ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހް ވަނީ ރާއްޖެއިން 2025 ވަނަ އަހަރާ ހަމައަށް އެއްފަހަރު ބޭނުންކޮށްފައި އެއްލާލައި ޕްލާސްޓިކް ނުވަތަ ސިންގަލް ޔޫސް ޕްލާސްޓިކް ހުއްޓާނެކަން އިއުލާނުކުރައްވާފަ އެވެ. އެކަމަށް އެއްބާރުލުން ދިނުމުގެ ގޮތުން ވަރަށް ގިނަ މުވައްސަސާތަކުން ވަކިން ހާއްސަކޮށް ވެރިރަށް މާލެ އަދި ސަރުކާރުގެ ބޮޑެތި އިވެންޓްތަކުގައި އަންނަނީ ޕްލާސްޓިކް ފެންފުޅި ބޭނުންކުރުމުގެ ބަދަލުގައި ބިއްލޫރި ފެންފުޅި ބޭނުންކުރަމުންނެވެ.
އުތުރުން، ކުޅުދުއްފުއްޓަކީވެސް ވަރަށް ގިނަ ހަރަކާތައް ބާއްވަން އަންނަ ރަށެކެވެ. އެ ހަރަކާތްތަކުގައި ގިނައިން ބޭނުންކުރަމުން އަންނަނީ ޕްލާސްޓިކް ފެންފުޅި އެވެ. އެކަމަކު އެއްފަހަރު އެއްލާލައި ޕްލާސްޓިކާ ދުރަށް ދިޔުމުގެ މަގުސަދުގައި ކުޅުދުއްފުށީ ކައުންސިލުންވެސް މިވަނީ މިސާލު ދައްކާފަ އެވެ.
ކުޅުދުއްފުށީ ކައުންސިލުން އިންތިޒާމުކޮށްގެން މިހާރު ކުރިއަށްދާ ޤުރުއާން މުބާރާތުގައި ފެނިގެންދިޔަ އެންމެ ތަފާތު ކަމަކީ މޭޒުމަތީގައި ބަހައްޓާފައި ހުރި ބިއްލޫރި ފެންފުޅިތަކާއި ބިއްލޫރި ތަށިތަކެވެ. މުބާރާތަށް ދިޔަ ގިނަ ބަޔަކު ވަނީ އެކަމަށް ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ.
އެއްފަހުރު ބޭނުން ކޮށްފައި އެއްލާލައި ޕްލާސްޓިކް ފުޅީގެ ބަދަލުގައި ބައިވެރިން އަދި ބެލެނިވެރިންނަށް ބޯފެން ދިނުމަށްޓަކައި މުބާރާތުގައި ބޭނުންކޮށްފައިވާ މިވާ ބިއްލޫރި ފުޅިއާއި ތަށިތަކަކީ ހަމައެކަނި ތިމާވެށީގެ ގޮތުން ބެލުމުގެ ބަދަލު ހަރަދުކުޑަ އަދި އިސްރާފުކުރުންވެސް ކުޑަ ކަމެކެވެ.
""މިފަދަ އިވެންޓްތައް ނިންމާލާއިރު އެތަކެއް ސަތޭކަ ޕްލާސްޓިކް ފުޅިއެއް ކުނިކޮއްޓަށް ޖަމާވާނެ." ޤުރުއާން މުބާރާތް ރޭވުމުގައި އިސްކޮށް އުޅޭ އޮފިޝަލް ވިދާޅުވި އެވެ.ޤުރުއާން މުބާރާތް ރޭވުމުގައި އިސްކޮށް އުޅޭ އޮފިޝަލް ވިދާޅުވި އެވެ.
ކައުންސިލުން ބުނީ ޕްލާސްޓިކް ފެންފުޅި ބެހެއްޓުމުން އާންމުކޮށް އިސްރާފުގެ ބައި ވަރަށް ބޮޑަށް ފާހަގަކުރެވޭ ކަމަށާއި ކޮންމެ މީހަކުވެސް ފެންފުޅީގެ ކޯވަރެއް ބޯލުމަށްފަހު ބަހައްޓަނީ ކަމަށެވެ. އެހެންވުމުން ޖެހެނީ ފެންފުޅި އެއްކޮށް އެއްލާލަން ކަމަށެވެ. ބިއްލޫރު ފުޅިއާއި ތަށި ބޭނުން ކުރުމުން އިސްރާފުގެބައި އެއްކޮށް ހުއްޓާލައި ހަރަދު ބޮޑުތަނުން ސަލާމަތް ކުރެވޭ ކަމަށެވެ.
ބޮޑު ހަރަދެއްގެ އިތުރުން މިފަދަ އިވެންޓްތައް ނިމިގެންދާއިރު ޕްލާސްޓިކް ފުޅީގެ އެތައް ކުންޏެއް އުފެދޭ ކަން ފާހަގަކުރަމުން ކައުންސިލުން ބުނީ މިފަދަ ގޮތަކަށް އިވެންޓްތައް ބޭއްވުމުން އުކާލައި ކުނިވެސް މަދުކުރެވޭނެ ކަމަށެވެ.
ފަހަކަށް އައިސް ގިނަ އޮފީސްތަކާއި އަމިއްލަ ކުންފުނިތަކުންވެސް އަންނަނީ މުވައްޒަފުންނަށް ބިއްލޫރި ފުޅި ފޯރުކޮށްދީ ޕްލާސްޓިކް ފުޅި ބޭނުންކުރުން ހުއްޓާލާފަ އެވެ.
ޕްލާސްޓިކް ފުޅި އަވީގައި އަދި ހޫނުގައި އެއްތަނުން އަނެއް ތަނަށް އުފުލުމުން ފެނަށް ވިހަ މާއްދާތައް ލީކްވުމުގެ ފުރުސަތުވެސް އޮވެ އެވެ. ރީޔޫސަބަލް ބިއްލޫރި ފުޅި އާއި ފިލްޓާރޑް ފެން ބޭނުން ކުރުމުން މި ނުރައްކަލުން ސަލާމަތްވެވޭނެ އެވެ.
ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކާއި ބޮޑެތި ހަފްލާތަކާއި އިވެންޓްތަކުގައިވެސް ޕްލާސްޓިކް ފުޅި ބޭނުން ކުރުން އަންނަނީ ހުއްޓާލަމުންނެވެ.