ކުޅުދުއްފުށީ މާފަލު ހިޔާގެ ރޯހައުސްއެއް ފަޅާލައި އެތަނުގައި ހުރި ގިނަ އަދަދެއް އަގުބޮޑެތި މުދާތަކެއް ވަގަށް ނަގައިފި އެވެ. އެ މުދާތަކަކީ އެ ރޯހައުސް ލިބުނު މީހާ އެތަނުގައި ބަހައްޓާފައިވާ އެއްޗެހިތަކެކެވެ.
މީހުން ދިރިއުޅެން ނުފަށާ ހުރި އެ ރޯހައުސްތަކުގައި ހުރި ޔުނިޓަކުން ވަގަށް ނެގި ސާމާނުތަކުގެ ތެރޭގައި ތިން އޭސީ އާއި އޮޓޯ ދޮންނަ މެޝިނަކާއި ސޯފާއެއްގެ އިތުރުން އަދިވެސް ގިނަ ތަކެތި ވަގަށް ނެގި އެވެ.
އެތަނުގައި ހުރި އަގު ބޮޑެތި ސާމާނުތަކެއް ވަގަށް ނަގައިގެން އެތަކެތި ވިއްކާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިމަހު 6 ވަނަ ދުވަހު އެވެ. އެތަނަށް ވަގު ވަދެފައިވަނީ ފުރާޅުން ޓިނުނަގައިގެން ސީލިންގ ހަލާކުކޮށްލައިގެންނެވެ.
ފުލުހުންގެ ތަރުޖަމާނު އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރު ކޭއޯއަށް ވިދާޅުވީ، މިމައްސަލާގައި ތުހުމަތުކުރެވޭ ދެ މީހަކު ކޯޓު އަމުރުގެ ދަށުން ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ ދެ މީހުންގެ ބަންދުގެ މުއްދަތަށް 12 ދުވަސް ކޯޓުން ޖަހާދީފައިވާ ކަމަށެވެ.
މި މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވަނީ 26 އަހަރާއި 28 އަހަރުގެ ދެ ފިރިހެނުންނެވެ.
އިޒްމިއާ ވިދާޅުވީ ރޯހައުސް އިން ވަގަށް ނެގި ސާމާނު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށާއި މިމައްސަލާގައި މިހާތަނަށް ކުރިއެރުންތަކެއް ލިބިފައިވާކަމަށެވެ.
މިމައްސަލަ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގުކުރަމުންނެވެ.