ނޮޅިވަރަމް ދާއިރާގެ ސްކޫލުތަކުގައި ކިޔަވާ ދަރިވަރުންނަށް އަންނަ އަހަރުވެސް ހިލޭ ސްކޫލު ދަބަސް ހަދިޔާކުރަން ކައުންސިލަރު ހުސެއިން ހަސަން ނިންމައިފި އެވެ. ހުސެއިން ވަނީ މިދިޔަ ފާއިތުވި ދެ އަހަރުވެސް އެ ދާއިރާއަށް ނިސްބަތްވާ އެ ދާއިރާގައި ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް ދަބަހާއި އިންޓަވަލް ފުޅި އަދި ތަށި ހަދިޔާކޮށްފަ އެވެ.
ހދ އަތޮޅު ކައުންސިލްގެ ރައީސްކަންވެސް ކުރައްވާފައިވާ ހުސެއިން ހަސަން ވިދާޅުވީ، މިއަހަރު ހަދިޔާކުރަން ނިންމާފައިވަނީ ސްކޫލް ދަބަސް ކަމަށެވެ.
ހުސެއިން ވިދާޅުވީ އެދާއިރާގައި ކިޔަވާ ކުދިންގެ ތެރެއިން އެތަކެތި ބޭނުންވާ ދަރިވަރުންގެ ބެލެނިވެރިން އޭނާއަށް ގުޅައި ނަންނޯޓްކުރުމަށެވެ. އަދި ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ދަރިވަރުންނަށް ދަބަސް ލިބިގެންދާނެކަމަށް އޭނާ ވިދާޅުވި އެވެ.
ނޮޅިވަރަމް ދާއިރާގައި ހިމެނެނީ ނޮޅިވަރަމާއި ނޮޅިވަރަންފަރެވެ. އެލްކޭޖީ ފަށައިގެން ގުރޭޑް 12 އަށް އެ ދާއިރާ ތަމްސީލު ހާސިލުކުރާ ދަރިވަރުންނަށް މިޕްރޮގުރާމްގެ ދަށުން ހިލޭ ދަބަސް ލިބިގެންދާނެ އެވެ.
ހދ އަތޮޅު ކައުންސިލްގައި ހުސެއިން ތަމްސީލްކުރައްވަނީ ނޮޅިވަރަމް ދާއިރާ އެވެ. އޭނާ ފާހަގަކުރެވިފައިވަނީ ދާއިރާގެ ރައްޔިތުންނާ ގާތް ގުޅުމެއް ބާއްވާ ކައުންސިލަރެއްގެ ގޮތުގައި އެވެ. މީގެ ކުރިން ހުސެއިން ވަނީ ނޮޅިވަރަމް ދާއިރާއިން ބޭސް ފަރުވާއަށް ކުޅުދުއްފުއްޓަށް އަންނަ މީހުން ހިލޭ ތިބެވޭނެ ގޮތަށް އެޕާޓްމަންޓެއްވެސް ހަމަޖައްސައިދީފައި އެވެ.