• ޓާޝަރީ އިމާރާތުގެ މަސައްކަތް ފެށޭނެ
• އެމްއާރުއައި ހިދުމަތް ލިބިގެންދާނެ
• އިތުރު މުހިންމު ވަސީލަތްތައް މިމަހު ތެރޭގައި އަންނާނެ
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، ޓާޝަރީ ހޮސްޕިޓަލަށް ބަދަލުކުރުމަށް ގެންނަ ޖެހޭ ބަދަލުތައް މި ޑިސެމްބަރު މަހު ފެށިގެންދާނެކަމަށް ހެލްތް މިނިސްޓަރު އަބުދުﷲ އަމީން ވިދާޅުވެއްޖެ އެވެ.
ރައްޔިތުން މަޖިލީހުގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލް ލަތީފް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ހެލްތް މިނިސްޓަރު އަބުދުﷲ އަމީން ވިދާޅުވީ، ކުޅުދުއްފުށީ ޓާޝަރީ ހޮސްޕިޓަލް ގާއިމުކުރުމަށްޓަކާ ހަދައި އާ ހޮސްޕިޓަލުގެ ކުރެހުމާއި އެއާ ގުޅުން ހުރި މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށެވެ.
އެކަމަށް ބޭނުންވާ އާންމު އިއުލާންތައް މި ޑިސެމްބަރުމަހު ކުރެވޭނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، އޭގެ އިތުރުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންނަށް ޖެހޭ ބަދަލުތައް ކަމާ ބެހޭ ފަރާތްތަކާ ހަވާލުކުރެވިގެން ކުރިއަށްދާ ކަމަށެވެ.
"އޭގެ ތެރެއިން ފާހަގަކޮށްލަން އެބަ ޑިސެމްބަރު ފަސް ވަނަ ދުވަހު މިހާރު ކުރަން ޖެހޭ އިމާރާތަށް ގެންނަ ޖެހޭ ބަދަލުތަކުގެ އަމަލީ މަސައްކަތް ފެށިގެންދާނެ. އޭގެ އިތުރަށް އެމްއާރުއައި ހިދުމަތް ގެނައުމާއި މެމޮގުރެފީ އާއި ދެން ހުރި ހިދުމަތްތަކަށް ބޭނުންވާ ކަންކަން މިހާރު ސަރުކާރުގެ ވަސީލަތް ފޯރުކޮށްދޭ ކުންފުނިތަކާ ހަވާލުކޮށްގެން މަސައްކަތް ކުރިއަށް އެބަގެންދޭ." ހެލްތް މިނިސްޓަރު ވިދާޅުވި އެވެ.
ބަލި މީހުން މާލެ ފޮނުވަން ޖެހޭ ހާލަތުގައި ބޭނުންކުރާނެ މޯބައިލް ވެންޓިލޭޓަރު ފަދަ ވަސީލަތްތައް މިމަސް ތެރޭގައި ލިބިގެންދާނެކަމަށެވެ.
އޭނާ ވިދާޅުވީ، ހޮސްޕިޓަލަށް ބޭނުންވާނެ ސްޕެޝަލިސްޓް ޑޮކްޓަރުންނާއި އިދާރީ ހިންގުމުގެ ތެރެއަށް ގެންނަށް ޖެހޭ އިދާރީ މުވައްޒަފުން ރެކްރޫޓްކުރުމުގެ މަސައްކަތްތަކެއްވެސް މިހާރުވެސް ކުރިއަށްދާ ކަމަށާ މިހާރު ކުރިއަށްދަނީ މުވައްޒަފުން ނެގުމުގެ އެންމެ ފަހުގެ މަރުހަލާކަމަށް ވިދާޅުވި އެވެ.
ސީޓީ ސްކޭނިންގެ ހިދުމަތް ފެށިފަހުން 60 އިންސަތަ މީހުން މާލެއަށް ގެންނަށް ނުޖެހި ފަރުވާދެވޭކަން ފާހަގަކުރަވަމުން މިނިސްޓަރު ވިދާޅުވީ އެއީ ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. ކުޅުދުއްފުށި ވެގެންދާނީ ރާއްޖޭގެ އެންމެ އުތުރުގައި ހުރި އެންމެ ވަރުގަދަ ސިއްހީ މަރުކަޒަށް ކަމަށް އަމީން ވިދާޅުވި އެވެ.