ނޫމަޑި ރިސޯޓްސް އެންޑް ރެޒިޑެންސެސްއިން ހދ އަތޮޅުގެ 3 ރަށަކައި އަދި އިތުރު ރަށެއްގައި އިމާރާތް ކުރަން ފަށާ ނުނިންމަ ހުރި ހައުސިންގ މަސައްކަތްތައް އަލުން ފެށުމަށްޓަކައި ބީލަމަށް ލުމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާބަން ޑިވެލޮޕްމަންޓުން މިއަދު އިއުލާން ކުރައްވައިފި އެވެ.
ބީލަމަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ ހދ ކުޅުދުއްފުށި، ހަނިމާދޫ އަދި ނޮޅިވަރަމްފަރުގެ އިތުރުން ތ ވިލުފުށި ހައުސިން ޔުނިޓް ތަކެވެ.
އެ މިނިސްޓްރީ ކުރި އިއުލާނުގައި ބުނެފައިވަނީ ކުޅުދުއްފުށިން ބީލަމަށް ހުޅުވާލާނީ ނޫމަޑީގެ ފުރަތަމަ ފިޔަވަހީގެ ދަށުން ކުޅުދުއްފުށީގައި އަޅަން ފަށާފައިވާ ޔުނިޓުތައް ކަމަށެވެ.
އެއީ ނޫމަޑީގެ ފުރަތަމަ ފިޔަވަހީގެ ދަށުން އިމާރާތްކުރަން ހަމަޖެހިފައިވާ 140 ޔުނިޓުގެ ތެރެއިން ނުނިމި ހުރި 100 ޔުނިޓެވެ. އަދި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އިމާރާތްކުރަން ފެށި 25 ޔުނިޓުގެ ތެރެއިން ނުނިމި ހުރި ފަސް ޔުނިޓުގެ މަސައްކަތްތައް ކަމަށްވެސް ބީލަމަށް ލުމަށް ވަނީ ނިންމާފަ އެވެ.
ނޫމަޑީގެ ދެވަނަ ފިޔަވަހީގެ ދަށުން ހދ. ހަނިމާދޫއިން ބީލަމަށް ހުޅުވާލާފައިވަނީ އެރަށުގައި އަޅާ 100 ހައުސިންގް ޔުނިޓެވެ. މީގެ ތެރެއިން 54 ޔުނިޓުގެ ކޮންކްރީޓު ސްޓްރަކްޗާގެ މަސައްކަތް ހުރީ ނިމިފަ އެވެ. މީގެ އިތުރުން ނޫމަޑީގެ ދެވަނަ ފިޔަވަހީގެ ދަށުން ހދ. ނޮޅިވަރަންފަރުގައި 100 ހައުސިންގ ޔުނިޓުވެސް ވަނީ ބީލަމަށް ލާފައެވެ.
ހދ 3 ރަށުން ބީލަމަށް ހުޅުވާލި ހައުސިން ޔުނިޓުތަކުގެ މަސައްކަތަށް ބީލަން ހުށަހެޅުމަށް ހުޅުވާލާފައިވަނީ އަންނަ މާޗުމަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށެވެ.