twitterviber whatsapp telegramfacebookyoutube instagram
23rd April 2024

އުތުރުގެ ރީޖަނަލް އާބަން ސެންޓަރުގެ ގޮތުގައި ކުޅުދުއްފުށީ ތަރައްގީކުރަނީ

Aug 23, 2019
4

ސަރުކާރުން ވައުދުވެފައިވާގޮތަށް ރާއްޖޭގެ ފަސް ސަރަހައްދެއް މާލެ ފެންވަރަށް ތަރައްގީކުރުމަށް އެކުލަވާލާފައިވާ ގައުމީ ތަރައްގީގެ ތަސައްވަރު ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމު މިއަދު ހާމަކުރައްވައިފި އެވެ.

މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރައީސް އިބުރާހިމް މުހައްމަދު ސޯލިހްވެސް އެކި ޕޯޑިއަމްތަކުގައި ވާހަކަދައްކަވަމުން ވިދާޅުވެފައިވަނީ ރާއްޖެ ތަރައްގީކުރާނީ ލާމަރުކަޒީކޮށް ކަމަށެވެ. މާލެއަށް ޖަމާވެފައިވާ ބާރުތަކާއި ޚިދުމަތްތައް މުޅި ރާއްޖެއަށް ފަތުލާނެކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.

އެމްޑީޕީން ކުރިއަށްގެންދާ ކައުންސިލަރުންގެ ކޮންފަރެންސްގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ މިހާރު އެކުލަވާލަމުން އަންނަ ގައުމީ ތަރައްގީގެ ޕްލޭންގައި ރާއްޖެ ތަރައްގީ ކުރަން ރާވާފައި އޮތީ މައިގަނޑު ފަސް ސަރަހައްދަކަށް ބަހާލައިގެން ކަމަށެވެ.

އެ ސަރަހައްދުތައް ކަނޑައެޅީ އިގްތިސާދީ ހާލަތާއި އާބާދީއަށް ބަލައިގެން ކަމަށާއި އަދި ފާއިތުވި ހަތަރު އަހަރު ކޮންމެ ރަށެއްގެ އާބާދީގެ ބޮލަކަށް ޖީއެސްޓީ ދައްކާފައިވާ ވަރު ބެލުމަށްފަހު ކަމަށެވެ. އެކަމަކު އެ ސަރަހައްދުތައް އަދި ފައިނަލުނުވާ ކަމަށެވެ. އެގޮތުން ޕްރައިމަރީ ސަރަހައްދުތަކުގެ ގޮތުގައި ފާހަގަކޮށްފައިވަނީ ކުޅުދުއްފުއްޓާއި ޅ ނައިފަރު، ލ ގަން، ގދ ތިނަދޫ، ސ ހިތަދޫ އެވެ.

ސަރުކާރުތަކުން ކުޅުދުއްފުށި މީގެ ކުރިންވެސް ތަރައްގީކުރަމުންގޮސްފައިވަނީ ސަރަހައްދީ މައި ރަށުގެ ގޮތުގައި އެވެ. އެގޮތުން ސަރަހައްދީ ހިދުމަތްތައްވެސް ގާއިމުކޮށްފައިވާ ކުޅުދުއްފުށީގައި އެވެ. އަދި އާބާދީއަށް ބަލާއިރު މާލެ ސަރަހައްދު ފިޔަވާ، އެރަށެއްގައި އެންމެ ގިނަ ބަޔަކު ދިރިއުޅެމުންދަނީ ކުޅުދުއްފުށީގައި އެވެ.

ރީޖަނަލް ހަބްގެ ގޮތުގައި ތަރައްގީކުރަން ނިންމާފައިވާ ފަސް ރަށް ވަށައިގެން 20 މޭލުގައި ހުންނަ ރަށްތަކަކީ ސަބް ރީޖަންގެ ގޮތުގައި ކަނޑައަޅަން ވަނީ ނިންމައިފަ އެވެ. އެ ރަށްތަކުގެ ތެރޭގައި ށ. ފުނަދު އާއި ނ. މާފަރާއި ރ. ދުވާފަރާއި ބ. އޭދަފުއްޓާއި ދ. ކުޑަހުވަދު އާއި ތ. ތިމަރަފުއްޓާއި ގއ. ވިލިނގިއްޔާއި ފުވައްމުލައް ހިމަނަން އޮތީ ފާހަގަކޮށްފަ އެވެ. ސަބް ރީޖަންގެ ގޮތުގައި ހއ އަތޮޅުން ރަށެއް އަދި ކަނޑައަޅާފައެއް ނުވެ އެވެ.

މައި ރަށްތައް ތަރައްގީ ކުރާނީ އެރަށްތަކާ އެހެން ރަށްތައް ގުޅޭގޮތަށް ކަމަށާއި އެކަން ކުރާނީ ރަނގަޅު ދަތުރުފަތުގެ ނިޒާމެއްގެ ތެރެއިންކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ. އަދި މަސައްކަތް ކުރާނީ ކަނޑުގަދަ ވިޔަސް ދަތުރުކުރާ މީހުންނަށް ބޮޑަށް އުނދަގޫ ނުވާކަހަލަ ފެރީ ނިޒާމެއް ގާއިމުކުރާނެ ކަމަށެވެ.

މައި ރަށްތަކެއް ކަނޑައެޅުންވެސް އެ ރަށްތަކާ ދުރުގައި އޮންނަ ރަށްތަކެއް އޮވެ އެވެ. މިނިސްޓަރު ވިދާޅުވިގޮތުގައި އެ ރަށްތައް ތަރައްގީ ކުރަން ނިންމާފައިވަނީ "ކްލަސްޓާއެއް"ގެ ގޮތުގަ އެވެ. އެއީ ދަތުރުފަތުގެ ތެރެއިން ގުޅުވައިގެން ކުދި ރަށްތައް އެކުގައި ތަރައްގީ ކުރުމެވެ. އެއީ ފ. ނިލަންދޫ، އދ ނިލަންދޫ، އދ މާމިގިނލީ، މ ކޮޅުފުށި، މ މުލި، ވ ވެލިދޫ، ގދ ފަރެސްމާތޮޑާ، ގދ ގައްދޫ، އއ ރަސްދޫ، އދ މަހިބަދޫ އެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355