ޓާޝަރީ ފެންވަރުގެ ހިދުމަތް ދިނުމަށް ކުޅުދުއްފުށީގައި އެޅިގެންދާނީ 100 އެނދުގެ މުޅިން އާ ހޮސްޕިޓަލެއްކަމަށް ހެލްތް މިނިސްޓަރު އަބުދުﷲ އަމީން ވިދާޅުވެއްޖެ އެވެ.
މިދިޔަ ހަފްތާ ކުޅުދުއްފުއްޓަށް ކުރެއްވި ދަތުރުފުޅުގައި ކޭއޯއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މިނިސްޓަރު އަމީން ވިދާޅުވީ، ޓާޝަރީ ހޮސްޕިޓަލްގެ އިމާރާތުގެ މަސައްކަތް މިއަހަރު ފަށާގަންނަން މަސައްކަތްކުރަމުންދާ ކަމަށެވެ.
އެގޮތުން ޓާޝަރީ އިމާރާތުގެ ކުރެހުންތައް މި ހަފުތާތެރޭގައި އެވޯޑްކުރެވިގެންދާނެކަމަށާއި މި ހަފްތާތެރޭ އެމަސައްކަތް ކުރުމަށް ހުޅުވާލާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ޓާޝަރީ ހޮސްޕިޓަލުގެ އިމާރާތް އަޅަން ޖެހޭތަން އަދި މުޅިން ފައިނަލް ނުވާކަމަށާއި މިހާރުގެ ހޮސްޕިޓަލްގެ ގޯތިތެރެއިން ޖާގަ ނުލިބިއްޖެނަމަ އެހެން ސަރަހައްދެއް ބަލަމުންދާ ކަމަށެވެ. އަދި އެކަމާ ކައުންސިލާ ވާހަކަދައްކަވަމުންދާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ޓާޝަރީ ފެންވަރުގެ އިމާރާތް ގާއިމުކުރުމަށްފަހު މިނިސްޓްރީން އެންމެ ބޮޑު އިސްކަމެއްދެނީ ތަނުންދޭ ފެންވަރު ރަނގަޅުކުރުން ކަމަށެވެ. ހާއްސަކޮށް ޑޮކްޓަރުންނާއި ނަރުހުން ދޭ ހިދުމަތުގެ ފެންވަރު މަތިކުރުމަށް މަސައްކަތްކުރާނެ ކަމަށެވެ.
އަތޮޅުތެރޭގެ ފަސް ހޮސްޕިޓަލެއް މަތީ ފެންވަރަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާއިރު އެތަނުން އެންމެ ފެންވަރު ރަނގަޅު ހޮސްޕިޓަލަކަށް ވެގެންދާނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ޖާގައިގެ މައްސަލައަކީ މިހާރުވެސް ކުޅުދުއްފުށީ ހޮސްޕިޓަލަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލަ އެވެ. އާ އިމާރާތުގެ ސަބަބުން އެކަމަށް ހައްލު ލިބިގެންދާނެ އެވެ.
ކުޅުދުއްފުށީ ހޮސްޕިޓާ ޓާޝަރީ ފެންވަރަށް ބަދަލުކުރުމަކީ ރައީސް އިބުރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. މި ހޮސްޕިޓަލަކީ އަތޮޅުތެރޭގައި އެންމެ ގިނަ މީހުން ހިދުމަތް ހޯދަމުންދާ ހޮސްޕިޓަލެވެ.