ރާއްޖެއާއި ސްރީލަންކާއާއި ދެމެދު ސޮއިކުރައްވާފައިވާ އެއްބަސްވުންތައް ބަދަލްކުރައްވައިފި އެވެ. ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ މިހާރު ރާއްޖެއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރު ފުޅުގައި މި އެއްބަސްވުންތައް ބަދަލުކުރެއްވުމަށް މިއަދު ރައިސުލް ޖުމްހުރިއްޔާގެ އޮފީހުގައި ވަނީ ރަސްމިއްޔާތެއް ބާއްވާފަ އެވެ.
ދެ ގައުމުގެ ދެމެދުގައި މިއަދު ބަދަލުކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި ހިމެނެނީ އެގްރީމަންޓް އޮން ފެސިލިޓޭޝަން އޮފް ވިސާ އެރޭންޖްމެންޓްސް، އެމްއޯޔޫ އޮން ހަޔަރ އެޑިއުކޭޝަން އެނޑް ވޯޓަރ ސެކްޓަރ ކޯޕަރޭޝަން، އެމްއޯޔޫ އޮން ސޯޝަލް ޕްރޮޓެކްޝަން އަދި އެމްއޯޔޫ ފޮރ ވޮކޭޝަނަލް ޓްރެއިނިންގ އެންޑް ޔޫތް ޑިވެލޮޕްމަންޓް އެއްބަސްވުމެވެ.
އެގްރީމަންޓް އޮން ފެސިލިޓޭޝަން އޮފް ވިސާ އެރޭންޖްމެންޓްސް ގެ ނަމުގައި މިއަދު ބަދަލުކުރެވުނު އެއްބަސްވުމާއެކު 2008 ވަނަ އަހަރު ދެގައުމުގެ މެދުގައި ވެވިފައިވާ ވިސާއާބެހޭ އެއްބަސްވުމަށް އިސްލާހު ގެނެވިގެންދާނެކަމަށާއި މި އެއްބަސްވުމުގެ ދަށުން ސްރީ ލަންކާއަށް ދަތުރުވަރިއެއްގައި ދާ ދިވެހީންނަށް 90 ދުވަހުގެ އޮންއެރައިވަލް ވިސާ ހިލޭ ހަމަޖެހިގެންދާނެކަމަށެވެ.
މި އެއްބަސްވުމުގެ ދަށުން ދެގައުމުގައިވެސް ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް މަލްޓިޕްލް އެންޓްރީ ބިޒްނަސް ވިސާ ހަމަޖެހިގެންދާނެ ކަމަށާއި ލަންކާގައި ތައުލީމު ހާސިލުކުރާ އަށާރަ އަހަރުން ދަށުގެ ދިވެހި ދަރިވަރުންނާއި އެދަރިވަރުންގެ މައިންބަފައިންނާއި ބެލެނިވެރިންނަށް ވިސާގެ އެއްބަސްވުމަށް މިގެންނެވި ލުއިފަސޭހަކަމުގެ ބޭނުން ހިފޭނެކަމަށެވެ.
އެމްއޯޔޫ އޮން ހަޔަރ އެޑިއުކޭޝަން އެއްބަސްވުމަކީ ރާއްޖެއާއި ސްރީލަންކާގެ ދަރިވަރުންނަށް ތައުލީމީ ފުރުސަތުތައް ފަހިކޮށްދީ ހާއްސަކޮށް ފެނާއި ގުޅުންހުރި ދާއިރާތަކުން ކަމާގުޅޭ މާހިރުންގެ ލަފަޔާ އިރުޝާދާ އެކީ ކަންކަމުގެ މައުލޫމާތު ބަދަލުކުރުމަށް ވެވުނު އެއްބަސްވުމެއްކަމަށެވެ.
އެމްއޯޔޫ އޮން ސޯޝަލް ޕްރޮޓެކްޝަން އެއްބަސްވުމަކީ އިޖްތިމާޢީ ރައްކާތެރިކަމުގެ ދާއިރާއިން ދެގައުމުގެ މެދުގައި އެއްބާރުލުން ދިނުމާއެކު މިރޮނގުން އެންމެ ނާޒުކު ފަރާތްތައް ކަމަށްވާ ކުޑަކުދިންނާއި ދުވަސްވީ މީހުންގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ބެހޭގޮތުން ވެފައިވާ އެއްބަސްވުމެވެ.
އެމްއޯޔޫ ފޮރ ވޮކޭޝަނަލް ޓްރެއިނިންގ އެންޑް ޔޫތް ޑިވެލޮޕްމަންޓް ގެ ނަމުގައި މިއަދު ބަދަލު ކުރެވުނު އެއްބަސްވުމަކީ ޒުވާނުންނަށް އަމާޒުކޮށްގެން މައުލޫމާތު ބަދަލުކުރުމާއި ގުޅިގެން މަސައްކަތްކުރުމާއި އިސްނެގުމާއި ހިންގުމުގެ ހުނަރު ތަރައްގީ ކުރުމަށް ފަންނީ އަދި ވޮކޭޝަނަލް ތަމްރީންތައް ހިންގުމަށް ވެވުނު އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ދަށުން ދެގައުމުގެ ދެމެދުގައި ތާރީހާއި ސަގާފަތް ދިރުވާ އާލާކުރުމާ ބަހާއި އާދަކާދައިގެ ތެރެއިން އިލްމީ ދިރާސާތައް ހެދުންވެސް ހިމެނެއެވެ.