ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަން ބަދަލުވި ހާދިސާގައި އިސްކޮށްތިބި މީހުންގެ މައްސަލަ ބަލަން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކުން އެޖެންޑާކޮށްފި އެވެ.
ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ބަލަނީ 2012 ވަނަ އަހަރު ފެބްރުއަރީ 7 ވަނަ ދުވަހު ހިނގާ ދިޔަ ހަމަނުޖެހުންތަކުގައި އިސްކޮށް ތިބި މީހުންގެ މައްސަލައެވެ. އެކަން ބަލަނީ ކޮމިޓީއަށް ލިބުނު ސިޓީއަކަށް ބިނާކޮށް ކަމަށެވެ. ނަމަވެސް ސިޓީ ފޮނުވީ ކޮން ފަރާތަކުން ކަމެއް ހާމަކޮށްފައެއް ނުވެއެވެ.
އެ ސިޓީގައިވާ ކަންނަން ބަލަން މި ކޮމިޓީގެ ބައްދަލުވުމެއް މިއަދު އޮންނާނެ ކަން މެމްބަރުންނަށް ވަނީ އަންގާފައެވެ.
ވެރިކަން ބަދަލުވި ގޮތް ބަލަން އެކުލަވާލި ރިޔާސީ ކޮމިޝަނުން ނިންމީ ނަޝީދު އިސްތިއުފާ ދެއްވީ ގާނޫނާ ހިލާފް މަޖުބޫރު ކުރުމެއް ނުވަތަ ބިރު ދެއްކުމެއް ނެތި އަމިއްލަފުޅަށް ކަމަށެވެ. ނަމަވެސް ނަޝީދުގެ ވެރިކަން ބަޢާވާތަކުން ވައްޓާލީ ކަމަށް އެމްޑީޕީން އަބަދުވެސް ތުހުމަތު ކުރެ އެވެ.
އެ ކޮމިސަނުން ރިޕޯޓްގައި ވާ ގޮތުން އޭރުގެ ނައިބު ރައީސް މުހައްމަދު ވަހީދު ވެރިކަމާ ހަވާލުވެވަޑައިގަތީ ގާނޫނާ އެއްގޮތަށް ކަމަށެވެ. އަދި އެމް.ޑީ.ޕީގެ ތުހުމަތުތަކަށް ބާރު ލިބޭ ނުވަތަ ވާގިވެރިވާ އެއްވެސް ހެއްކެށް އެ ކޮމިޝަނުގެ ތަހުގީގަށް ފެނިފައި ނުވާކަމަށެވެ.
ކޮމިޝަންގެ ރިޕޯޓުގައި ބުނެފައި ވަނީ ފެބްރުއަރީ 6، 7 އަދި 8 ވަނަ ދުވަހު ފުލުހުން އަނިޔާވެރިވެފައިވާ ކަމަށާއި އެކަން ބަލައި ތަހުގީގުކޮށް ކުށްކުރި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭ ކަމަށެވެ.