twitterviber whatsapp telegramfacebookyoutube instagram
19th April 2024

ރާއްޖޭގެ މަސްދޯނި ދޫކޮށްލުމުން އިންޑިއާއަށް ޝުކުރުއަދާކޮށްފި

ނަބީލާ އިސްމާޢީލް
Oct 9, 2019

އިންޑިއާ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދަނިކޮށް އިންޑިއާގެ ނޭވީއިން ހިފަހައްޓާފައިވާ "އަންބަރީ" މަސްދޯނި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އަދި އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒް އާއިއެކު ކުރެވުނު މަޝްވަރާތަކަށް ފަހު ދޫކޮށްލާފައިވާތީ އެކަމަށް ޝުކުރު ދަންނަވައިފިއެވެ.

ށ. ކޮމަންޑު އަންބަރީ މަސްދޯނި އިންޑިއާގެ ކޯސްޓްގާޑުން ހިފަހައްޓާފައިވަނީ މިމަހުގެ ހަތަރުވަނަ ދުވަހު 10 ވަރަކަށް ފަޅުވެރިންނާއި އެކު މަލިކުގެ 3 މޭލު ބޭރުންނެވެ.

މިކަމާއި ގުޅިގެން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސް އެންޑް އެގުރިކަލްޗަރުން ނެރުނު ބަޔާނުގައިވަނީ މަސްވެރިކަން ނުވަތަ މަސްވެރިކަމުގެ ހަރަކާތެއް ހިންގުމަށް ހުއްދަ ދީފައިވާ ސަރަޙައްދުން ބޭރުގައި އަދި އެސަރަހައްދެއް ނިސްބަތްވާ އައްސޭރިފަށުގެ ގައުމުގެ ހުއްދަ ނުހޯދައި ހަރަކާތްތެރިވުމަކީ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ލޯ އޮފް ދަ ސީ (އަންކްލޮސް) އާއި އަދި އިންޑިއާ ކަނޑުގެ ކަނޑުގެ މަހުގެ މަސްވެރިކަން ބެލެހެއްޓުމުގެ ޒިންމާ މަތިކުރެވިފައިވާ އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައި.އޯ.ޓީ.ސީ)ގެ ގަވާއިދުތަކާއި ހިލާފު އަމަލެކެވެ.

މިފަދަ ގޮތަކަށް ހަރަކާތްތެރިވަމުންދަނިކޮށް ހިފެހެއްޓޭ އުޅަނދުފަހަރުތަކުގެ ތަހުގީގު މަރުހަލާއަކީ ދިގު މަރުހަލާއެކަމަށާއި މިމަރުހަލާ ނިމުމަށްފަހު ބޮޑެތި އަދަދުތަކުން މިފަދަ އުޅަނދުފަހަރު ޖޫރިމަނާކުރުމަކީ އާއްމުކަމެކެވެ. އެހެންނަމަވެސް "އަންބަރީ" އުޅަނދުގެ ތަހުގީގު ކުރުމުއްދަތެއްގެ ތެރޭގައި ނިންމައި އެއުޅަނދު ދިވެހިރާއްޖެއަށް އަނބުރާ އައުމަށް ދޫކޮށްލާފައިވާތީވެ އިންޑިއާގެ ކަމާބެހޭ ފަރާތްތަކުންނާއި އިންޑިއާގައި ގާއިމުކޮށްފައިވާ ދިވެހިރާއްޖޭގެ އެމްބަސީ އަދި ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީގެ ފަރާތުންނާއި އެމްބަސެޑަރ ސަންޖޭ ސުދީރު ކޮށްދެއްވާފައިވާ މަސައްކަތްތަކަށް ޝުކުރު ދަންނަވާކަމަށެވެ.

އޭގެ އިތުރުން އެފަދަ އުޅަނދުތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރާ ކަމަށާއި ނަމަވެސް އެ އުޅަނދު އަނބުރާ ރާއްޖެއަށް ފޮނުވާލުމަށް ނިންމި ނިންމުމަށް އިންޑިއާގެ ކަމާބެހޭ ފަރާތްތަކުންނާއި ދެ ގައުމުގެ އެމްބަސީ ގެ ފަރާތުންނާއި ސަފީރު ސަންޖޭ ސުދީރު ކޮށްދެއްވާފައިވާ މަސައްކަތްތަކަށް މިނިސްޓްރީން ވަނީ ޝުކުރުއަދާކޮށްފައެވެ.

މިނިސްޓްރީން އިތުރަށް ބުނީ އެފަދަ އަމަލުތަކުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމާމެދު މަސް ގަންނަ ފަރާތްތަކުގެ މެދުގައި އޮތް ތަސައްވުރު ކިލަނބުވެ، އަދި އޭގެ އިތުރުން އުޅަނދުގެ ވެރިފަރާތަށް ބޮޑެތި މާލީ ގެއްލުންތަކެއް ކުރިމަތިވެދާނެ ކަމަށެވެ.

އެހެންކަމުން ދިވެހި މަސްވެރި އުޅަނދުފަހަރު ގާނޫނާއި ގަވާއިދާ ހިލާފު މިފަދަ އަމަލުތައް ނުހިންގުމަށް އަދި މިފަދަ ކަންކަމާއިމެދު އިތުރަށް ސަމާލުވުމަށް މިނިސްޓްރީއިން ވަނީ އިލްތިމާސްކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355