ރާއްޖޭގެ ފުރަތަމަ ޓެކްސީ މޯބައިލް އެޕްލިކޭޝަން "ފަހި ކެބް" ކުޅުދުއްފުށީގައި ބޭނުން ކުރަން ފަށައިފި އެވެ.
މާލޭގައި ޓެކްސީގެ ހިދުމަތް ދެމުންދާ ފަހި ކެބް ޓެކްސީ ސެންޓަރުގެ ފަރާތުން ތައާރަފްކޮށް މާލޭ ސަރަހައްދުގައި ފުޅާކޮށް ދާއިރާއެއްގައި ދެމުންދާ މި ހިދުމަތް ކުޅުދުއްފުއްޓާއި އައްޑޫއަށް އިއްޔެ ވަނީ ތައާރަފު ކުރެވިފައެވެ.
ކޭއޯއަށް މައުލޫމާތު ދެމުން އެ ޓެކްސީ ސެންޓަރުން ބުނީ ކުޅުދުއްފުއްޓަށް މި ހިދުމަތް މިހާރު ލިބެމުން ދާ ކަމަށާއި މި ހިދުމަތުގެ ސަބަބުން ކަސްޓަމަރުންނަށް އަދި ޑްރައިވަރުންނަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެން ދާނެކަމަށެވެ.
އެގޮތުން މި އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހަކަމާއެކު ޓެކްސީ ހޯދޭނެ ކަމަށާއި އަދި ޓެކްސީ އޮންނަ ހިސާބުވެސް ބަލާލެވޭނެއެވެ. މި އެޕްލިކޭޝަންގެ ސަަބަބުން ޑްރައިވަރުންނަށް ވެސް ފަސޭހަކަމާއިއެކު ކަސްޓަމަރުން ލިބިގެންދާނެއެވެ. އެގޮތުން ވީހާވެސް ގިނަ ޑްރައިވަރުން އެޕްލިކޭޝަންގައި ރަޖިސްޓްރީ ވުމަށް އެ ސެންޓަރުން އެދެއެވެ. މީގެ އިތުރުން މި އެޕްލިކޭޝަންގައި ޕްރައިވެޓް ކާރު، ޕިކަޕް އަދި ސައިކަލްވެސް ރަަޖިސްޓްރީ ކުރެވޭނެއެވެ.
މިއީ އަތޮޅުތެރޭގައި މި ފަދަ އެޕްލިކޭޝަނެއް ބޭނުން ކުރާ ފުރަތަމަ ފަހަރުކަމަށާއި މި އެޕްލިކޭޝަނަކީ މުޅި ރާއްޖޭގައި ބޭނުން ކުރުމަށް ހުއްދަ ލިބިފައިވާ އެޕްލިކޭޝަނެއްކަމަށް ފަހިކެބްއިން މައުލޫމާތު ދެއެވެ. އެހެންކަމުން މުޅި ރާއްޖެއަށް މި ހިދުމަތް ފުޅާ ކުރުމުގެ މައްސައްކަތް ކުރެވެމުން ދާކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.
މީގެ އިތުރުން ފަހިކެބްގެ ސެންޓަރެއް ވެސް ކުޅުދުއްފުށި އަދި އައްޑޫގައި ގާއިމްކުރުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ.
މި އެޕްލިކޭޝަން ގޫގުލް ޕްލޭ ސްޓޯރ އަދި އެޕަލް ސްޓޯރ އިން ޑައުންލޯޑް ކުރެވޭނެ އެވެ. މި އެޕްލިކޭޝަންގައި އިންނަނީ ކަސްޓަމަރުންނަށް އަދި ޑްރައިވަރުންނަށް ހާއްސަކޮށް ވަކި ދެ އެޕްލިކޭޝަނެވެ. އެގޮތުން ޑްރައިވަރުންގެ އެޕް ފާހަގަ ކުރުމަށް "ޑްރައިވާސް އޮންލީ" ޖަހާފައި އިންނާނެ އެވެ.