ކުޅުދުއްފުށީ ކައުންސިލްގެ ޑިރެކްޓަރަކަށް ބޭފުޅަކު ހަމަޖައްސައިފި އެވެ. ސިވިލް ސާވިސްގެ އެ މަގާމަށް ހަމަޖެއްސީ ކުޅުދުއްފުށީ/ހަދިޔާ، އަބުދުﷲ އާދަމް (އެޑަމް) 30އ އެވެ.
އެޑަމް އަށް އެ މަގާމު ލިބިވަޑައިގަތީ އެ މަގާމަށް ހުޅުވާލުމުން ކުރިމަތިލި ފަރާތްތަކުގެ މެދުގައި އިންޓަވިއުކުރުމަށްފަހު އެންމެ މަތިން މާކްސް ލިބިގެންނެވެ.
އެޑަމް ވަނީ މީގެ ނުވަ އަހަރު ކުރިން އޮސްޓްރޭލިއާ ނޭޝަނަލް ޔުނިވާސިޓީން މޭޖަރސް/ ސޯޝިއޮލޮގީ، އިންޓަނޭޝަނަލް ރިލޭޝަން އެންޑް އެންވަރަޔަމެންޓަލް ސައިންސްއިން ބެޗްލާސް ހާސިލުކުރައްވާފަ އެވެ. އަދި އޭނާ ވަނީ ދާދި ފަހުން މާސްޓާސްވެސް ހައްދަވާފަ އެވެ. އޭނާ މާސްޓާސް ހާސިލްކުރެއްވީ އެމެރިކާގެ ސިރަކުއިސް ޔުނިވާސިޓީން ޕަބުލިކް އެޑްމިނިސްޓްރޭޝަން އަދި އެންވަރަޔަމަންޓް ޕޮލިސީގެ ދާއިރާއިންނެވެ.
އެޑަމް ފާހަގަކުރެވިފައިވަނީ ތިމާވެށީ ހިމާޔަތްކުރަން މަސައްކަތްކުރާ އެކްޓިވިސްޓެއްގެ ގޮތުގައި އެވެ. އޭނާ ވަނީ ތިމާވެށީގެ އެކި މަސައްކަތްތަކުގައި އެކި ރަށްރަށަށް ދަތުރުކޮށް ގަސް އިންދުމާއި ތަންތަން ސާފުކުރުމާއި ތިމާވެއްޓަށް އާންމުން ހޭލުންތެރިކުރަން ވަރަށް ބޮޑު އިސްކަމެއް ދިނެވެ.
ޔޫއެންޑީޕީގެ ޕްރޮޖެކްޓެއްގައި ވަޒީފާ އަދާކުރިއިރު ޓޫރިޒަމްއާ ގުޅޭ ދާއިރާއިން ތިމާވެއްޓަށް އަންނަ ބަދަލުތަކަށް އާންމުންގެ ލޯ ހުޅުވައިދޭން ބުރަކޮށް އެޑަމް ވަނީ މަސައްކަތްކުރައްވާފަ އެވެ.
އެޑަމް ކައުންސިލް އިދާރާގެ ވަޒީފާއަށް ނުކުންނަވަން ފެއްޓެވީ މިއަދު އެވެ. އޭނާ މިއަދު ވަނީ ކައުންސިލް އިދާރާއިން ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ.
ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން ވިދާޅުވީ، އެޑަމް ކައުންސިލާ ގުޅިވަޑައިގަތުމަކީ އެ އިދާރަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި އެ އިދާރާއިން ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތްތައް ބާރު ދުވެލީގައި ގެންދިޔުމަށް އިތުރުވެގެން ދިޔަ ބޮޅެއް ކަމަށެވެ.