ކުޅުދުއްފުށީ ރިންގްރޯޑް ހަދަން ޕަބުލިކް ވޯކްސް ފެށުމުން އެކަމުގެ ސަބަބުން ތިމާވެއްޓަށް ގެއްލުންވާނެކަމަށް ބުނެ ކައުންސިލުން އެކަން ހުއްޓުވައިފި އެވެ.
ކުޅުދުއްފުށީ ކައުންސިލުންގެ ބެލުމުގެ ދަށުގައި އޮންނަ ޕަބުލިކް ވޯކްސް އިން ރިންގްރޯޑް ހެދުމުގެ މަސައްކަތް ފެށީ މިމަހުގެ ކުރީކޮޅު އެވެ. އެކަމަކު މަގު ހަދަން ފެށިތަނުން އަނެއް ދުވަހު ވަނީ މަސައްކަތް ހުއްޓާލަން އަންގާފަ އެވެ.
ކޭއޯއަށް އެނގިފައިވާގޮތުގައި ރިންގްރޯޑްގެ މަސައްކަތް ޕަބުލިކް ވޯކްސްއިން ފެށީ އެތަނުގެ ވެރިޔަކަށް ހުންނެވި އަލީ މުހައްމަދުގެ އެންގުމަކަށެވެ. ނަމަވެސް އެކަން ކައުންސިލަށް އެނގިފައެއް ނުވެ އެވެ.
މިކަމާ ގުޅިގެން ކައުންސިލްގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް އަދި ވަނީ ކާމިޔާބު ނުވެފަ އެވެ.
ރިންގްރޯޑް ހެދުމަށްޓަކާ އަމީރު އަމީން ސްކޫލާއި ދިމާ ހޭޅިއާއި ދޭތެރެއިން މަގު ސާފުކުރުމުގެ މަސައްކަތް އޮތީ ކޮންމެވެސް ވަރަކަށް ކޮށްފަ އެވެ. މަގު ހެދުމަށް ސާފުކޮށްފައިވަނީ ރުއްތަކާއި ބޮޑެތި ގަސްތައް ނުކަނޑަ އެވެ. އެނގިފައިވާ ގޮތުގައި ޕަބުލިކް ވޯކްސް އިން މަގު ހަދަން މަސައްކަތްކުރީވެސް ބޮޑެތި ގަސްތަކާއި ރުއް ނުކަނޑަ އެވެ.
އެކަމަކު އެއީ ރަށުގެ ހޭޅިފަށާއި ވަރަށް ކައިރި ސަރަހައްދެއްކަމުން އެކަމުގެ ސަބަބުން ތިމާވެއްޓަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމަށާ އަދި އެފަދަ މަގެއް ހަދަން ގިނަ ފަރާތްތަކަކުން ހުއްދަ ނަގަންޖެހޭނެ ކަމަށްވާތީ އެކަން ވަނީ ކައުންސިލުން ހުއްޓުވާފަ އެވެ.
ކުޅުދުއްފުއްޓަކީ ބިމުގެ ޖާގައިގެ ދަތިކަން ވަރަށް ބޮޑުވެފައިވާ ރަށެއްކަމުން ފުއްޓަރުގެ ވަރަށް ކައިރީގައިވެސް މީހުން ދިރިއުޅެ އެވެ. ފުއްޓަރު ފަރާތުން ބަލާއިރު މީހުން ދިރިއުޅޭ ސަރަހައްދާއި ބައެއްހިސާބުތަކުން 50 ފޫޓްވެސް ނުހުރެ އެވެ.
ރަށްރަށުގެ ހޭޅިފަށުން ރުއްގަސް ކެނޑުމާއި ނެގުމަކީ ތިމާވެއްޓާ ބެހޭ ގާނޫނޫގެ ދަށުން މަނާ ކަމެކެވެ.