ކުޅުދުއްފުށީ ލޯކަލް ބަނދަރު ސަރަހައްދުން ތެލާއި ގޭހުގެ ވިޔަފާރިއަށް ދިގު މުއްދަތަކަށް ބިން ދޫކުރަން ހަމަޖައްސައި ތެލާއި ގޭހުގެ ވިޔަފާރިއަށް ބަނދަރު ސަރަހައްދުން ބިން ބޭނުންވާ ފަރާތްތަކަށް ބީލަމަށް ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ކުޅުދުއްފުށީ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި ތެލާއި ގޭހުގެ ވިޔަފާރިއަށް ބަނދަރު ސަރަހައްދުން ދޫކުރަން ހަމަޖެހިފައިވަނީ 2000 އަކަފޫޓްގެ 2 ބިން ކަމަށެވެ.
ބީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތް ތަކުން މި މަހު 13 އިން ފެށިގެން 24 ގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ 08:30 ން 12 އަށް ކުޅުދުއްފުށީ ކައުންސިލް އިދާރާއަށް ގޮސް، ރަޖިސްޓްރީ ކުރުމަށް އެ އިދާރާއިން އެދެއެވެ. އަދި އީމެއިލް އާއި އެ އިދާރާގެ 6528831 ނަންބަރު ފޯނަށް ގުޅައިގެން ވެސް ރަޖިސްޓްރީ ކުރެވޭނެ ކަމަށެވެ.
ބީލަން ފޮތް ވިއްކަން ހަމަޖެހިފައިވަނީ މި މަަހު 30 ން ފެށިގެން 14 ނޮވެމްބަރ ގެ ނިޔަލަށް ކަމަށާއި ބީލަން ފޮތެއްގެ އަގަކީ 500 ރުފިޔާކަމާއި ފައިސާ ދެއްކުމުން ބީލަން ފޮތުގެ ސޮފްޓް ކޮޕީ ނުވަތަ ހާޑް ކޮޕީ ލިބޭނެކަމަށް އެ އިދާރާއިން ބުނެ އެވެ.
ހުށައަޅާ ކޮންމެ ބިޑަކަށް 5000 ރުފިޔާގެ ބިޑް ސެކިއުރިޓީއެއް ހުށައެޅުމަށާއި މި ފައިސާ ބެންކް ގެރެންޓީ ޖަހާފައިވާ ޗެކަކުން ނުވަތަ ނަގުދު ފައިސާއިން ވެސް ހުށައެޅޭނެ ކަމަށެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބީލަން ހުޅުވާ ތާރީހުން ފެށިގެން 30 ދުވަހުގެ މުއްދަތެއްކަމަށް އެ އިދާރާއިން ބުނެ އެވެ.
އަދި ބީލަން ހުޅުވުން އޮންނާނީ ނޮވެމްބަރު 21 ވަނަ ދުވަހުގެ 13:30 ގައި ކުޅުދުއްފުށީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމް ގައެވެ. ހުށައަޅާ ބީލަން ހުންނަން ވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައިގައި ކަމަށާއި ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދީފައިވާ ނަމާއި ހުޅުވާނެ ތާރީހާއި ވަގުތުގެ އިތުރުން ބީލަން ހުށައަޅާ ފަރާތުގެ ފުރިހަމަ މައުލޫމާތު އޮންނަން ވާނެ ކަމަށެވެ.