twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކުޅުދުއްފުށީގެ މަގުތައް ފެހިކުރުމުގެ ޕްރޮގުރާމެއް ފަށައިފި

- މިހަރަކާތުގެ ދަށުން ގަސް އިންދުމުގެ ތަފާތު ހަރަކާތްތައް ކުރިއަށްގެންދާނެ
- މިއީ ސަރުކާރުގެ ރަށްފެހި ޕްރޮގުރާމްގެ ދަށުން ކުރިއަށްގެންދާ ހަރަކާތެއް

އަބްދުލް ވާހިދު ޙަސަން
Nov 10, 2019
8

މުޅި ރާއްޖޭ ފެހިކުރުމަށް މި ސަރުކާރުން ހިންގާ "ރަށްފެހި" ޕްރޮގުރާމު ދަށުން ކުޅުދުއްފުށީ މަގުތައް ފެހިކުރުމުގެ މަސައްކަތް މިއަދު ކައުންސިލުން ފަށައިފި އެވެ.

މުޅި ރާއްޖޭގައި ގަސް އިންދުމުގެ ޕްރޮގްރާމެއް ފެށުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ރަށްފެހި މި ޕްރޮގުރާމް ރަސްމީކޮށް ފައްޓަވައިދެއްވީ މިދިޔަ އަހަރު ޑިސެމްބަރުމަހު ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހެވެ.

ރަށްފެހި ޕްރޮގުރާމްގެ ދަށުން ކުޅުދުއްފުށީ މަގުތައް ފެހިކުރުމުގެ ޕްރޮގުރާމް ފެށުމުގެ ގޮތުން މިއަދު ހަވީރު ކުޅުދުއްފުށީ ކައުންސިލް އިދާރާގެ މުވައްޒަފުންނާއި ކައުންސިލް މެމްބަރު ވަނީ އަމީނީމަގު ގަސް އިންދާފަ އެވެ.

މިހަރަކާތް ފެށުމުގެ ގޮތުން އެންމެ ފުރަތަމަ ގަސް އިންދަވައިދެއްވީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފެވެ. މި ހަރަކާތުގެ ދަށުން މިއަދު ރަށުގެ އެންމެ ބޮޑު މަގު، އަމީނީމަގުގައި ވަނީ ވިހި ގަސް އިންދާފަ އެވެ. މި ގަސްތައް އިންދުމުގެ ހުރިހާ މަސައްކަތެއްގައި އުޅުއްވީ ކައުންސިލް މެމްބަރުންނާއި މުވައްޒަފުންނެވެ.

ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ފަށާފައިވާ ރަށްފެހި ކުރުމުގެ ޕްރޮގުރާމްގެ ސިޔާސަތު ކުޅުދުއްފުށީގައި ފެށުމުގެ ގޮތުން ކުރިއަށްގެންދިޔަ މި ހަރަކާތާ ބެހޭގޮތުން ކޭއޯއަށް މައުލޫމާތު ދެއްވަމުން ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން ވިދާޅުވީ، މިއީ ފެށުމެއް ކަމަށާއި ކުރިއަށް އޮތްތަނުގައި މުއައްސަސާތަކާއި ކުލަބު ޖަމިއްޔާތައް ގުޅިގެން ގަސް އިންދުމުގެ ތަފާތު ހަރަކާތްތައް ކުރިއަށްގެންދާނެ ކަމަށެވެ.

ގަސް އިންދުމުގެ ހަރަކާތަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންކަމަށާއި އަދި ގަސްތައް ހެދިގަންދެން ފެން ދީ ފަރުވާތެރިކަމާއެކު ގަސްތައް ބަލަހައްޓާ ދިނުމަށް ރައްޔިތުންގެ ކިބައިން އޭނާ އެދިލެއްވި އެވެ.

މި ޕްރޮގްރާމުގެ މަގުސަދަކީ ރާއްޖޭގެ ނާޒުކު ތިމާވެށި ރައްކާތެރިކުރުމާއި މޫސުމަށް އަންނަ ނޭދެވޭ ބަދަލުތައް ކުޑަ ކުރުމުގައި ގަސްތަކުގެ ދައުރު އަންގައިދިނުމާއި ގަސް އިންދައި ބެލެހެއްޓުމަށް ރައްޔިތުން އަހުލުވެރިކޮށް ޒިންމާދާކުރުވުމެވެ. އަދި ރާއްޖެއިން ނެތިގެންދާ ގަސްތައް ނެތެމުންދާ ނެތިދިއުން ހުއްޓުވުމާއި ރާއްޖޭގައި އަލަށް ފެންނަމުންދާ ގަސްތައް ފާހަގަކުރުން ވެސް މި ހަރަކާތުގެ މަގުސަދުގެ ތެރޭގައި ހިމެނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355