twitterviber whatsapp telegramfacebookyoutube instagram
26th April 2024

އުސޫލާ ހިލާފަށް ބަނދަރު ކުރި ޓަގް ބޯޓެއް ފުލުހުންނަށްވެސް ނުނެގުނު!

Feb 15, 2020
10

ބަނދަރުގެ ރައްކާތެރިކަމަށް ކައުންސިލުން ހަދާފައިވާ އުސޫލުތަކާ ހިލާފަށް ކުޅުދުއްފުށީ ލޯކަލް ބަނދަރުގައި އެޅި ޓަގް ބޯޓު ގާތްގަނޑަކަށް 7 ގަޑިއިރު ފަހުން ނަގައިފި އެވެ. ކުޅުދުއްފުށީ ލޯކަލް ބަނދަރުގައި ކޮޅުވެއްޓި، ޓަގް ފަދަ ދަގަނޑު އުޅަނދު ފަހަރު ބޭނުންކުރުން ވަނީ މަނާކޮށްފަ އެވެ.

ކައުންސިލުން ބަނދަރުގެ އުސޫލެއް ހަދައި ތަންފީޒު ކުރަން ފަށާފައިވަނީ 2018 ވަނަ އަހަރުގެ ޖުލައިމަހުގެ ތެރޭގައި އެވެ. ދަގަނޑު އުޅަނދު ފަހަރު ބަނދަރު ބޭނުންކުރުން މަނާކޮށްފައިވަނީ ބަނދަރަށް ބޮޑެތި ގެއްލުންތައް ވާތީ އެވެ. އެގޮތުން ބަނދަރުގެ މޫޓްތައް ނެއްޓި އަދި އެ އުޅަނދުތައް ބަނދަރުގައި އަޅާފައި އޮންނައިރު ތޮށިގަނޑުގައި ޖެހި ބައެއް ފަހަރު ތޮށިގަނޑުން ތަންތަން ގަނޑު ނެއްޓުން ފަދަ ހާދިސާތައް ހިނގާތީ އެވެ.

އަދި މީގެ އިތުރުން އެފަދަ އުޅަނދުފަހަރު ގެންނަ ބައެއް ހެވީ ވެހިކަލްތައް ބަނދަރަށް ބާލާއިރު އެތަނުގައި އަޅާފައިވާ ޕޭވްމެންޓާއި ޖަހާފައިވާ ހޮޅިދަނޑިތަކަށްވެސް ބައެއް ފަހަރު ދަނީ ގެއްލުންވަމުންދެ އެވެ.

ކައުންސިލުން ބަނދަރު ބަލަހައްޓަން ތިބޭ މުވައްޒަފުން ދެކޮޅު ހަދަމުންދަނިކޮށް ރޭ 8 ޖަހާއެހާއިރު ބަނދަރުގައި ވަތް ޓަގް ބޯޓެއް އަޅައި އޭގައި ހުރި ބައެއް ތަކެތި އެކްސްކަވެޓަރެއް ބޭނުންކޮށްގެން ބާލަފާ އެވެ. އެކަން ހުއްޓުވުމަށް ކައުންސިލުން ފުލުހުންގެ އެހީތެރިކަމަކަށް އެދުނުނަމަވެސް ފުލުހުންނަށް އެކަން ހުއްޓުވިފައެއް ނުވެ އެވެ.

ބަނދަރުން އެ ޓަގް ބޯޓު ނެރެވޭތޯ ކައުންސިލުން ވަނީ ރޭ ވަރަށް ދަންވަރު ވަންދެން މަސައްކަތްކޮށްފަ އެވެ. ނަމަވެސް އެކަން ވަނީ ކާމިޔާބު ނުވެފަ އެވެ. ޓަގް ބޯޓް ބަނދަރުން ނުކުމެފައިވަނީ މިއަދު ހެނދުނު 7 ޖެހިފަހުންނެވެ.

ބަނދަރުން އެ ބޯޓު ނުނެރެވުމުން ބަނދަރުގެ މަސްލަހަތު ގެއްލި އޮޑިވެރިންގެ މެދުގައި ވަނީ ނުތަވަސްކަން އުފެދިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355