އޮގަސްޓު ގައި މީރާއަށް 862.91 މިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް އެ އޮތޯރިޓީން ބުނެފި އެވެ.
މި އަހަރު އޮގަސްޓް މަހު އޮތޯރިޓީއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ %55.8 ނުވަތަ 481.72 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ބީ.ޕީޓީ އިންނެވެ. އެއީ %13.3 ނުވަތަ 114.67 މިލިއަން ރުފިޔާއެވެ.
މީގެ އިތުރުން ގްރީން ޓެކްސްގެ ގޮތުގައި 72.09 މިލިއަން ރުފިޔާ (8.4%)، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 53.36 މިލިއަން ރުފިޔާ (6.2%)، އެއަރޕޯޓު ސަރވިސް ޗާޖްގެ ގޮތުގައި 52.13 މިލިއަން ރުފިޔާ (6.0%) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 88.94 މިލިއަން ރުފިޔާ (10.3%) ހިމެނެއެވެ.
މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %14.8 ދަށް އަދަދެކެވެ. އަދި، މިއީ މި އަހަރުގެ މި މުއްދަތުގައި ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ %3.4 ދަށް އަދަދެކެވެ.
ވޭތުވެދިޔަ އަހަރުގެ އޮގަސްޓު މަހު ލިބުނު އާމްދަނީއަށްވުރެ މި އަހަރުގެ އޮގަސްޓު މަހު ލިބިފައިވާ އާމްދަނީ ދަށްވެފައިވާ ސަބަބަކީ އޮގަސްޓު 2018 ގައި ލޭންޑް އެކިއުޒިޝަން ފީ އަދި ކޮންވަރޝަން ފީ، ކޮންސްޓްރަކްޝަން އެކްސްޓެންޝަން ފީ އަދި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ ގެ ގޮތުގައި ލިބިފައިވާ ފައިސާއަކީ ހަމައެކަނި އެ މުއްދަތުގައި ދައްކަންޖެހޭ ފައިސާ އެއް ކަމަށް ވަތީ ކަމަށް މީރާއިން މައުލޫމާތުދެއެވެ.
މީގެ އިތުރުން، މި އަހަރުގެ އޮގަސްޓު މަހު ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ އާމްދަނީ ދަށްވެފައިވުމުގެ މައިގަނޑު ސަބަބަކީ ޖީ.އެސް.ޓީގެ ގޮތުގައި ލިބެންޖެހޭ ބައެއް ފައިސާ، އެ ފައިސާ ދައްކަންޖެހޭ ސުންގަޑިއަށް ދައްކާފައި ނުވާތީ ކަމުގައި މީރާއިން ހާމަކުރެއެވެ.
އޮގަސްޓު 2019 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 30.9 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.