ވައިގެ މައްސަލަ ހުންނަ މީހުންނަށް ދޭ ބޭހެއް ކަމަށްވާ ޒެންޓެކް ޑޮކްޓަރުގެ ބޭސް ސިޓީއަށް ނޫން ގޮތަކަށް އެ ބޭސް ރާއްޖޭގައި ނުވިއްކަން މޯލްޑިވްސް ފުޑް އެންޑް ޑުރަގު އޮތޯރިޓީން (އެމްއެފްޑީއޭ) އިން ބޭސް ފިހާރަތަކަށް އަންގައިފި އެވެ.
ޒެންޓެކް ބޭސް މި ނޫން ގޮތަކަށް ވިއްކުން މަނާކޮށްފައިމި ވަނީ މީގެ ސަބަބުން ކެންސަރަށް މަގުފަހިވާކަމަށް ބެލެވޭތީ އެކަން ބަލަމުން ދާތީ އެވެ.
އެ ބޭހުގެ ސަބަބުން ކެންސަރަށް މަގުފަހިވާ ކަމަށް ބުނާތީ އެމެރިކާގެ އިތުރުން ޔޫރަޕްގެ އިއްތިހާދުގެ ގައުމުތަކުގައި އަންނަނީ އެ ބޭސްތަކުގެ މައްސަލަ އިތުރަށް ބަލަމުންނެވެ. ބަނޑުގައި އެސިޑް ހެދުމާއި މޭ އެންދުން ފަދަ މައްސަލަތައް ދިމާވުމުން ދޭ އެ ބޭސް ސިޓީއަކާ ނުލައި ވެސް ބޭސް ފިހާރަތަކުން ގަންނަން ލިބެ އެވެ.
އެމްއެފްޑީއޭއިން އޮންލައިން ނޫސް "މިހާރު" އަށް ވިދާޅުވީ އެ ބޭހާ ގުޅޭގޮތުން މައްސަލަތަކެއް ފެންމަތިވި ހިސާބުން ފެށިގެން އެ އޮތޯރިޓީން އެކަންކަން ބަލަމުން އަންނަ ކަމަށެވެ. އެ ބޭސް ރާއްޖޭގައި ވިއްކުން މިހާތަނަށް މަނާކޮށްފައި ނުވަނީ ދުނިޔޭގެ އެއްވެސް ގައުމަކުން އެފަދަ ފިޔަވަޅެއް އަދި އަޅާފައިނުވާތީކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ޑޮކްޓަރުންގެ ލިޔުމާއެކު ނޫނީ އެ ބޭސް ނުވިއްކުމަށް ވަރަށް ފަހުން ބޭސް ފިހާރަތަކަށް އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން އާއި ޔޫރަޕިއަން މެޑިސިން އޭޖެންސީ އިން ވަނީ ކެންސަރު ޖެހުމަށް މަގުފަހިވާ މާއްދާއެއްކަމަށްވާ އެންޑީއެމްއޭ ހުންނަވަރު ގޭހަށް ދޭ ބޭސްތަކުގައި ހުންނަ މިންވަރު ބަލައި ރިވިއުކުރަން ނިންމައިފަ އެވެ.
ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ސިއްހީ ތަޖުރިބާކާރުން ވިދާޅުވެފައި ވަނީ އެ ބޭސްތަކުން ބޮޑު ނުރައްކަލެއް ކުރިމަތިވާ ފަދަ ކުއްލި ހާލަތެއް ނެތް ކަމަށެވެ. ނަމަވެސް އެ ބޭސް ބޭނުންކުރާ ނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިންމު ކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ. ޒެންޓެކްގެ ބޭނުންކުރާ މީހުން އެ ބޭނުންކުރުން ހުއްޓާލައި ބަދަލުގައި އެހެން ބޭހެއް ހޯދުން ބުއްދިވެރި ކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ.
މީޑިއާތައް ބުނާގޮތުގައި ބޭސް އުފެއްދުމުގައި މަޝްހޫރު ނޮވާޓިސްގެ ދަށުން ހިންގާ ސަންޑޯޒް އާއި އެމެރިކާގެ ސީވީއެސް ފަދަ ކުންފުނިތަކުން ވަނީ މިވަގުތަށް ޒެންޓެކް އުފެއްދުން ހުއްޓާލާފަ އެވެ.