ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުގައި ހދ. ހަނިމާދޫ އާއި އެއަތޮޅު މަކުނުދޫގެ ކުޑަކުދިންގެ ޕާކްތައްވެސް ބަންދުކޮށްފި އެވެ.
އެކަން އިއުލާނު ކުރުމަށް ހަނިމާދޫ ކައުންސިލުން ނެރުނު އިއުލާނުގައި ބުނެފައި ވަނީ ވަކި ގޮތެއް ކައުންސިލުން އަންގަންދެން ކުޑަކުދިން އެއްވާ ޕާކްތަކާއި މޫދާއި ގޮނޑުދޮށްތަކާއި އެއްގެއިން އަނެއްގެއަށް ދިއުމާއި ބަލިމީހުން ތިބޭ ތަންތަނާއި ސިއްހީ މަރުކަޒު ތަކާއި ހޮޓާ ރެސްޓޯރެންޓް ފަދަ ތަންތަނަށް މިދުވަސްވަރު ނުދިއުމަށް އިލްތިމާސްކުރާ ކަމުގައެވެ.
އަދި މަކުނުދޫ ގައި ކޮވިޑް-19 އާއި ގުޅިގެން އުފައްދާފައިވާ ޓާސްކްފޯސްގެ އިރުޝާދުގެ މަތިން މަކުނުދޫ ޕާކްތަކާއި އެއްވެއުޅުމަށް ހެދިފައިވާ މައިޒާންތައް މިއަދުން ފެށިގެން ވަގުތީގޮތުން ބަންދުކުރެވިފައިވާކަމަށް އެރަށު ކައުންސިލުން ވެސް ބުނެ އެވެ. އަދި މި ދަނޑިވަޅުގައި ދަތުރު ދިއުމާއި މުޅިވަރުކުޅުމަށް ނުވަތަ ގިނަބަޔަކު އެއްވެ އުޅޭ ހަފްލާތަށް ނުބޭއްވުމަށް އިލްތިމާސް ކުރާކަމުގަ އެވެ.
މިއަދު ވަނީ ކުޅުދުއްފުށީ ސިޓީގެ ޕާކްތަކާއި އާޓިފިޝިއަލް ބީޗްވެސް ބަންދުކޮށް އެއްވުންތައް ނުބޭއްވުމަށް އިލްތިމާސްކޮށްފަ އެވެ. މިހާތަނަށް ރާއްޖެ އިންވެސް ވައިރަހަށް ޕޮޒިޓިވް ވެފައިވާ 10 މީހަކު ވަނީ ފެނިފަ އެވެ.