ދިރާގު ޓީވީއިން "އައި ފިލްމްސް" ގެ ފުރަތަމަ ފީޗާ ފިލްމު "ބަވަތި "ދިރާގު ޓީވީގެ އޮން ޑިމާންޑް ޕްލެޓްފޯމް އަށް ގެނައުމަށް ސޮއި ކޮށްފިއެވެ. ދިރާގު ޓީވީގެ އޮން ޑިމާންޑް ޕްލެޓްފޯމް ކަސްޓަމަރުންނަށް ބޭނުންކުރަން ފަސޭހަވާނެ ފަދަ ގޮތަކަށް ފަރުމާކުރެވިފައިވާއިރު ދިރާގު ޓީވީގެ "ހޯމް ސްކްރީން" ގައި ވާ " އޮން ޑިމާންޑް" ޖަހާފައިވާ ބަޓަން އަށް ފިއްތަވާލުމުން އޮން ޑިމާންޑް ކޮންޓެންޓްތައް ބައްލަވާލެވޭނެއެވެ.
"އައި ފިލްމްސް" އަކީ 2018 ވަނަ އަހަރު އިލްޔާސް ވަހީދު އުފެއްދި ފިލްމު ކުންފުންޔެކެވެ. "ބަވަތި" އަކީ މި ކުންފުނީގެ ފުރަތަމަ ފިލްމެވެ.
މި ފިލްމަކީ ލޯބީގެ ބިރުވެރި އަދި ކޮމެޑީގެ ބައިތަކެއް އުލެވިގެންވާ ޒުވާން ދެމަފިރިއަކަށް ދިމާވާ އާދަޔާހިލާފު ކަންތައްތަކެއްގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ.
ދިރާގު ޓީވީން ކުރިއަށް އޮތް ތަނުގައިވެސް ދިވެހި ފިލްމީ އުފެއްދުންތަކަށް އެއްބާރުލުންދީ ދިވެހި އުފެއްދުންތަކަށް އޮން ޑިމާންޑް ޕްލެޓްފޯމުގައި ހާއްސަ ފުރުސަތުތަށް މަގު ފަހިކޮށްދެމުންދާނެ ކަމަށާއި އެގޮތުން ދިރާގުގެ އަމާޒަކީ ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތަކުގެ ޒަރިއްޔާއިން ދިވެހި ފިލްމީ ދާއިރާ ކުރިއެރުވުމަށް މަގުފަހިކޮށް އިތުރު ހަރުފަތަކަށް އެ ދާއިރާ ގެންގޮސްދިނުން ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.
އެގޮތުން ދިރާގުން މަސައްކަތްކުރަމުން ދަނީ ވީއޯޑީ ލައިބްރަރީ އިތުރަށް ފުޅާކޮށް މުއްސަނދިކޮށް ވީހާވެސް ގިނަ ދިވެހި ކޮންޓެންޓް ފަސޭހަކަމާއެކު ބެލުންތެރިންނާ ހަމައަށް ފޯރުކޮށްދިނުމަށެވެ.
"ބަވަތި" ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރ މަހު 2 ވަނަ ދުވަހެވެ. މި ފިލްމުގެ ބަތަލުގެ ރޯލުން ފެނިގެން ދަނީ މި ދާއިރާއަށް މުޅިން އާ ފަންނާނެއް ކަމަށްވާ އިފްނާޒް ފިރާގެވެ. ބަތަލާގެ ރޯލުން ފެނިގެންދާނީ ނުޒުހަތު ޝުއައިބެވެ. މި ފިލްމު ސިނަމާގައި ދެއްކުމަށް ދިރާގު ޓީވީގެ އޮން ޑިމާންޑް ޕްލެޓްފޯމުން ބަލާލެވޭނެއެވެ.
ދިރާގު ޓީވީ ތަޢާރަފް ކުރިތާ ވީ ދެ އަހަރު ދުވަސް ތެރޭގައި ނުހަނު ބޮޑެތި ކުރިއެރުންތަކެއް ވަނީ ގެނެސްފައިވާކަން ފާހަގަ ކޮށްލެވެ އެވެ. އެގޮތުން މިހާރު ރާއްޖޭގެ އާބާދީގެ %72 ޓީވީ ހިދުމަތް ވަނީ ފޯރުކޮށްދީފައި ވެއެވެ.