ހދ އަތޮޅު ކައުންސިލްގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމަށް ދާދިފަހުން ހަމަޖެއްސި އަބުދުﷲ އައްސަދަކީ މަގާމު ޒިންމާއަދާނުކޮށް ފަރުވާކުޑަކުރުމުގެ މައްސަލަ ފިޔަވަޅު އަޅައިދިނުމަށް އެދިފައިވާ ބޭފުޅަކަށް އެނގިއްޖެ އެވެ.
ހއ އުތީމަށް ނިސްބަތްވާ އަބުދުﷲ އައްސަދުއަށް ސިވިލް ސާވިސް ކޮމިޝަނުން ހދ އަތޮޅު ޑިރެކްޓަރު ޖެނެރަލް(ޑީޖީ)ގެ މަގާމަށް ހަމަޖެއްސީ މިދިޔަ މަހު 29 ވަނަ ދުވަހު އެވެ. ޑިރެކްޓަރު ޖެނެރަލްއަކީ އެއަތޮޅެއްގެ ސިވިލް ސާވިސްގެ އެންމެ އިސް މަގާމުގައި ހުންނަވާ ބޭފުޅާ އެވެ.
ހދ ނޮޅިވަރަމް ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރަކަށް ހުންނެވި ދުވަސްވަރު މަގާމު ޒިންމާއަދާކުރުމަށް ފަސްޖެހި، މަސައްކަތަށް ފަރުވަކުޑަކޮށްފައިވާކަން ކޭއޯއަށްވަނީ އެނގިފަ އެވެ. އިތުބާރު ހުރި މަސްދަރުތަކުންނާއި ކޭއޯއަށް ލިބިފައިވާ ލިޔުންތަކުން އެނގޭގޮތުގައި އައްސަދު މަސައްކަތަށް ފަރުވާކުޑަވުމުގެ ސަބަބުން ނޮޅިވަރަމް ކައުންސިލުން ވަނީ އޭނާއާ މެދު ފިޔަވަޅު އަޅައިދިނުމަށް ސިވިލް ސާވިސް ކޮމިޝަނުގައި އާއި ހދ އަތޮޅު ކައުންސިލްގައި އެދިފަ އެވެ.
އަދި ހދ އަތޮޅު ކައުންސިލުންވެސް ވަނީ އެއްމައްސަލަ ބަލައި އެކަމުގައި އައްސަދު، މަގާމުގެ ޒިންމާއަދާކުރުމުގައި ފަރުވާކުޑަކޮށްފައިވާކަމަށް ބަލައި އޭނާއާ މެދު ފިޔަވަޅު އެޅުމަށް ސިވިލް ސާވިސް ކޮމިޝަނަށް ތަހްގީގް ރި÷ޕޯޓާއެކު ހުށަހަޅާފަ އެވެ. އެހެންނަމަވެސް މިއަދާ ހަމައަށްވެސް އޭނާއާ މެދު ސިވިލް ސާވިސް ކޮމިޝަނުން ފިޔަވަޅު އަޅާފައިއެއް ނުވެ އެވެ.
ނޮޅިވަރަމް ކައުންސިލްގެ ޒިންމާދާރު މަގާމުގައި އައްސަދު ހުންނެވިއިރު އޭނާއާ މެދު ފިޔަވަޅު އަޅަން އުޅުމުން ވަޒީފާދޫކުރައްވައި ކުއްލިގޮތަކަށް އައްސަދު ވަނީ އުތީމް ކައުންސިލަށް ބަދަލުވެފަ އެވެ. އެނގިފައިވާގޮތުން އޭނާ އުތީމް ކައުންސިލްގައިވެސް ހުންނެވީ ޒިންމާދާރު އިސް މަގާމެއްގަ އެވެ.
މިމައްސަލާގައި ސިވިލް ސާވިސް ކޮމިޝަންގެ ބަހެއް މިނޫހަށް ވަނީ އަދި ލިބޭގޮތް ނުވެފަ އެވެ.
ހދ އަތޮޅު ޑިރެކްޓަރު ޖެނެރަލްގެ މަގާމަށް އައްސަދު ހަމަޖެއްސެވީ ކުރިން އެމަގާމުގައި ހުންނެވި އިބުރާހިމް ރަޝީދު އިސްތިއުފާ ދެއްވުމުންނެވެ. އައްސަދު ހދ އަތޮޅު ޑީޖީގެ މަގާމަށް ހަމަޖެއްސުމުން އަތޮޅު ކައުންސިލް ތެރޭގައިވެސް ވަނީ ނުތަނަސްކަން އުފެދިފަ އެވެ.
އައްސަދު ވަނީ ޕަބްލިކް ހެލްތު އަދި ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ކިޔަވައި ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާސް ހާސިލް ކޮށްފައެވެ.