މޯލްޑިވްސް ބާސްކެޓް ބޯލް އެސޯޝިއޭޝަން އާއި ޑަބްލިއު ސްޕޯޓްސް އެކަޑަމީ (ޑަބްލިއުއެސްއޭ) ގުޅިގެން ކުޅުދުއްފުށީގައި ބޭއްވި ބީއެމްއެލް އެމްބީއޭ އިންޓަރ އޮފީސް ބާސްކެޓް ބޯޅަ މުބާރާތް މި އަހަރު ކާމިޔާބުކުރީ ދިރާގު އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އެވެ.
މި މަހު ތިންވަނަ ދުވަހުން 9 ޓީމަކާއި އެކު ފެށި މި މުބާރާތުގެ ފައިނަލް މެޗްތައް ކުޅެފައިވަނީ އިއްޔެ އެވެ. ކުޅުދުއްފުށީގައި ހުންނަ އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުންނަށް ހުޅުވާލައިގެން ކޮންމެ އަހަރަކު ކުޅުދުއްފުށީގައި ބާއްވަމުން އަންނަ މި މުބާރާތަކީ އަންހެން އަދި ފިރިހެން ދެ ޖިންސުގެ ކުޅުތެރިންނަށް ބައިވެރިވެވޭ ގޮތަށް ބާއްވާ މުބާރާތެކެވެ.
އަންހެން ކެޓަގަރީން މި އަހަރު ޗެމްޕިއަންކަން ހޯދި ދިރާގުން ފައިނަލް ގައި ބައްދަލުކޮށްފައިވަނީ އޭއީސީ އެސް އާރު ސީ އާއެވެ. ދިރާގުން މުބާރާތް ކާމިޔާބުކޮށްފައިވަނީ 35 ޕޮޓް 22 ޕޮޓުން ނެވެ. ފައިނަލް މެޗްގައި ކުއިން އޮފް ދަ މެޗް ލިބިފައިވަނީ ދިރާގު ޓީމްގެ އީމާ އަހުމަދަށެވެ. މި ދެ ޓީމުގައިވެސް ރަށުން ބޭރު ކުޅުންތެރިން ފެނިގެން ގޮސްފައިވެ އެވެ.
ފިރިހެން ކެޓަގަރީން ފައިނަލްގައި އެސްޓީއޯ އާރ ސީ މައްޗަށް ކުރި ހޯދާފައިވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރ އެޗް)ގެ ޓީމެވެ. 92 ޕޮޓް 75 ޕޮޓުން ނިމުނު މި މެޗްގެ މެން އޮފްދަ މެޗް އަކަށް ހޮވިފައިވަނީ އެސްޓީއޯ ޓީމްގެ އަބްދުﷲ އަމްޒަރެވެ. މި ދެ ޓީމުންވެސް ރަށުންބޭރުގެ ކުޅުންތެރިން ފެނިގެން ގޮސްފައިވެ އެވެ.
މުބާރާތުގެ އެންމެ މޮޅު އަންހެން ކުޅުންތެރިއަކަށް ދިރާގު ޓީމުގެ އީމާ އަހުމަދު ހޮވިފައިވާއިރު މުބާރާތުގެ އެންމެ މޮޅު ފިރިހެން ކުޅުންތެރިއަކަށް ހޮވިފައިވަނީ ކޭއާރ އެޗް އާރ ސީގެ ޒަކަރިއްޔާ އަބުދުލް ލަތީފެވެ.
ކުޅުދުއްފުށީގައި ބާއްވަމުން އަންނަ މިމުބާރާތުގެ މިއަހަރުގެ ޗެމްޕިއަންޓީމަށް ވަނީ 5000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބިފަ އެވެ. މި އަހަރު މުބާރާތުގެ މެއިން ސްޕޮންސަރއަކީ ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އެވެ.
ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގެ ބާސްކެޓް ކޯޓުގައި ކުޅޭ މި މުބާރާތުގެ މަގުސަދަކީ ރަށުގައި ބާސްކެޓް އާލާކޮށް ޒުވާނުންގެ މެދުގައި ވާދަވެރި ކުޅިވަރަކަށް ހެދުމާއި މި ކުޅިވަރާމެދު ޒުވާނުންގެ ހިތުގައި ލޯބި ޖެއްސުންކަމަށް މި މުބާރާތް އިންތިޒާމް ކުރާ ޑަބްލިއު ސްޕޯޓްސް އެކަޑަމީން މައުލޫމާތު ދެއެވެ.
ޑަބުލިއު ސްޕޯޓްސް އެކަޑަމީ އަކީ ކުޅުދުއްފުށީގައި ރަށު ފެންވަރުގައި އާއި ގައުމީ ފެންވަރުގެ ގިނަ މުބާރާތްތަކެއް ހިންގަމުން އަންނަ އެކަޑަމީ އެކެވެ.