twitterviber whatsapp telegramfacebookyoutube instagram
5th April 2020

118 ދަރިވަރުންނާއެކު ކުޅުދުއްފުށީ ޤުރުއާން މުބާރާތް ފަށައިފި

އަބްދުލް ވާހިދު ޙަސަން
Feb 20, 2020

ކުޅުދުއްފުށީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ އެންމެ ބޮޑު ޤުރުއާން ކިޔެވުމުގެ މުބާރާތް މިރޭ ފަށައިފި އެވެ.

ހދ އަތޮޅު ތައުލީމީ މަރުކަޒުގައި މިކަމަށްޓަކާ ބޭއްވި ރަސްމިއްޔާތު އިފްތިތާހުކޮށްދެއްވީ ކައުންސިލްގެ ރައީސް އަބުދުލްލަތީފް ހަސަން އެވެ.

މުބާރާތް ފައްޓަވައިދެއްވަމުން ކައުންސިލުންގެ ރައީސް ވިދާޅުވީ މި މުބާރާތުގެ ސަބަބުން ޤުރުއާންގެ އިލްމަށް ރަނގަޅު ދަރިވަރުންތަކެއް އުފެދޭ ކަމަށެވެ. އެހެންވުމުން އެއީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަމަށް ލަތީފް ފާހަގަކުރެއްވި އެވެ.

މި މުބާރާތުގެ މަގުސަދަކީ ރަށުގެ ރައްޔިތުންގެ ހިތްތަކުގައި ޤުރުއާނަށް ލޯބި ޖެއްސުމާއި، ޤުރުއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރުވުމަށް މަސައްކަތްކުރުމާއި ގައުމީ ފެންވަރުގައި ޤުރުއާން ކިޔަވާނެ ރަނގަޅު ދަރިވަރުންތަކެއް އުފެއްދުމެވެ. އަދި ޤުރުއާނުގެ ގިއުގަނޑުގެ ތެރޭގައި ކުދިން ތަރުބިއްޔަތުކުރުމުގެ މުހިންމުކަން ހާމަކޮށްދިނުމެވެ.

މިއަހަރުގެ މުބާރާތުގައި 118 ދަރިވަރުން ވާދަކުރާއިރު ބަލައިގެން ކިޔެވުމުގެ ގޮފިން 63 ދަރިވަރުންނާއި ނުބަލައި ކިޔެވުމުގެ ގޮފިން 55 ދަރިވަރުންނެވެ.

މިމުބާރާތުގެ ތިން ފަނޑިޔާރުންނަކީ ފ ނިލަންދޫ، ނޫރު/ މޫސާ އަހުމަދު، ފ ނިލަންދޫ، ވެނީލާގެ/ އަލީ ވަހީދު، އަދި ގއ. މާމެންދޫ، ދިލްކަސްވިލާ/ އަބުދުﷲ މާޖިދު މޫސާ އެވެ.

އެހެން އަހަރުތަކާ ހިލާފަށް މިއަހަރު ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލާފައިވަނީ އަމިއްލަގޮތުންނެވެ. އެހެން އަހަރުތަކުގައި މުބާރާތުގައި ވާދަކުރެވެނީ ސްކޫލުތަކާއި ޤުރުއާން ކުލާސްތަކުން ހޮވާލެވޭ ވަކި ކުދިންތަކަކަށެވެ.

މިއަހަރު ޤުރުއާން މުބާރާތުގައި އަމިއްލަ ގޮތުން ވާދަކުރުމުގެ ފުރުސަތު ހުޅުވާލީ ގިނަ ބަޔަކަށް މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުންކަމަށް ކައުންސިލުން ހާމަކުރެ އެވެ.

މިމުބާރާތުގެ ކިޔެވުން މާދަމާ ހުކުރު ދުވަހުގެ ތިން ދަންފަޅީގައި އާއި ހޮނިހިރު ދުވަހުގެ މެނދުރުކުރީގައި ކުރިއަށްދާނެ އެވެ. މުބާރާތް ކުރިއަށްދާއިރު ޤުރުއާން ކިޔަވާ އަޑުއެހުމަށް ބޭނުންވާ ފަރާތްތަކަށް ވަނީ އާންމުކޮށް ހުޅުވާލެވިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355