twitterviber whatsapp telegramfacebookyoutube instagram
6th August 2020

ދެ ކައުންސިލް ގުޅިގެން ހަނިމާދޫގައި ހަދާ ހިނަވާގޭގެ ބިންގާ އަޅައިފި

އަބްދުލް ވާހިދު ޙަސަން
Oct 3, 2019

ހދ. އަތޮޅު ކައުންސިލާއި ހަނިމާދޫ ކައުންސިލް ގުޅިގެން އިމާރާތްކުރާ ހިނަވާގެ އެޅުމުގެ މަޝްރޫއުގައި ސޮއިކޮށް، އިމާރާތުގެ ބިންގާ އަޅައިފި އެވެ. މި މަޝްރޫއުއަކީ އަތޮޅުގެ ކޮންމެ ރަށެއްގައި ތަރައްގީގެ މަޝްރޫއުއެއް ހިންގުމަށް އަތޮޅު ކައުންސިލުން އިސްނަގައިގެން ހިންގާ މަޝްރޫއު އެކެވެ.

ދެ ކައުންސިލުން ހަރަދުކޮށްގެން ތަރައްގީކުރާ ހިނަވާގެ ހެދުމަށް އަތޮޅު ކައުންސިލުން 175،000ރ ހަރަދުކުރަން ނިންމާފައިވާއިރު ހަނިމާދޫ ކައުންސިލުން މި މަޝްރޫއުއަށް 182،432ރ ހަރަދުކުރާނެ އެވެ.

ހިނަވާގެގޭ ބިންގާ އެޅުމަށް ހަނިމާދޫގައި ބޭއްވި ރަސްމިއްޔާތުގައި ހދ އަތޮޅު ކައުންސިލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ރައީސް އާދަމް އަލީ އެވެ. ހަނިމާދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އެކައުންސިލްގެ ރައީސް އަބުދުއްސަލާމް އަލީ އެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަތޮޅު ކައުންސިލްގެ ރައީސް އަލީ އާދަމް ވިދާޅުވީ، މި މަޝްރޫއަކީ ހދ އަތޮޅު ކައުންސިލުން އަތޮޅުގެ ކޮންމެ ރަށަކަށްވެސް އެކައުންސިލުންގެ މި ހިނގާ ދައުރުގައި ފެންނަށް ހުންނަ ކޮންމެވެސް ކަހަލަ މަޝްރޫއުއެއް ހިންގުމުގެ މަގްސަދުގައި ކުރިއަށްދާ މަޝްރޫއުއެކެވެ. އަދި މިހާރު މި މަޝްރޫއު އަތޮޅުގެ 8 ރަށެއްގައި ކުރިއަށްގެންގޮސްފައިވާ ކަމަށެވެ.

އާދަމް ވިދާޅުވީ، ހަނިމާދޫގައި ކުރިއަށްގެންދާ މި މަޝްރޫއުއަކީ މިއަހަރުގެ ތިންވަނަ މަޝްރޫއުކަން ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ ކައުންސިލްގެ ބޭނުންވަނީ އެއްވެސް ރަށެއް ތަފާތު ކުރުމެއް ނެތި ހުރިހާ ރަށަކަށްވެސް އެއްހަމައެއްގައި ހިދުމަތްތައް ދިނުން ކަމަށެވެ.

މި ރަސްމިއްޔާތުގައި ހަނިމާދޫ ކައުންސިލްގެ ރައީސް އަބުދުއްސަލާމް ވިދާޅުވީ، ހިނަވާގެއެއް އިމާރާތްކުރަން ނިންމީ މިހާރު ބޭނުންކުރަމުންދާ ހިނަވާގެ އަކީ ޒަމާނީ ހިނަވާގެއަކަށް ނުވާތީ އާއި މިހާރުގެ ހިނަވާގެ ހުރީ ސަހަރާގައިކަމަށްވާތީ ކަމަށެވެ.

"މީހަކު މަރުވެއްޖަނަމަ ސިއްހީ މަރުކަޒުން ހިނަވަން މި ގެންދަށް ޖެހެނީ ސަހަރާގައި ހުންނަ ހިނަވާގެއަށް. ހިނެވުމަށްފަހު ކަށުނަމާދުކުރުމަށް ގެންދަން ޖެހެނީ މިސްކިތަކަށް. އަނެއްކާވެސް ނަމާދުކުރުމަށްފަހު ސަހަރާއަށް މިގެންދަން މިޖެހެނީ. މިއީ މައްޔިތާއަށް ވަރަށް ބޮޑު ތަކުލީފެއް ކުރިމަތިވާނެކަމެއްކަމަށް ގަބޫލުކުރެވެނީ." ހަނިމާދޫ ކައުންސިލްގެ ރައީސް ސަލާމް ވިދާޅުވި އެވެ.

ހިނަވާގެ ހަދަން ނިންމީ އެރަށުގެ އެންމެ ބޮޑު މިސްކިތް، މަސްޖިދުލް މޫސާ އަލީ ކައިރީގައިކަން ފާހަގަކުރައްވަމުން ސަލާމް ވިދާޅުވީ، ހިނަވާގެ ހެދިގެން ދިޔުމުން މަޔިއްތާ ގޮވައިގެން ދުއްވަން ޖެހޭ ދުއްވުން މަދުވެގެންދާނެ ކަމަށެވެ. އެކަމުގެ ސަބަބުން މަޔިއްތާ އުފުލަންޖެހޭ ތަކުލީފްތައް ކުޑަވެގެންދާނެކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

މި މަޝްރޫއުގެ ބިޑް ކާމިޔާބުކުރީ ހަނިމާދޫގެ ކުންފުންޏެއްކަމަށްވާ ބީތްރީ ކޮންސްޓްރަކްޝަން ކޮމްޕެނީ އެވެ. މި ރަސްމިއްޔާތުގައި ހިނަވާގެ އިމާރާތްކުރުމަށް އެފަރާތާ ހަވާލުކުރީ 50 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

މި ރަސްމިއްޔާތުގައި ހދ އަތޮޅު ކައުންސިލްގެ މުވައްޒަފުންނާއި ހަނިމާދޫ ކައުންސިލް އަދި ހަނިމާދޫގައި ހުންނަ ސަރުކާރުގެ މުވައްސަސާތަކުގެ ވެރިން ބައިވެރިވެލެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355