ޑިޖިޓަލް މޯލްޑިވްސް ނުވަތަ ސުމޭކީ ދިވެހިރާއްޖެއެއް ގާއިމްކުރުމަށް ދެމުންދާ އެއްބާރުލުމުގެ ދަށުން ފަސޭހަކަމާއި އެކު އޮންލައިން ވިޔަފާރި ކޮށްލެވޭ އީ-ކޮމާސް މާކެޓްޕްލޭސް ޕްލެޓްފޯމް ކަމަށްވާ މޫލީ އުރީދޫ އިން ރާއްޖޭގައި ތައާރަފްކޮށްފި އެވެ.
ސްޕެއިންގައި މިއަހަރު ކުރިއަށްދިޔަ މޮބައިލް ވޯލްޑް ކޮންގްރެސް ބާސެލޯނާ 2019 ގައި ފުރަތަމަ ދައްކާލެވުނު ޕްލެޓްފޯމް ކުރުނބާ މޯލްޑިވްސްގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި އުރީދޫގެ މޫލީ ރާއްޖޭގައި ރަސްމީކޮށް ތައާރަފްކޮށްދެއްވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް އަދި އުރީދޫގެ މެނޭޖިންގ ޑައިރެކްޓަރ އަދި ސީއީއޯ ނަޖީބް ހާން އެވެ.
މޫލީ އަކީ މުޅި ރާއްޖެއަށް ހުޅުވާލާފައިވާ ގަނެވިއްކުމުގެ ހުރިހާ މަރުހަލާއެއް ޑިޖިޓަލްކޮށްލަދޭ ޕްލެޓްފޯމެކެވެ. މީގެތެރޭގައި ޕްރޮޑަކްޓުތައް އޯޑަރުކުރުން އޮންލައިންކޮށް ފައިސާދެއްކުން އަދި ބައްލަވައިގަތް މުދާ ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް ފޮނުވައިދިނުން ހިމެނެއެވެ. މޫލީ މެދުވެރިކޮށް ފުރަތަމަ ފިޔަވަހީގައި ފޯރުކޮށްދެވިގެންދާނީ އުރީދޫގެ ހުރިހާ ޕްރޮޑަކްޓުތަކާއި ރާއްޖޭގެ ތަފާތު ޔޫޓިލިޓީ ހިދުމަތްތަކެވެ.
ކުރިއަތް އޮތް ދުވަސްތަކުގައި މި ޕްލެޓްފޯމް ވެގެންދާނީ ތަރުކާރީއާއި ގޭތެރޭގެ ސާމާނުން ފެށިގެން އިލެކްޓްރޯނިކްސް ކާބޯތަކެތި އަދި ސިއްހީ އަދި ތައުލީމީ ހިދުމަތްތައް ފަދަ ތަފާތު ވިޔަފާރިތައް ތަމްސީލުކުރެވޭ އީ-ކޮމާސް މާކެޓްޕްލޭސް އަކަށެވެ. އަދި ކަސްޓަމަރުން ކުރާ ތަފާތު މުއާމަލާތްތަކަށް ބިނާކޮށް ދެވޭ ހާއްސަ ލަފާތަކާއި ޕްރިޑިކްޓިވް އެނަލިޓިކްސް ބޭނުންކޮށްގެން ފޯރުކޮށްދޭ އެހީތެރިކަން އެއްވެސް މެދުކެނޑުމަކާއި ނުލާ 24 ގަޑިއިރު ލިބިގެންދާނެއެވެ.
މޫލީ މެދުވެރިކޮށް ކަސްޓަމަރުންނަށް ޔަގީންކޮށްދެވޭ ފައިދާތަކުގެ ތެރޭގައި:
• މުޅި ރާއްޖެއަށް ޑެލިވަރީކޮށްދިނުން
• 100% އަސްލު ނުވަތަ ޖެނުއިން ބްރޭންޑުތައް
• އިތުބާރާއިއެކު ވިޔަފާރިކުރެވޭ ޕްލެޓްފޯމެއް
• ފަސޭހަކަމާއި އެކު ގަނެވިއްކައި، ވިޔަފާރި ކުރުމުގެ ފުރުސަތު
• ލިބޭ ޕްރޮޑަކްޓުގައި އެއްވެސް މައްސަލައެއް އުޅޭނަމަ ފަސޭހަކަމާއި އެކު ބަދަލުކޮށްލެވޭ
ދިވެހިރާއްޖޭގެ އެންމެހާ ކަންކޮޅުތަކަށް ފަސޭހަކަމާއި އެކު މުދާ ފޯރުކޮށްދިނުމުގައި އުރީދޫ މޫލީގެ ލޮޖިސްޓިކް ޕާޓްނަރ އަކީ ރެޑް ބޮކްސް އެވެ.