ކުޅުދުއްފުށީ ކުނިކޮއްޓަށް އުކާލާފައިހުރި ގިނަ އަދަދެއްގެ ކެބެޖްތަކެއް ހޮވައި އެތަކެތި އަގުހެޔޮކޮށް ވިއްކަނިކޮށް ފަޅައި އަރައިފި އެވެ. އެ ކެބެޖްތަކަކީ ފިހާރައަކުން އުކާލި ކެބެޖްތަކެކެވެ.
ކޭއޯއާ ވާހަކަ ދައްކަވަމުން ކޭއާރުއެޗުގެ އޮފިޝަލަކު ވިދާޅުވީ، ގޮނޑުން ހޮވައިގެން ހެޔޮއަގުގައި ކެބެޖް ވިއްކާ ކަމުގެ މައުލޫމާތު ޕަބުލިކް ހެލްތަށް ލިބިފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށާ ހަމަ އެވަގުތު އެކަމުގެ ރިޕޯޓް ލިބުނު ދެ ގެޔަށް ހެލްތް އޮފިޝަލުން ގޮސް ބެލި ކަމަށެވެ.
އެތަނުން އެއް ގެއިން ފެނިފައިވަނީ ތިން ކެބެޖްކަމަށާ އެއީ މުސަޅަށް ކާން ދިނުމަށް ގެނައި ތަކެތި ކަމަށް ބުނެފައިވާ ކަމަށެވެ. އެކަމަކު ދެ ވަނަ ގެޔަށް ދިޔައިރު ގިނަ އަދަދެއްގެ ކެބެޖް ހުރި ކަމަށެވެ. އަދި އެވަގުތު އެ ގެނައި މީހާ އިނީ އެތަކެތި ރީތިކުރަން ކަމަށްވެސް އޮފިޝަލު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެތަކެއްޗަކީ ގޮނޑުން ގެނައި ތަކެތި ކަމަށްވުމުން އެތަކެތި ބޭނުން ނުކުރުމަށް ނަސޭހަތްތެރިވެ އެ އަލުން ކުނިކޮއްޓަށް އުކާލުމަށް އެމީހާގެ ފިރިމީހާގެ ހާޒިރުގައި ނަސޭހަތްދިން ކަމަށެވެ. އެކަމަކު މިއަދުވެސް އެމީހާ އެތަކެތި ސާފުކޮށް ވިއްކާކަމުގެ މައުލޫމާތު ލިބިގެން ގޮސް ނަސޭހަތްދިން ކަމަށް އޮފިޝަލު ވިދާޅުވި އެވެ.
ނަމަވެސް އެތަކެތި އެހެން ރަށަކަށް ވިއްކުމަށްޓަކާ ފެރީއަކަށްވެސް ގެންދިޔަކަމަށް އޭނާ ވިދާޅުވި އެވެ. ކައުންސިލް މެމްބަރަކު ވިދާޅުވީ، ވިޔަފާރިކުރުމަށްޓަކާ ފެރީއަށް ގެންގޮސް ހުރި ކެބެޖްތައް ފެރީން ބަލައި ކުނިކޮއްޓަށް ގެންގޮސް ނައްތާލާފައިވާ ކަމަށެވެ.
އަދި އެފަދަ ތަކެތި ކުނިކޮއްޓަށް އުކާލާއިރު އެތަކެތި މީހުން ހޮވައިގެން ނުގެންދެވޭނެ ގޮތަކަށް ނައްތާލުމަށްވެސް ވިޔަފާރިތަކަށް ކައުންސިލުން މިއަދު އަންގާފައިވާނެކަމަށް އޭނާ ވިދާޅުވި އެވެ.
ކައުންސިލް މެމްބަރު ވިދާޅުވީ، އެމީހާއަކީ މީގެ ކުރިންވެސް ގޮނޑުން ކެރެޓް ހޮވައިގެން އޭގައި އަސާރަ ހަދައިގެން ވިއްކިކަމުގެ ރިޕޯޓް ކައުންސިލަށް ލިބިފައިވާ މީހެއް ކަމަށާ އެފަދަ ކަންތައް ކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށް އޭނާ ވިދާޅުވި އެވެ
ކޭއާރުއެޗުގެ މެނޭޖަރު އަހުމަދު ދާއޫދު ވިދާޅުވީ، އެފަދަ ކަންތައްތަކީ ސިއްހީ ގޮތުން ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްވާތީ އެތަކެތި އެއްވެސް ފަރާތްތަކުން ބޭނުން ނުކުރުމަށެވެ. އަދި އެފަދަ ފަރާތްތައް ފާހަގަކޮށް އެއްބާރުލުން ނުލިބޭ ފަރާތްތަކާ މެދު ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ފިޔަވަޅު އަޅާނެ ކަމަށެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ގިނަ އަދަދެއްގެ ކެބެޖްތަކެއް ފިހާރައަކުން އުކާލާފައިވަނީ އޭގައި ލޮނާއި އިތުރު އެއްޗެހި ހޭކި ފަނި އަޅައި ހަލާކުވުމުންނެވެ.