twitterviber whatsapp telegramfacebookyoutube instagram
26th April 2024

ރަށުގެ މުއްސަނދިކަން އެރަށަކަށް ދޭން ގޮވާލާ ގަރާރެއް ހުށައަޅައިފި

Aug 25, 2019

ރަށްރަށުގެ ގުދުރަތީ މުއްސަނދިކަމާއި އުމްރާނީ ތަރައްގީގެ ވަސީލަތްތައް އެ ރަށަކަށް ދޭން ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށައަޅައިފި އެވެ.

ހުޅުމާލެ ދާއިރާގެ މެމްބަރު، އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒް ހުށަހެޅުއްވި ގަރާރުގައި ވަނީ ލާމަރުކަޒީ ގާނޫނުގެ ފައިދާ ރައްޔިތުންނަށް ލިއްބައިދެވޭނެ އުސޫލަކުން އެ ގާނޫނު ތަންފީޒު ކުރުމަށް އެޅިފައިވާ ހުރަސްތައް ނައްތާލައި ކައުންސިލްތައް ބާރުވެރިކުރުވުމުގެ ގޮތުން އެ ގާނޫނަށް ގެނެވޭ އިސްލާހުތަކުގެ ޒަރީއާ އިން ރަށްރަށުގެ ސަރަހައްދާއި ކައުންސިލްގެ އިހްތިސާސްތައް ކަނޑައެޅުމަށެވެ.

ލާމަރުކަޒީ ގާނޫނަށް އަމަލު ކުރަން ފެށި ފަހުން މިއަދާ ހަމައަށް އަށް އަހަރު ފާއިތުވެގެން ދިޔަ އިރު، އެ ގާނޫނުގެ މަގްސަދުތަކާއި ބޭނުންތައް ހާސިލްވަމުން ނުދާކަން ފާހަގަކޮށް އެ ގާނޫނުގެ ސަބަބުން ރައްޔިތުންނަށް ލިބެން ޖެހޭ ނަފާ އާއި މަންފާ ލިބެމުން ނުދާ ކަމަށް ވެސް ގަރާރުގައި ބުނެފައިވެ އެވެ.

ކޮންމެ ރަށެއްގެ ސަރަހައްދީ އިހްތިސާސްގައި ހިމެނޭ ރަށްރަށާއި ފަޅާއި ފަރުފަދަ ތަންތަނާއި އެފަދަ ތަންތަން ބޭނުންކޮށްގެން ލިބޭ އާމްދަނީން ރަށު ރައްޔިތުންގެ އަސާސީ ބޭނުންތަކާއި ރަށުގެ އުމްރާނީ ތަރައްގީ އަށް ކުރަން ޖެހޭ ކަންކަން ކުރުމުގައި އަމަލު ކުރަން ޖެހޭނެ ގޮތް ގާނޫނުގައި ބަޔާން ކުރަން ގަރާރުގައި އެދިފައިވާއިރު ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ސަރަހައްދަކީ އެ ރަށެއްގެ އުރަފަށުން ފެށިގެން 500 މީޓަރު ކަމުގައި ހަމަޖެއްސުމަށް ވެސް ގަރާރުގައި ބުނެފައިވެ އެވެ.

އެގޮތުން އެއް ފަޅެއްގައި މީހުން ދިރިއުޅޭ ދެ ރަށް ހިމެނޭ ނަމަ، އެ ދެ ރަށުގެ ސަރަހައްދަކީ އެ ދެ ރަށުގެ ދެމެދުން ހަމަހަމަ އަށް ވަކިކޮށްލުމުން ކޮންމެ ރަށަކަށްމެ ޖެހޭ މިންވަރު ކަމަށް ކަނޑައަޅައި ކޮންމެ ރަށެއްގައި ހިމެނޭ ސަރަހައްދުގައި ހިމެނޭ ރަށްރަށާއި ފަޅާއި ފަރު ފަދަ ތަންތަނާއި އެފަދަ ތަންތަން ބޭނުންކޮށްގެން ލިބޭ އާމްދަނީ ނިސްބަތް ވަނީ އެ ރަށެއްގެ ކައުންސިލަށް ކަމުގައި މަޖިލިހުން ކަނޑައަޅަންވާނެ ކަމަށް ގަރާރުގައިވެ އެވެ.

މީގެ އިތުރުންވެސް އަދި ރައްޔިތުން ބާރުވެރިކޮށް ރައްޔިތުންނާ އެންމެ ގާތުން ފުޅާ ދާއިރާއެއްގައި ހިދުމަތް ލިބޭނެ މަގުފަހިކޮށްދީ ރާއްޖޭގެ ރަށްރަށުގައި އަމާން ވެއްޓެއް ގާއިމު ކުރުމާއި، ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ބޭނުމަކީ ރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ކަންކަން ދިމިގްރާތީ އަދި ޖަވާބުދާރީކުރުވަނިވި އުސޫލުން ރައްޔިތުން އަމިއްލަ އަށް ނިންމުމަށް މަގުފަހިކޮށް އިޖުތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުންނާއި ސަގާފީ ގޮތުން ރާއްޖޭގެ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުންކަމަށް ގަރާރުގައި ބުނެފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355