ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އިގެ ބަލާއާފާތާ ގުޅިގެން ސްރީ ލަންކާއިން އަޅާފައިވާ ފިޔަވަޅުތަކާއެކު އެ ގައުމުން އޮން އެރައިވަލް ވިސާ ދޫކުރާ ސްކީމް ވަނީ ވަގުތީ ގޮތުން މެދުކަނޑާލުމުން ދިވެހިންނަށް ވެސް ސްރީ ލަންކާއަށް ދާން އޮން އެރައިވަލް ވިސާ ނުލިބޭ ގޮތް ވެއްޖެ އެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން ކުރިން ބުނެފައިވާ ވަނީ ލަންކާ އިން މެދުކަނޑާލީ އެ ގައުމަށް އެތެރެވުމުގެ ކުރިން ނަގަން ޖެހޭ ސްކީމެވެ. ލަންކާ އާއި ރާއްޖެއާ ދެމެދު އޮންނަ އެއްބަސްވުމުގެ ދަށުން އެ ގައުމަށް ދިއުމުން ވިސާ ލިބޭ އުސޫލެއް އަސަރެއް ނުކުރާނެ އެވެ. އެގޮތަށް މިދިއަ ދެތިން ދުވަހު ލަންކާއިން އަމަލުވެސް ކުރި އެވެ. ނަމަވެސް މިހާރު ލަންކާއަށް އެތެރެވެ ވިސާ ނެގޭ ގޮތަށް އެއްބަސްވެފައިވާ ގައުމުތަކުގެ މީހުނަށް ވެސް އޮން އެރައިވަލް ވިސާ ދޫކުރުން މިހާރު ވަނީ ހުއްޓާލާފަ އެވެ.
ލަންކާގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހިން އެ ގައުމުގައި ކޮންމެހެން ކުރަން ޖެހޭ ދަތުރުފަތުރު ނޫނީ ނުކުރުމަށާއި، ގެއިން ބޭރުގައި ގިނަ ވަގުތު ނޫޅުމަށާއި މީހުން ގިނައިން އެއްވާ ތަންތަނަށް ނުދިއުމަށް ދިވެހި ސަރުކާރުން ވަނީ އިލްތިމާސް ކޮށްފަ އެވެ.
ލަންކާގައި ދިވެހިންގެ 15،000 އަށް ވުރެ ގިނަ މީހުންގެ އާބާދީއެއް އޮވެއެވެ. އެގޮތުން ލަންކާގައި ދިރިއުޅޭ ދިވެހިން އެ ގައުމުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަންގައި ރެޖިސްޓާ ކުރުމަށް ވެސް އިލްތިމާސް ކޮށްފައިވެ އެވެ.