ސިއްހީ ދާއިރާއިން އަންނަ އަހަރު ބޮޑެތި ބަދަލުތަކެއް ފެންނާނެ ކަމަށާއި ކުރިއަށް އޮތް އަހަރަށް ގިނަ ޕްލޭންތަކެއް މިހާރުކޮށް ނިމިފައިވާކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.
އެގޮތުން މި ޕްލޭންތަކުގެ ފައިދާ ރައްޔިތުންނަށް އަންނަ އަހަރުގެ ކުރީކޮޅު ލިބިގެންދާނެކަމަށާއި ބަޖެޓް ފާސްވުމާއެކު ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ދައުލަތުގެ މީޑިއާގެ ބަޖެޓް ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރ ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ހަދާ 5 ޓަރޝިއަރީ ހޮސްޕިޓަލަށް ބޭނުންވާ އާލާތްތައް ދެނެގަނެ ރާއްޖޭގެ އެހެނިހެން ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް ބޭނުންވާ ވަސީލަތްތައް ދެނެގަނެވި ލިސްޓު ކުރެވިފައިވާކަމަށެވެ.
އެގޮތުން ބައެއް ސާމާނު މިހާރު އޯޑަރުކޮށް، އެސްޓީއޯ މެދުވެރިކޮށް ބައެއް ތަކެތި ގެނެސްފައިވާކަމަށާއި 5 ޓާޝިއަރީ ހޮސްޕިޓަލް ތަރައްޤީކުރުމަށް 141 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އަންނަ އަހަރުގެ ބަޖެޓު ތަންފީޒުވެގެން އަންނައިރު 1200 ވަޒީފާ ސިއްހީ ދާއިރާއިން އުފެދޭނެކަމަށާއި ބައެއް ފަރާތްތަކާއި އިންޓަވިއު ކުރެވިފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ސިއްޙީ ދާއިރާއަށް ޚާއްސަކޮށް އަންނަ އަހަރުގެ ބަޖެޓުގައިވަނީ 4.1 ބިލިއަން ރުފިޔާ ހިމަނާފައެވެ. މިއީ މިހާތަނަށް ސިއްހީ ދާއިރާއަށް އެންމެ ބޮޑު ބަޖެޓު ކަނޑައެޅި ފުރަތަމަ ފަހަރެވެ.