޔާ ޖަމާޢަތްތަކުގެވެސް، އެންމެ އިސް އަމާޒަކަށް ހަދަންޖެހޭނީ، ރައްޔިތުންގެ ފަރުދީ މިނިވަންކަމާއި ޙައްޤުތައް ޙިމާޔަތް ކޮށްދިނުންކަމުގައި ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މިނިވަންކަމުގެ މުޅިން އައު އަހަރަކާ ކުރިމަތިލާއިރު، ސަރުކާރުގެ އެންމެ އިސް ސިޔާސަތަކަށްވާނީ، މުޖްތަމަޢުގެ ހަމަޖެހުމާއި އަމާންކަން ޤާއިމްކުރުންކަމަށާއި އުފާވެރިކަމާއެކު ދިރިއުޅޭ ގެދޮރުވެރި ފުދުންތެރި އަދި ފަޚުރުވެރި ޢާއިލާތަކެއް ބިނާކުރުންކަމުގައެވެ.

"ފަރުދީ މިނިވަންކަން އިޙްސާސް ކުރެވޭނީ، އެ މަޤްޞަދު ޙާޞިލްވެގެން . ރާއްޖޭގެ ކަނޑުފަޅާއި، ފަރާއި އެއްގަމާއި، ވަޔާއި ކަނޑުން ގުޅިފައިވާ، މި ބިޔަ ނޫ އިޤްތިޞާދުގެ ނަފާ، ހުރަހެއް ނެތި، ވަކިވަކި ފަރުދުންގެ ޖީބަށް ފޯރައިގެންކަމަށާއި ރައްޔިތުންގެ ޙައްޤުތައް ފުރިހަމައަށް ޙިމާޔަތްކުރެވިގެން ޢަދުލު އިންޞާފު ޤާއިމުކުރެވޭނެ ކަމުގެ އިތުބާރާއި ޔަޤީންކަން ހޯދައިދެވިގެން ކަމަށް."ރައީސް ވިދާޅުވިއެވެ.

އެކަންކަން ޙާސިލްކުރެވޭނީ، އަޅުގަނޑުމެން އެންމެން އެއް ޢަޒުމެއްގައި އެކަމަށް މަސައްކަތް ކޮށްގެން ކަމަށާ އަދި ދައުލަތުގެ ހުރިހާ ބާރުތަކާއި އެންމެހައި މުއައްސަސާތަކުގެ ޙަޤީޤީ މަޤްސަދަކަށް ވާންޖެހޭނީވެސް ރައްޔިތުންގެ ފަރުދީ މިނިވަންކަން ހިމާޔަތްކޮށް ރައްކާތެރިކޮށްދިނުން ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

"އެހެންކަމުން ރައްޔިތުންގެ ޙައްޤުތަކަށް ހުރަސްއެޅޭ ގޮތަށް ހުރި ޤާނޫނުތަކާއި އުސޫލުތައް އުވާލައި އެ ޙައްޤުތައް ފުރިހަމައަށް ލިބިދިނުމަށްޓަކައި ޤާނޫނުތައް އިސްލާޙްކުރުމުގެ މަސައްކަތް ސަރުކާރުން މިއަންނަނީ ކުރަމުންކަމަށް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ޚާރިޖީ ސިޔާސަތު ތެރެއިން ހަތުރުވެރިކަމެއްނެތި ޤައުމުގެ ގުޅުން ބަދަހިކޮށް އިންސާނީ ޙައްޤުތައް ހިމާޔަތްކޮށް ޑިމޮކްރެސީގެ ހަމަތަކާއި އަގުތައް ނަގަހައްޓައި، މޫސުމީ ބަދަލުތަކަށާއި ތިމާވެށީގެ ހިމާޔަތަށް އިސްކަން ދިނުމުގެ މައްޗަށްށާއި ޤައުމުތަކާ އެކު ގުޅުންތައް ދަމަހައްޓަމުން ދާނެކަމަށެވެ.

"ހުޅުވައިލެވިފައިވާ ދުނިޔެއަކަށް ނޭވާލަމުންދާއިރު، ދުނިޔޭގެ ސިޔާސީ އޮއިވަރަށް ދީލާނުލައި، ޖަޒީރާވަންތަ ޤައުމެއްގެ ގޮތުގައި ރާއްޖެ ތަރައްޤީކުރުމަކީ، މިއަދު އަޅުގަނޑުގެ ކޮނޑުގައި އެޅިފައިވާ އެންމެ މަތީ ޤައުމީ ވާޖިބުކަމަށް/" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.އަދި، ސިޔާސީ މިނިވަންކަމާއި އިޤްތިޞާދީ މިނިވަންކަން ދެމެހެއްޓުމަށްޓަކައި، ޤައުމީ ތަރައްޤީގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާނެކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ރައްޔިތުންގެ ޙައްޤުތައް ފުރިހަމައަށް ޙިމާޔަތްކުރެވި، ޢަދުލު އިންސާފު ޤާއިމުކުރެވޭނެ ކަމުގެ އިތުބާރާއި ޔަޤީންކަން ހޯދައިދިނުމަށް، ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާނެކަމުގެ ޔަޤީންކަންދެއްވާފަ އެވެ. ރައީސް ވިދާލުވީ ދިވެހި ރައްޔިތުންނަށް އަބަދުވެސް އުފާފާގަތިކަމަށް އެދޭ ޙާލު، ތިޔަ ލޮބުވެތި ރައްޔިތުންގެ ފަރާތުން އަޅުގަނޑު އެދެނީ، ދިވެހީންގެ އަގު އުފުލައިދީ، މި ޖަޒީރާ ރާއްޖޭގެ ތަރައްޤީ އާއި ކުރިއެރުމަށް މަސައްކަތްކޮށްދެއްވުމަށާއި ޢަދުލުވެރިކަމާއި ހަމަޔާއި އިންޞާފު ޤާއިމުކުރުމަށްޓަކައި، ވައްކަމާއި ރިޝްވަތާއި ކޮރަޕްޝަނާއި ފަސާދައަށް ނޫނެކޭ ބުނުމުގެ ހިތްވަރު ލިބިގަތުމަށް ދިވެހި ކޮންމެ ރައްޔިތަކަށް އިލްތިމާސް ކުރާކަމަށެވެ

"މިއީ އަޅުގަނޑުމެން އެންމެންގެ ޤައުމު.މި ރާއްޖެ އިސްލާހުކޮށް ތަރައްޤީކުރާނީ، އަޅުގަނޑުމެން އެންމެން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355