ފުލުހުންގެ ކޭމްޕަކާ ހެދި އަފީފުއްދީން ސްކޫލުގެ ދަރިވަރުންނަށް ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް ހުރަސް އެޅިއްޖެ އެވެ.
ކުޅުދުއްފުށީ ކައުންސިލުން މުޅި ރަށަށް ހުޅުވާލައިގެން މިމަހު 20،21 އަދި 22 ވަނަ ދުވަހު ޤުރުއާން މުބާރާތް ބާއްވަން ނިންމާ ބައިވެރިވުމަށް ހުޅުވާލީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހު 8 ވަނަ ދުވަހު އެވެ.
އެ ފުރުސަތުގައި 100 އަށްވުރެގިނަ ދަރިވަރުން މުޅި ރަށުން ބައިވެރިވި އެވެ. މި މުބާރާތުގައި ވާދަކޮށްގެން ހޮވާލެވޭ މޮޅެތި ދަރިވަރުން އަތޮޅުގައި ބާއްވާ ޤުރުއާން މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. އެހެންވެ މި މުބާރާތަކީ ހާއްސަ އިސްކަމެއްދީގެން ކައުންސިލުން ބާއްވަމުންދާ މުބާރާތެކެވެ. މި މުބާރާތަށް ބެލެނިވެރިންނާއި ދަރިވަރުންގެ ފަރާތުންވެސް ބޮޑު ތަރުހީބެއް އަންނަނީ ކޮންމެ އަހަރަކުވެސް ލިބެމުންނެވެ.
އެކަމަކު ފުލުހުންގެ އަމާންވެށި ޕްރޮގުރާމްގެ ދަށުން ކުރިއަށްގެންދާ "ފުރާވަރު" ކޭމްޕު، އަފީފުއްދީން ސްކޫލުގައި ބާއްވަން ނިންމާފައިވަނީވެސް މިމަހު 20،21 އަދި 22 ގައި އެވެ. އެ ކޭމްޕަކީ ގުރޭޑް 9 އަދި 10 ގެ ދަރިވަރުންނަށް ހުޅުވާލައިގެން ބާއްވާ ކޭމްޕެކެވެ.
ފުރާވަރު ކޭމްޕަކީ މާ ފަހުން ޝެޑިއުލްކުރި ޕްރޮގުރާމަކަމަށްވެފައި މުހިންމު ދެ ކަމެއް އެއް ތާރީހެއް ބާއްވާތި ބެލެނިވެރިން ތިބީ ވަރަށް ހިތްހަމަނުޖެހިފަ އެވެ.
"ޤުރުއާން މުބާރާތް އޮންނަ ވާހަކައަކީ މިދިޔަ އަހަރުން ފެށިގެން ކިޔަމުންދާ ވާހަކައެއް. ތާރީހްތައްވެސް ހުރީ ކައުންސިލުން އިއުލާނުކޮށްފަ. އެކަމަކު ފުލުހުންގެ ކޭމްޕް މިއައީ މިމަހު. އެހެންވީއިރު ކަންކަން ރާވަން ވާނީ ފުށުނާރާ ގޮތަށް ދޯ." ބެލެނިވެރިޔަކު ބުންޏެވެ.
އޭނާ ބުނީ ކޭމްޕް ބާއްވާ ތާރީހް އެނގުމާއެކު ކައުންސިލާއި ފުލުހުންނާއެކު ބެލެނިވެރިން ބައްދަލުކޮށް އެކަމަށް ހައްލު ހޯދައިދިނުމަށް އެދުނު ކަމަށެވެ. އަދި ފުރަތަމަ ބައްދަލުވުމުގައި ފުލުހުން ބުނީ ކޭމްޕްގައި ބައިވެރިވެފައި ތިބި ދަރިވަރުންގެ ތެރެއިން ޤުރުއާން މުބާރާތުގައި ބައިވެރިވި ކުދިންނަން މުބާރާތުގައި ކިޔެވުމުގެ ފުރުސަތު ހޯދައިދޭނެ ކަމަށާއި އެކުދިން ކިޔަވާ ގަޑިތަކުގައި ފުލުހުންގެ ވެހިކަލުގައި ގެންގޮސް ގެނެސް ހަދައިދޭނެކަމަށެވެ.
އެ ބެލެނިވެރިޔާ ބުނީ ފުލުހުން އެހެން ބުނުމުން ކައުންސިލްގައި އެދިގެން ކުދިން ކިޔަވާ ގަޑިތައް ބަދަލުކޮށް ކޭމްޕްގައި ބައިވެރިވާ ކުދިން އެންމެ ކުރިން ކިޔެވޭނެ ގޮތްވެސް ހަދައިދީފައިވާކަމަށެވެ.
"އެހެން އެކަން އޮއްވާ ރޭގައި ކޭމްޕްގައި ބައިވެރިވާ ދަރިވަރުންގެ ބެލެނިވެރިން ސްކޫލަށް ގެންގޮސް ފުލުހުން މިއަންގަނީ ކޮންމެވެސް އެއްތަނެއްގައި ބައިވެރިވެވޭނީ. ޤުރުއާން މުބާރާތް ވިއްޔާ ޤުރުއާން މުބާރާތޭ. ކޭމްޕް ވިއްޔާ ކޭމްޕޭ. މިތަނުން ބެލެނިވެރިން ދާން ޖެހޭނީ ކޮންމެވެސް އެއްގޮތެއް ނިންމައިގެންނޭ." ބެލެނިވެރިޔަކު ކިޔައިދިނެވެ.
ބެލެނިވެރިން ބުނީ ފުލުހުން ދެ ފަހަރު ވާހަކަ ދެއްކީ ދެ ގޮތަށް ކަމަށާ އެހެން ވުމުގެ ސަބަބުން ގިނަ ބެލެނިވެރިންތަކެއް ހިތްހަމަނުޖެހުނު ކަމަށެވެ. ކޭމްޕްގައި އުޅެމުންވެސް މުބާރާތުގައި ކިޔެވުމުގެ ފުރުސަތު ދޭނަމޭ ފުލުހުން ކުރިން ބުނެފައި ފަހުން ވާހަކަ ބަދަލުކޮށްފައިވާ ކަމަށް ބެލެނިވެރިން ބުންޏެވެ.
މުބާރާތުގައި ބައިވެރިވި ކުދިންގެ ތެރެއިން 14 ކުއްޖަކު ވަނީ ކޭމްޕްގައިވެސް ބައިވެރިވެފަ އެވެ. މީގެ ތެރޭގައި އަތޮޅު ފެންވަރުގައި އާއި ގައުމީ ފެންވަރުގެ މުބާރާތުގައި ވާދަކޮށްފައިވާ ދަރިވަރުން އެބަތިބިކަމަށް ބެލެނިވެރިން ބުނެ އެވެ.
މިކަމާ ގުޅިގެން ކައުންސިލްގެ އޮފިޝަލަކު ވިދާޅުވީ، މުބާރާތުގެ ކަންތައްތައް ރަނގަޅަށް ކުރިއަށްގެންދިޔުމަށް ވަރަށް ދުރާލައި ކައުންސިލުން ތައްޔާރުވަމުންދިޔަ ކަމަށެވެ. އެގޮތުން ޤުރުއާން މުބާރާތްތަކީ ރަށުގައި ބާއްވާ އެންމެ ޝަރަފްވެރި އެންމެ ބޮޑު މުބާރާތްކަމަށްވުމުން މުބާރާތްތައް ދަތިވާނެ ގޮތަށް އެ ދުވަސްވަރު ސްކޫލުތަކުގައި އިތުރު ހަރަކާތްތައް ނުބޭއްވުމަށް އެދި ސްކޫލުތަކަށް ކައުންސިލުން ލިޔުން ފޮނުވި ކަމަށެވެ.
އަދި ފުލުހުންގެ ކޭމްޕުގައި ބައިވެރިވި ކުދިންނަށް ފަސޭހަވާނެ ގޮތަށް ބެލެނިވެރިން އެދިގެން ކުދިންނަށް ފަސޭހަވާނެ ގޮތަށް ލިސްޓްވެސް ފަހުން ތަރުތީބުކުރި ކަމަށެވެ.
ބެލެނިވެރިން ބުނީ ކޭމްޕަށް ދިޔުމަށް ގިނަ ހަރަދުތަކެއްވެސް ކޮށްފައިވާ ކަމަށާއި އެންމެ ފަހު ވަގުތު ފުލުހުން ކަންތައް ކުރިގޮތުން ވަރަށް ހިތްހަމަނުޖެހިއްޖެ ކަމަށެވެ.