އާމްދަނީއެއް ނުލިބެޔޭ ކިޔާފައި ނޭކުރަންދޫ ރަށުގެ ކަނޑޫފާ ރައްޔިތުން ހަލާކުކޮށް ނުލުމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގަންނަވައިފި އެވެ.
ހދ ނޭކުރަންދޫގައި "ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަން" ގެ ހަރަކާތް އިފްތިތާހްކޮށްދެއްވުމަށް މިއަދު ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ނޭކުރަންދޫގައި އޮންނަ ކަނޑޫފާ އިން އާމްދަނީއެއް ނުލިބެޔޭ ކިޔާފައި އެތަން ހަލާކޮށްލަން އެއްވެސް ރައްޔިތަކުން ނޫޅުމަށެވެ.
"ނޭކުރަންދޫ ރައްޔިތުންނަށް އަޅުގަނޑު ދަންނަވާލަން އޮތީ ވިސްނަވަ ޗޭ. ތިޔަ ކުޅި ހަލާކު ކޮށް ނުލައްވަ ޗޭ. ތި ބޭފުޅުންނަށް އޭގެއިން އާމްދަނީއެއް ނުލިބެޔޭ ވިދާޅުވެ އެކަން ކުރަވަން ނޫޅުއްވަ ޗޭ." ރައީސް ސޯލިހްވެސް ބައިވެރިވެޑައިގެންނެވި އެ ހަފްލާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވި އެވެ.
ކުރީގެ ރައީސް ނަޝީދު ވިދާޅުވީ ކުޅިން އާމްދަނީ ހޯދޭނެ ކަމަށާއި އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން ކަމަށެވެ. އޭގެއިން އާމްދަނީ ހޯދުމަށް ރާވަން ޖެހޭ ރޭވުންތައް ރާވަން އެނގޭނީ އެމްޑީޕީގެ ކައުންސިލަރުންނަށް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ތިމާވެށީގެ އެކި ހާދިސާތަކުން ރާއްޖެފަދަ ކުޑަ ގައުމަކުން އިބްރަތް ހާސިލް ކުރަންޖެހޭކަމަށާއި ރާއްޖެއަކީ އާބާދީ މަދު ވަސީލަތްތައް މަދު ގައުމަކަށް ވީނަމަވެސް ރާއްޖެއަކީ ގުދުރަތީ ވަސީލަތްތަކާއި ދިރުން މާގިނަ ގައުމެއްކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖެއަށް އަންނަ ބަދަލުތައް ދެނެގަންނަ ޖެހޭ ކަމަށާއި އަދި ރާއްޖޭގައި ތަރައްގީގެ މަޝްރޫއުތައް ހިންގާނީ ކަނޑުފަޅުގެ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުވާ ގޮތަށް ކަމަށް ނަޝީދު ވިދާޅުވި އެވެ.
ނޭކުރަންދޫއަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ކަނޑޫފާ އޮތް ރަށް އަދި އޭޝިޔާގައި ތިންވަނައަށް އެންމެ ބޮޑު ކަނޑޫފާވެސް މެ އެވެ. މީގެ އިތުރުން އަދި ދުނިޔޭގެ ނިސްބަތުން ނަމަ 10 ވަނައަށް އެންމެ ބޮޑު ކަނޑޫފާއަކީ ނޭކުރަންދޫ ކަނޑޫފާ އެވެ.