- މި މައްސަލާގައި ހައްޔަރުކުރި ޒުވާނާ އިނީ މަސްތުގެ ހާލަތުގައިކަމަށް ބެލެވޭ
ކުޅުދުއްފުށީގައި ކުޑަ މިސްކިތު ގަބުރުސްތާނުގައި މަހާނައެއް ކޮންނަން އިން ޒުވާނަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މިއަދު އިރުއޮއްސި 18:30 ހާއިރު ކުޅުދުއްފުށީ ކުޑަ މިސްކިތުގެ ގަބުރުސްތާނުގައި ހުރި މަހާނައެއް ކޮންނަން އިން 19 އަހަރުގެ ދިވެއްސަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައި މަސްތުގެ ހާލަތުގައި ހުރިކަމަށް ބެލެވޭކަމަށްވެސް ފުލުހުން ބުނެ އެވެ. މިމައްސަލަ ފުލުހުން ދަނީ ތަހްގީގްކުރަމުންނެވެ.
މަންޒަރު ދުށް ބައެއް މީހުން ކޭއޯއަށް މައުލޫމާތު ދެމުން ބުނީ މަހާނަ ކޮންނަން އިން ޒުވާނަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއް ކަމަށެވެ. އޭނާ މަހާނަ ކޮންނަން އިންދާ ބައެއް މީހުންނަށްވެސް ފެނިފައިވެ އެވެ.
ކުޑަ މިސްކިތު ގަބުރުސްތާނަކީ ކުޅުދުއްފުށީގައި އެންމެ ގިނައިން މީހުން ވަޅުލާ ގަބުރުސްތާނެވެ.