twitterviber whatsapp telegramfacebookyoutube instagram
29th March 2024

ދެ ގޯތީގެ ބަދަލަށްވާ ފައިސާ ދައުލަތުން ކުޅުދުއްފުށީ ކޯޓަށް ޖަމާކޮށްދީފި

އިބްރާހިމް ހަމީދު
Sep 3, 2019
1

ކުޅުދުއްފުށީ އެއާޕޯޓަށް އަރައި 18 ގޯތީގެ ތެރެއިން ބަދަލުގެ ކަންތައް ނުނިމިވާ ދެ ގޯތީގެ މައްސަލަގައި ފަހުން އެކޯޓުން ކޮށްފައިވާ ހުކުމާ އެއްގޮތަށް ބަދަލުގެ ގޮތުގައި ކަނޑައެޅި ފައިސާ ކުޅުދުއްފުށީ ކޯޓަށް ދައުލަތުން ޖަމާކޮށްދީފި އެވެ.

އެއާޕޯޓަށް އަރައި 18 ގޯތީގެ ތެރެއިން ކޯޓުން ކަނޑައެޅި ބަދަލާމެދު ހިތްހަމަނުޖެހިގެން މިދިޔަ އަހަރު ހައިކޯޓްގައި އިސްތިއުނާފުކޮށްފައިވަނީ ޑޭޒީވިލާގެ ވެރިޔާ އަލީ އިސްމާއިލް އާއި ކުލަވަރުގެ، މޫސާ ހަސަންނެވެ. އެމައްސަލަ ހައިކޯޓުން ނިންމީ އޭރު ދީފައިވަނީ އަދުލްވެރި ބަދަލެއް ނޫން ކަމަށާއި އެމައްސަލަ އަލުން ބެލުމަށް މިދިޔަ އަހަރު އޮކްޓޯބަރުމަހު ވަނީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހައިކޯޓުން އަންގާފައެވެ.

އެމައްސަލަ އަލުން ބެލުމަށްފަހުން ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން އޯގަސްޓްމަހުގެ 8 ވަނަދުވަހު ހުކުމް ކުރީ ޑޭޒީވިލާގެ ބަދަލުގެ ގޮތުގައި އެއް މިލިއަން އެއްލައްކަ ހަތްދިހަ އަށްހާސް ތިން ސަތޭކަ އަށާރަ ރުފިޔާ ނުވަދިހަ ހަތް ލާރި ދިނުމަށެވެ. އަދި ކުލަވަރުގެ ބަދަލުގެ ގޮތުގައި ނުވަ ލައްކަ ފަންސާސް ފަސްހާ އެއްސަތޭކަ ވިހި ރުފިޔާ ތިރީސް ހަތްލާރި ދިނުމަށެވެ. މި ބަދަލު ދިނުމަށް ކަނޑައެޅީ ޝަރުއީ އަގު ކޮމެޓީން އަގު ކުރުމަށްފަހު އެވެ.

ކޯޓުން ބުނީ މިހާރު އެ ދެ ގޯތީގެ ވެރިފަރާތަށް އެފައިސާ ހަވާލުކުރުމަށްޓަކައި އެކައުންޓް ނަމްބަރުއެނގޭނޭގޮތަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ސިޓީއެއް ހުށައެޅުމަށް އަންގާފައިވާނެ ކަމަށާއި އެސިޓީ ލިބުމާ އެކު އެފައިސާ އެހުކުމްގައިވާ ގޮތަށް އެ ދެގޯތީގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކޮށްދެވޭނެކަމަށެވެ.

އެ ދެ ގޭގެ ބަދަލުގެ ގޮތުގައިވާ ފައިސާ އެއްމަސް ދުވަހުގެ ތެރޭގައި އެ ކޯޓްގެ އެކައުންޓަށް ޖަމާކުރަން ވަނީ މިއަހަރުގެ އޯގަސްޓްމަހު 8 ވަނަ ދުވަހު ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ވަނީ ރީޖަނަލް އެއާޕޯޓްސްގެ މައްޗަށް ހުކުމް ކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355