ހިޔާ މަޝްރޫއުގެ ދަށުން ފްލެޓްތަކަށް އެދި ފޯމު ހުށައަޅާފައިވާ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ބެލުމަށް ގޭގެއަށް ޒިޔާރަތްކުރުމަށް ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީން ނިންމައިފި އެވެ.
ހިޔާ މަޝްރޫއުގެ ދަށުން ފުލެޓު ދިނުމުގައި ބޭއިންސާފުން އަމަލުކޮށްފައި ވާކަމަށް ބުނެ އެކަން ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްވި ކޮމިޓީގެ ފަރާތުން މި ފުލެޓްތަކަށް ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތުހަމަވާ މީހުންގެ ދިރިއުޅުމުގެ ހާލަތު ބެލުމަށް މިއަދު ފެށިގެން ހެނދުނު 10:00 އާއި ހަވީރު 18:00 އާއި ދެމެދުގެ ވަގުތެއްގައި ޒިޔާރާތް ކުރާނެ ކަމަށް އެ ކޮމިޓީން ހާމަކުރެއެވެ.
މި މަސައްކަތުގައި ގޭގެއަށް ޒިޔާރަތްކުރަމުންގެންދާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތައްގަނޑު ޖަހާފައިވާ އައިޑެންޓިފިކޭޝަން ކާޑާއެކު ހަރަކާތްތެރިވާ 2 މީހުންގެ މައްޗަށް އެކުލެވޭ ޓީމު ތަކަކުން ކަމަށް ކޮމިޓީން ހާމަކުރެ އެވެ.
ގޭގެއަށް ޒިޔާރަތް ކުރުމުގެ ކުރިން 3010718 ނަންބަރުން ފޯމު ހުށަހަޅާފައިވާ ފަރާތަށް ގުޅުމަށްފަހު ދާނެ ދުވަހަކާއި ގަޑިއެއް ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީން އަންގަވާނެއެވެ.
ލިޔެކިޔުންތައް ބެލެހެއްޓުމުގައި ވެފައިވާ އިހުމާލުގެ ސަބަބުން ފޯމުތައް އިވެލުއޭޓްކުރުމުގެ މަސައްކަތަށް ގިނަ ހުރަސްތަކެއް ކުރިމަތިވެފައިވާކަން ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީން ފާހަގަކުރައްވާފައިވެއެވެ.
ފޯމު ހުށަހެޅި ފަރާތްތަކަށް ފްލެޓު ލިބޭނެ ކަމުގެ ލިޔުން ރައީސް ޔާމިންގެ ސަރުކާރުން ހަވާލުކޮށްފައިވީ ނަމަވެސް ދިރިއުޅުމުގެ ހާލަތު މި ބަޔަށް ރިއާޔަތްކޮށްފައިނުވާކަމަށް ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީން ހާމަކުރައްވާފައިވެއެވެ. އަދި ހިޔާ މަޝްރޫއު ގެ ގިނަ ކެޓަގަރީތަކުގައި ދިރިއުޅުމުގެ ހާލަތު މިބަޔަށް ޕޮއިންޓް ދިނުމަށް ނިންމާފައިވީނަމަވެސް މިބަޔަށް ޕޮއިންޓް ދިނުމުގައި ބަލާފައިވަނީ ކޮން ކަންތައްތަކަކަށް ކަމެއް ނުވަތަ ޕޮއިންޓް ދިނުމުގައި ގެންގުޅެފައިވަނީ ކޮން މިންގަނޑެއްކަމެއް މިހާތަނަށް ބެލި ބެލުމުން އެނގެން ނެތްކަމުގައި ކޮމިޓީން ފާހަގަކުރައްވާފައިވެއެވެ.