ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި އެމްޓީސީސީން ހދ އާއި ހއ ފަށާފައިވާ މަޝްރޫއުތައް މި އަހަރު ތެރޭގައި ނިންމާލެވޭނެކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެމްޓީސީސީން މި ދެ އަތޮޅުގެ 4 ރަށެއްގައި މިހާރު ހަތަރު މަޝްރޫއެއް ކުރިއަށް އެބަގެންދެ އެވެ. މީގެ ތެރޭގައި ހޯރަފުށީގެ އެއާޕޯޓާއި އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތާއި ކެލާގެ ބަނދަރުގެ ދެވަނަ ފިޔަވަހީގެ މަސައްކަތާއި ކުޅުދުއްފުށީގެ ބަނދަރު ބޮޑުކުރުން އަދި ހަނިމާދޫގެ މަގު ހެދުން ހިމެނެ އެވެ.
މި މަޝްރޫއުތައް ހަލުވި ކަމާއެކު ކުރިއަށް ދާ ކަމަށާއި އެގޮތުން މި މަޝްރޫއުތައް މި އަހަރުގެ ނިޔަލަށް ނިންމާލެވޭނެކަމަށް އެ ކުންފުނިން ބުނެއެވެ.
އެގޮތުން ކުޅުދުއްފުށީގެ ބަނދަރު ބޮޑު ކުރުމުގެ މަސައްކަތުގެ 85 ޕަސެންޓް މަސައްކަތް ވެސް އެމްޓީސީސީން މިހާރު ވަނީ ނިންމާލައިފަ އެވެ. މި މަސައްކަތް ނިމޭނެ ކަމަށް އެމްޓީސީސީން ލަފާ ކޮށްފައި ވަނީ މި އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.
މި ބަނދަރުގެ މަސައްކަތް ނިމޭއިރު، ކުދި ލޯންޗުފަހަރު ލެފުމަށް "ފްލޯޓިން ޕޮންޓޫން" އަކާއި މަސްމާރުކޭޓެއްގެ އިތުރުން ފެރީ ޓާމިނަލަށް ވެސް ހުންނާނެ އެވެ. އަދި މޫދު ކުޅިވަރުތަކަށް ހާއްސަ ކޮށްގެން އާޓިފިޝަލް ބީޗެއް ވެސް އެ ސަރަހައްދުގައި ހަދާނެ އެވެ. މި ބީޗު ހަދަނީ މިހާރުގެ ބަނދަރާއި އަލަށް ތަރައްގީ ކުރާ ބަނދަރުގެ މެދުގަ އެވެ.
ހަނިމާދޫގެ މަގު ހެދުމުގެ މަސައްކަތަކީ ވެސް މި އަހަރުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީން މަސައްކަތް ކުރަމުން އަންނަ އެއް މަޝްރޫއެވެ. އަންނަ އޮގަސްޓް މަހުގެ ނިޔަލަށް ނިންމައިލުމަށް މަސައްކަތް ކުރާ މި މަޝްރޫއުގައި ހަނިމާދޫގެ 18 މަގެއްގައި ތާރު އަޅާނެ އެވެ. އަދި އިތުރު ދެ މަގެއްގެ ތާރު އެޅުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ހޯރަފުށީ އެއާޕޯޓު ތަރައްގީ ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރުގެ މާޗު 25 ގަ އެވެ. އެ މަސައްކަތަށް 198 މިލިއަން ރުފިޔާ ހޭދަވާއިރު، އެ އެއާޕޯޓުގައި 1.2 ކިލޯމީޓަރުގެ ރަންވޭއެއް އޮންނާނެ ކަމަށް އެމްޓީސީސީން ބުނެ އެވެ.
މިގެ އިތުރުން ކެލާގެ ބަނދަރުގެ މަސައްކަތް މި އަހަރުގެ ޖޫން 15 އަށް ނިންމުމަށް ވެސް އެމްޓީސީސީން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެ މަސައްކަތް 2007 ވަނަ އަހަރު ފެށި ނަމަވެސް އެމްޓީސީސީއާ އެ މަޝްރޫއު ހަވާލު ކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހުގަ އެވެ.
ހޯރަފުށީގައި އެއާޕޯޓުގެ 52 ޕަސެންޓު ވަނީ ނިމިފައި ވާއިރު އެއާޕޯޓު ހެދުމަށް 34 ހެކްޓަރުގެ ބިން ވަނީ ހިއްކައިފަ އެވެ. އަދި މިހާރު ކުރިއަށް ގެންދަނީ އޭބީސީ ލޭޔާ އެޅުމުގެ މަސައްކަތެވެ.